ގައުމު ދެކެ ލޯބިވާ ވިޔަފާރިވެރިން ހަޅޭއް ލަވަނީއެވެ.
ކޮންމެ މީހެއްގެ އަތުގައި ބޯޑެއް އޮތެވެ.
ބޯޑުގައި ލިޔެފައި އޮތީ ގައުމުދެކެ ލޯބިވާކަން ދޭހަކޮށްދޭ އިބާރާތެކެވެ.
އެއް ބޯޑުގައި އޮތެވެ.
"އަހަރެމެންގެ ބިމުން އެންމެ އިންޗިއެއްވެސް ބޭރު ބަޔަކަށް ދީގެން ނުވާނެއެވެ."
އަނެއް ބޯޑުގައި އޮތެވެ.
"އަހަރެމެންގެ ދީނާ ކުޅޭއިރަކު ހިމޭނަކުން ނުތިބޭނަމެވެ."
އަހަރެން މީހުންގަނޑުގެ ތެރެއިން ނުކުމެ ވިޔަފާރިވެރިންގެ ކުރިމަތީގައި ހުއްޓިއްޖައީމެވެ.
އަހަރެން ފެނުމާއެކު ދެނަކާ ދެނެއް ނެތެވެ.
އަހަންނާ ދިމާއަށް ގޮވައިގަތް އެތިވަރުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ.
ލޯވެސް ހުޅުވައިލާކަށް ކެރޭ ވަރެއް ނޫނެވެ.
އެއް ވިޔަފާރިވެރިއަކު ބުންޏެވެ.
ކަލެއަކީ ޣައްދާރެކެވެ.
ގައުުމުގެ ދުޝްމަނެކެވެ.
އަހަރެން ޖީބުން ކަރުދާސްގަނޑެއް ނަގައި އަތުކޮޅަށް ހިއްލައިލުމަށް ބާރަށް ގޮވައިލީމެވެ.
"އަހަރެންގެ އަތުގައި މި އޮތީ ގައުމު ދެކެ ލޯބިވާ ކަމުގެ ސަނަދެވެ."
ވިޔަފާރިވެރިއަކު ބުންޏެވެ.
"ތިޔަ ސަނަދު ދޭތަނަށް އަހަރެމެން ގޮވައިގެން ހިނގާށެވެ."
"އަހަރެމެންނަކީވެސް ގައުމު ދެކެ ލޯބިވާ މީހުންނީމުއެވެ."
އަހަރެން އެމީހުން ގޮވައިގެން ގޮސް އޮފީހެއްގެ ދޮށަށް މަޑުކޮށްފީމެވެ.
އެކަކު އަހައިފިއެވެ.
"މިއީ ކޮން އޮފީހެއް ހެއްޔެވެ؟"
އަހަރެން ބުނީމެވެ.
"މީރާއެވެ."
ކުއްލިއަކަށް ހުރިހައި ވިޔަފާރިވެރިން އެކި ދިމަދިމާއަށް ގޮސް ހުސް ވެއްޖެއެވެ.