ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ގއ. ގެމަނަފުށީ ދާއިރާއަށް ކުރިމަތި ލައްވައިފައިވާ އެދާއިރާގެ މިހާރުގެވެސް މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވަނީ އޭނާ އިތުރު ދައުރަކަށް އިންތިޚާބު ކޮށްދެއްވުމަށެވެ.
ދެވަނަ ދައުރެއް ދެއްވިޔަސް އޭނާއަކީ ދާއިރާގެ ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށާއި އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ ކުރިން ވެސް ދާއިރާއަށް ޒިޔާރާތްކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ މީހެއް. އިރާދަ ކުރެއްވިއްޔާ އިތުރުދައުރެއް ދެއްވައިފިނަމަ ކުރިއަށްވުރެވެސް ގާތުން މަސައްކަތް ކުރާނަން،" ޖޭޔޫ ވިދާޅުވިއެވެ.
އޭނާ ވަނީ ނިމިގެން މިދާ ދައުރުގައިވެސް ދާއިރާއަށް އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށްޓަކައި އޭނާއަށް ދެވަނަ ދައުރެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޖޭޔޫއަކީ ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ޖަލްސާތަކަށް ޙާޒިރުވި މެމްބަރެވެ. އަދި މަޖިލީހުގެ ޖަލްސާ ތަކުގައި ރައްޔިތުންގެ އަޑު އިއްވެވުމުގައި އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި އޭނާވަނީ ރައްޔިތުން ތަމްސީލް ކޮށްދެއްވަވައިފައެވެ.
ޖޭޔޫއަކީ ދާއިރާއަށް އެންމެ ގިނައިން ވަޑައިގެން ކަންކަން އޮޅުންފިލުވައި ރައްޔިތުންނާ ބައްދަލު ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ އެއްބޭފުޅެކެވެ. އޭނާއަކީ ދާއިރާއާއި ދާއިރާގެ ރައްޔިތުންނާ ނުހަނު ގުޅުން ބާއްވާ އެހެން މީހުންނަށް އިޙުތިރާމް ކުރައްވާ ބޭފުޅެކެވެ. "ދާއިރާގެ ތަރައްޤީއަށް މިފަހަރުވެސް ބޮޑު އިސްކަމެއް ދޭނަން. ގެމަނަފުށީ ދާއިރާއަށް ތަރައްޤީގެ މަޝްރޫޢުތައް ހޯދައި ދިނުނަށް ސަރުކާރުތެރެއިން ވެސް މަސައްކަތްކުރާނަން،" ޖޭޔޫ ވިދާޅުވިއެވެ.
އޭނާއަކީ ސްކޫލް ދައުރުން ފެށިގެން ވެސް ކަންކަމުގައި ޙަރަކާތްތެރިވާ ދޫހެލޭ، ތަޢުލީމީ އަދި ޤާބިލް ބޭފުޅެކެވެ. މިހުރިހާ ކަމަކަށާއި ނިމިގެން މިދާ ދައުރު އޭނާގެ މަސައްކަތަށް ބަލާފައި ދާއިރާގެ ރައްޔިތުން އޭނާއަށް އިތުބާރު ކުރެއެވެ.
"އަޅުގަނޑަށް އެނގޭ ގެމަނަފުށީ ދާއިރާގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރާކަން. އެ އިތުބާރު ދެމެހެއްޓުމަކީ އަޅުގަނޑުގެ ކަމެއް އެކަން އަޅުގަނޑު ކުރާނަން. ދާއިރާއަށްޓަކައި ކޮށްދޭންޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް މިހުރީ،" ޖޭޔޫ ވިދާޅުވިއެވެ.