އިރާދަ ކުރެއްވިއްޔާ މަޖިލީހަށް ވަންނާނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހިފައިގެން: ޑރ. ޢަދީލް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ. އަޙުމަދު ޢަދީލް ނަސީރު ހުންނެވީ މަޖިލީސް ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ކެތްމަދުވެފައެވެ.

އޭނާ ސިޔާސީ ދާއިރާއަށް ނިކުންނެވީ ތަޢުލީމީ ދާއިރާގައި ދިގުމާޒީއެއް ހޭދަ ކުރެއްވުމަށްފަހުއެވެ. ދިގު އެ މާޒީގައި އޭނާއަށް ވަނީ މުޖުތަމަޢު ހަތަރު ބިތުން ފެނިވަޑައިގެންފައެވެ. ރައްޔިތުންގެ ބޭނުންތައް އެނގިވަޑައިގެންފައެވެ. ރައްޔިތުންގެ ހިތުގައި ޖަހާ ވިންދާއި އެވިންދުގެ ރާގު އެނގިވަޑައިގެންފައެވެ.

އޭނާގެ އުންމީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުން އެދާއިރާގެ ގޮނޑިއަށް އޭނާ އިންތިޚާބު ކޮށްދެއްވުމެވެ. އޭނާގެ ރޫޙަކީ ކެތްތެރިކަމާއެކު ޤާނޫނީ އިމުގެތެރެއިން ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމެވެ. ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. އޭނާގެ ޢަޒުމަކީ ރައްޔިތުންގެ ޚިދުމަތްތެރި މެމްބަރެއްގެ ގޮތުގައި ދެމިހުންނެވުމެވެ. "އަޅުގަނޑުގެ މުޅި ޢުމުރު ހޭދަ މިކުރަނީ ހިތަދޫގައި. އެހެންކަމުން އަޅުގަނޑުގެ ދާއިރާއާއި ހިތަދޫ ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގޭ. އެންމެ ބޮޑަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ވެސް އެނގޭ. މަޖިލީހަށް ކުރިމަތި ލުމުގެ މައިގަނޑު މަޤުސަދަކީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުން،" ޢަދީލް ވިދާޅުވިއެވެ.

އޭނާ މަޖިލީހަށް ވަންންވާނީ ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކުގައެވެ. އޭނާ މަޖިލީހަށް ވަންނަވާނީ އެ ކަންބޮޑުވުންތަކަށް ނިމުން ގެންނަވާނެ ފޯމިޔުލާއާ ވެސް އެކުގައެވެ.  އެ ފޯމިޔުލާ ޤާނޫނުގައި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޢަދީލް ދެކެވަޑައިގަންނަވާ ގޮތުގައި މުޖުތަމަޢުގައި ފުދުންތެރިކަން އިތުރުކޮށް އަމިއްލަ ފައިމައްޗަށް ތެދުވާން އެންމެ މުހިންމު ކަމަކީ އަމިއްލަ މިނިވަން ކަމެވެ. އަމިއްލަ ވަންތަ މީހަކަށް ނުވަތަ ބަޔަކަށް ވެވޭނީ އަސާސީ ކަންކަން ފުރިހަމަ ވެގެންނެވެ. އަސާސީ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަމިއްލަ ވަޒަނެއް ހުރުމެވެ. އެހެންނަމަވެސް ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން އަމިއްލަ ދިރިއުޅުން ކޮޅަށް ނަގައި އާރާސްތު ނުކުރެވިފައިވާ އެތައް ބަޔަކު ހިތަދޫގައި އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ގޯތިދޭނެ ބިން ހިތަދޫގައި ނެތްކަމަށް ދައްކާ ވާހަކަ އޭނާ ޤަބޫލެއް ނުކުރައްވައެވެ. އެފަދަ ވާހަކަތަކީ މިޒަމާނަށް ފެތޭ ވާހަކަތަކެއް ވެސް ނޫނެވެ. ސަބަބަކީ ބިން އިތުރުކުރެވޭނެ ގޮތް އޮތުމުންނެވެ. އެހެންވީމާ އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ގެދޮރުގެ މައްސަލަތައް ޙައްލު ކުރުމަށް ކަމަށް ވިދާޅުވިއެވެ.

މަޖިލީސް ތެރެއިން ކަންކަން ކާމިޔާބު ކުރެއްވުމަށް މުހިންމު ދެކަމެއް ބޭނުންވެއެވެ. "މަޖިލީސް ތެރޭގައި މުޢާމަލާތް ކުރުމަށް މުހިންމު ދެ ހުރަނެއް އެބަ ބޭނުންވޭ. އެއް ހުނަރަކީ ދިރާސާ ކުރުމުގެ ހުނަރު. އަނެއް ހުނަރަކީ  ވަކާލާތު ކުރުމުގެ ހުނަރު. ފެށުނީއްސުރެން މަސައްކަތްކޮށް ތަމްރީން ވަމުން މިދަނީ ދިރާސާ ކުރުމުގައި. އެންމެފަހުން ހެދި ޕީއެޗުޑީވެސް ނިންމާލީ ބޮޑު ދިރާއަކުން. ދެން މިއޮތީ ވަކާލަތު ކުރުން. އެކަމަށް ބޭނުންވަނީ ވާހަކަ ދެއްކުމާއި މީހުންނާ އެކީގައި އިށީނދެ އިނދެ އެމީހާއަށް ބޭނުންވާ ކަމެއް ހުށަހަޅައި ދިނުން. އެ ތަމްރީން ވެސް އަޅުގަނޑަށް ލިބިފައިވާ ކަމަށް ޤަބޫލުކުރަން،" ޑރ. ޢަދީލް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޢަދީލް ވިދާޅުވަނީ

ޢަދީލް ވިދާޅުވީ ރައްޔިތުންގެ ކަންކަން ނިންމަން އެމީހުން މަޖިލީހަށް ފޮނުވާނީ ކާކުތޯ ނިންމާނީ ރައްޔިތުން   ކަމަށެވެ. އެ ފުރުސަތު މިހާރު މިއޮތީ ރައްޔިތުންނަށް ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކޮންމެ ފަސްއަހަރަކުން އެއްފަހަރު ލިބޭ ވޯޓު ލުމުގެ ފުރުސަތެވެ. އެ ފުރުސަތުގެ ބޭނުން ކުރާއިރު އެންމެ ޤާބިލް މީހާ ހޮވުމަކީ ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތެވެ.

