އަޅުގަނޑުމެން މިކުރާ މަސައްކަތުން ކޯލިޝަންގެ ޕާޓީއަކަށް ދެރަގޮތެއް ނުވާނެ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުން ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީޕީ ޓިކެޓުގައި ހުޅުދޫދާއިރާއަށް ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕޭން އިފްތިތާހު ކޮށް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީއާއި، އެމްއާރުއެމްއާއި އަދި އެތައް ބަޔަކު ބުރަމަސައްކަތެއް ކޮށްދެއްވިކަން އަބަދުވެސް ހަނދުމަފުޅު ހުންނަވާނެ ކަމަށެވެ. "މިއަދު ވެސް ހުރިހާ ޕާޓީއަކަށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިދަންނަވަނީ ތިޔައިން އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން މިކުރާ މަސައްކަތުން ދެރަގޮތެއް ނުވާނެޔޭ އަޅުގަނޑުމެންނާއެކީގައި މިފަހަރު ތިއްބަވާށޭ،" ރައީސް ވިދާޅުވިއެވެ. އެމްޑީޕީގެ އަމާޒު ވަރަށް ސާފުކަމަށާއި ކުރައްވަން އުޅުއްވާ ކަންތައް ވަރަށް ރީއްޗަށް ފެންނަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޕީޑިން މަސައްކަތް ކުރަނީ މުޅިރާއްޖެއާއި ހުރިހާ ރައްޔިތުންނާއި ހުރިހާ ރަށެއް ތަރައްޤީ ކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ "ތިޔަ ބޭފުޅުން އަޅުގަނޑު ރައީސް ކަމަށް ހޮއްވެވީ މާރީތި މީހަކަށް ވެގެންނެއްނޫން. އަދި މާކުލަ އަލި މީހަކަށް ވެގެންނެއްވެސް ނޫން. ތިޔަ ބޭފުޅުން އަޅުގަނޑު ހޮއްވެވީ އަޅުގަނޑުވި ވަޢުދުތަކެއްގެ މައްޗަށް. އަދި އެވަޢުދުތައް ފުއްދާނެ ކަމުގެ ޔަޤީންކަން ތިޔަ ބޭފުޅުންގެ އޮތީމައި،" ރައީސް ވިދާޅުވިއެވެ. ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވަޢުދުތައް ފުއްދެވުމަށްޓަކައި އެވަޢުދުތައް ޤަބޫކުރާ އަދި އެވަޢުދުތަކަށް ތާއިދު ކުރައްވާ ބޭފުޅުން ރައްޔތުންގެ މަޖިލީހުގައި ތިއްބަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އިލްޔާސް ލަބީބަކީ އެ ވަޢުދުތައް ޤަބޫލު ކުރައްވާ އެއަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށްވާތީ ހުރިހާ ރައްޔިތުންވެސް އޭނާއަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އިލްޔާސް ލަބީބަކީ ވަޢުދު ފުއްދަން ދެނެވަޑައި ގަންނަވާ ބޭފުޅެއް ކަމަށާއި އެއީ ތެދުވެރި ވަފާތެރި އަދި މަސައްކަތްތެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އިލްޔާސް ލަބީބަށް ވޯޓު ދެއްވަން މިދާއިރާގެ އެއްވެސް ބޭފުޅަކު ޖެހިލުންވެ ވަޑައިގަންނަވާނެ ކަމެއްނެތް،" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުދުއާއި މީދޫއަކީ އައްޑޫ ސިޓީގައި ވަކިންއޮތް ދެރަށަކަށްވާތީ އެ ދެރަށް ތަރައްޤީ ކުރެއްވުމުގައި ޚާއްސަ ގޮތްތަކެއް އެދެރަށާމެދު ގެންގުޅުއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެ ދެރަށް ތަރައްޤީ ކުރެއްވުގެ ތަސައްވުރެއް ގެންގުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "މިދެރަށުގައި ސިޓީކައުންސިލް ރަނގަޅަށް ހިންގަން އެބަޖެހޭ. އޮފީސް ހުންނަން އެބަޖެހޭ. ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ސީދާ ރައްޔިތުންނާ ކައިރިން ޚިމަތް ލިބޭގޮތް ހަދަން އަޅުގަނޑުމެން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ. އެ ދެރަށުން ރަނގަޅު ތަޢުލީމާއި، ސިއްޙީ ޚިދުމަތުގެ އިތުރަށް އައްޑޫ ސިޓީގެ އެހެން ރަށްރަށާއި ހުޅުމީދުއާ ދެމެދު ދަތުރުފަތުރުގެ ޚިދުމަތް ފަސޭހައިން ލިބެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. "ހެނދުނު ގޮސްފައި ހަވީރު އަންނަ ގޮތަކަށް ނޫން މިދޭތެރޭގައި ފެރީ އޮންނަންވީ. އެއަށްވުރެ މާރަނގަޅަށް އެކަން ރޭވިފައި އޮންނަންޖެހޭނެ. އަޅުގަނޑުމެން މިތިބީ އެ ތަސައްވަރާއެކުގައި އެކަން ކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމީދޫ ދޫކޮށް ރަށުން ބޭރަށް ގޮސްފައިވާ މީހުން އަލުން އެރަށަށް ގެންނާނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ. ފުލެޓުތަކެއް އަޅާފައި ހުއްޓަސް ބަޔަކު ނާންނާނެ ކަމަށާއި އެ ދެރަށުގެ ރައްޔިތުން އެނބުރި އަންނާނެ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.