"ރައްޔިތުންނަށް މިއޮތީ ފުރުސަތު ލިބިފައި. މަޖިލީހަށް އިންތިޚާބު ކުރާނެ ރަނގަޅު މީހަކު މިހާރު އެމީހުންނަށް ފެންނާނެ. އެ މީހާ ފެންނަންހުރި އިރު ރަނގަޅަށް ބަލާފައި އަމިއްލައަށް ފަރުދީ ޒިންމާ އަދާކުރާށޭ،" ޢަދީލް ވިދާޅުވިއެވެ.

ވޯޓު ލުމުގެ ޙައްޤާ މެދު ދެކެވަޑައިގަންނަވާ ގޮތް

ވޯޓު ލުމަކީ ކޮންމެ މީހަކަށް މިނިވަންކަމާއެކު ލިބިގެންވާ މުހިންމު ޙައްޤެއް ކަމަށް އެންމެން ޤަބޫލުކުރެއެވެ. އެވާހަކަ އަޑުގަދަކޮށް ދައްކައެވެ.

"ދިވެހި މުޖުތަމަޢުގެ ތެރޭގައި އެންމެ އާންމުކޮށް ބުނާ އެއް ވާހަކައަކީ ވޯޓަކީ ތިމަންނަގެ ޙައްގެކޭ. އަޅުގަނޑު ދެކެނީ އެއީ ޙައްގަކަށްވުރެ ދުރަށޭ ވޯޓު މިއޮތީ. ވޯޓަކީ މުސްތަގުބަލުގެ ޖީލަށްޓަކައި އެމީހާ އަތުގައި އޮތް އަމާނާތެކޭ. މުސްތަގުބަލުގެ ޖީލާ ހަމައަށް އެ އަމާނާތް ރައްދުކުރުމަށް އެ ޙައްޤު ބޭނުންކުރާށޭ. އަމާނާތަށް ޚިޔާނާތެރި ނުވާށޭ. ވަރަށް ރަނގަޅަށް ވިސްނަވާފައި ވޯޓު ދެއްވާށޭ ހުރިހާ ރައްޔިތުން،" ޢަދީލް ވިދާޅުވިއެވެ.

 

ޢަދީލަށް ވޯޓު ދޭންވީ ކީއްވެ؟

ޑރ. ޢަދީލް ވިދާޅުވީ އޭނާއަކީ އެއްވެސް މީހަކު ޖަޖު ކުރާނެ ބޭފުޅެއް ނޫންކަމަށެވެ. ކޮންމެ މީހަކީވެސް ކަންކަން ކުރިވިދާނެ މީހެއްކަން ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތި ލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ކެންޑިޑޭޓަކީ ޚުދު އޭނާ ކަމަށް ޑރ. ޑރ. ޢަދީލް ވިދާޅުވިއެވެ. "ރައްޔިތުން ބަލަންވީ ރައްޔިތުންގެ އިޙުސާސް އެންމެ އެންމެ ރަނގަޅަށް އެނގޭނީ ކާކަށްތޯ، އެ އިޙުސާސް އެންމެ ރަނގަޅަށް ހާމަކޮށްދެވޭނީ ކާކަށްތޯ. ތިމަންނަ މެންގެ އިޙުސާސް ހޯދައި ބަލައި އެކަން ފެނާނީ ކާކަށްތޯ. އަދި މިކަމާ ގުޅޭ ޢިލްމީ ބަޙުސެއް ގެނެސް ދެވޭނީ ކާކަށްތޯ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ މިކަން ކުރެވޭނެ މީހެއް،" ޢަދީލަށް ވޯޓު ދޭންޖެހޭ ސަބަބު ވަރަށްކުރުކޮށް އޭނާ ވިދާޅުވެދެއްވިއެވެ.

ޢަދީލަކީ އުސޫލް ތަކުގައި ހިފަހައްޓަވާ ޒުވާނެކެވެ. ނުގުޑާފަދަ ޢަޒުމެއްގެ ޢިލްމީ ބޭފުޅެކެވެ. ރައްޔިތުންގެ ޙާލަތާމެދު އަބަދުވެސް ފިކުރު ކުރައްވައި އެކަން ރަނގަޅު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ.

ވަކި ކުލައަކަށް ނުބަލާނަން

ޢަދީލް ވިދާޅުވި ގޮތުގައި އޭނާ މަޖިލީހަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެންމެނަށް ޚިދުމަތް ކުރެއްވުމަށެވެ. ވަކި ޕާޓީއަކަށް ނުވަތަ ވަކިކުލައަކަށް ބެލުމެއްނެތިއެވެ. ޒުވާނުންނާއި ޢުމުރުން ދުވަސްވީ ހަރު މީހުންނާއި ޖުމްލަކޮށް މުޅި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަކީ އޭނާގެ ޢަޒުމެވެ. މިއީ ޑރ. ޢަދީލުގެ ވާހަކައެވެ. ރައްޔިތުން ގޮތް ނިންމަވާށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.