އިންތިޚާބު ބޯމަތި ވެއްޖެ، ތިބާ ވޯޓުދެނީ ކާކަށް؟

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް ވޯޓުލުމަށް މަސްދުވަހަށްވީއެވެ. ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބު ކުރެވިއްޖެއެވެ. ކޮންމެ ކެންޑިޑޭޓަކުވެސް އެމީހެއްގެ ޓީމް އެކުލަވާލައި މަސައްކަތް މާކުރީންވަނީ ފަށައިފައެވެ. ބެނަރތަކާއި، ޕޯސްޓަރުތައް ތައްޔާރުކޮށް އެކިތަންތަނުގައި ވަނީ ހަރުކޮށްފައެވެ.

ކެމްޕޭން ލަވަހަދައި ރެކޯޑުކޮށް ހަރުގެތަކާއި ސަޕޯޓަރުންގެ ގެތަކުގައި ދަނީ ޖަހަމުންނެވެ. ކެމްޕޭންޖަގަހަތައް ވަނީ ހޭލަމޭލަ ވެފައެވެ. ކަރުތެންމުމާއި ބައެއް ކުޅިވަރު ކުޅެވޭނެ ގޮތްތައް ވަނީ ހަމަޖެހިފައެވެ. ސަޔާއި ކޮފީއެވެ. ބިސްކޯދާއި ފާރޮށީގެ މޮޑުންތަކެވެ. ރާޒުވާއާއި ތާސް ކުޅުމެވެ.

ފޭސްބުކް، ޓްވިޓަރ، އިންސްޓަގްރާމް، ވައިބަރ އަދި ޓެލެގްރާމްގައިވެސް މިދުވަސްވަރަށް އެހެން އަޑެއް އަދި ފޮޓޯއެއްވެސް ބޭނުންކުރުންވާނީ "ޓެބޫ" ކަމަކަށެވެ.  މިއީ ރާއްޖޭގައި އަންނަ ސިޔާސީ ޢީދު ތަކުގެ ތެރެއިން އެންމެ ވަރުގަދަ ޢީދެވެ.

މާޒީއަށް ބަލާއިރު ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ވަރަށް ބޮޑަށް އިންސާފު ގޯޅިއަޅައިފައިވަނީ ބާރުގަދަމީހާގެ ކޮޅަށް ކަމަށް ވާހަކަ ދެކެވެއެވެ. ހަމަހަމަކަމާއެކު ޢާންމު ރައްޔިތުންނަށް ޚިދުމަތް ކޮށްދެވުނު މަޖިލިހެއް މިހާތަނަށް ފެނިފައެއް ނެތް ކަމަށް ބުނެވިދާނެއެވެ.

ބައެއް މީހުން މަޖިލީހަށް ކުރިމަތިލައިގެން މިހޮވެނީ ރައްޔިތުންނަށްވުރެ ބޮޑަށް ތިމާގެ އަމިއްލަ ނަފުސަށް ލިބޭ ފައިދާއެއްގެ ބޮޑުކަމުން ކަމަށް ވެސް ވެދާނެއެވެ. ބައެއް މީހުން މަޖިލިހަށް ދަނީ މުއްސަނދިވާން ކަމަށްވެސް ވެދާނެއެވެ. އަދި ބައެއްމީހުން ދަނީ "އިއްޒަތަށް" ޓަކައި ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އެމީހުންނަށް ވޯޓުދިން ރައްޔިތުންގެ ކުރާ ޝަކުވާއެއް އޮވެއެވެ. އިޚުލާސްތެރި ކަމެއްނެތް ވާހަކައެވެ. އިންތިޚާބަށްފަހު މެމްބަރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ކެނޑޭ ވާހަކައެވެ. ރައްޔިތުންނަށް މިހާރު ޖެހިފައިވަނީ އިޚުލާސްތެރިން ހޯދުމަށެވެ. އެހެންނަމަވެސް އިޚްލާސްތެރިން ވަކިކުރާނީ ކިހިނެއްހެއްޔެވެ؟ ރައްޔިތުން ޙަޤީގަތުގައި ވޯޓު ދެނީ އިޚްލާސްތެރިވާނެ ކަމަށް ބަލައިގެންނެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ހަމައެކަނި ޝަރުތަކީ އިޚްލާސްތެރި އަކަށްވުން ކަމަށް ބަލަމާ ހިނގާށެވެ. މަޖިލިސް މެމްބަރަކަށް ވުމަށް އެއްވެސް ތަޢުލީމީ ފެންވަރެއް ހުރުން ލާޒިމެއް ނޫނެވެ. އަދި ތަޖްރިބާއެއް ހުރުން ވެސް ލާޒިމެއްނޫނެވެ. 18 އަހަރުވެފައި ހުރި ކޮންމެ މީހަކަވެސް މިކަމަށް ކުރިމަތިލެވިދާނެއެވެ.

ރައްޔިތުންގެ މަޖިލީހެއް އޮތީ ވެސް ރައްޔިތުންނަށްޓަކައެވެ. މެމްބަރުން ވެސް ވާންޖެހޭނީ ރައްޔިތުންގެ ޚާދިމުންނަށް ކަމަށް ދަންނަ މީހުން ކިޔާތީ އިވެއެވެ. ޤާނޫނު އަސާސީގެ މާއްދާ 4 ގައިވަނީ ހުރިހާ ބާރެއް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމެވެ. އެކަން ދަންނަ މީހަކު މަދެވެ. ނޫނީ އެކަން އޮތް ގޮތް ބެލުމުގެ ޝައުގެއް ނެތެވެ. މުހިންމީ ހަމައެކަނި ކަމެއް އޮތް އެނގުމެއް ނޫނެވެ. މުހިންމީ އެއަށް ޢަމަލު ކުރުމެވެ.

ރާއްޖޭގެ ރަށްތަކުގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ނިސްބަތުން ދަށެވެ. އެކަން އެހެން ވާން ޖެހުނީ އިޚުލާސްތެރިކަމެއް ނެތް ބަޔަކު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ނުކުމެ ޙައްޤު ހޯދައިދިނުމުގެ ބަދަލުގައި ރައްޔިތުން އަޅުވެތިކޮށްފައިވާތީ ކަމަށް ބެލެވިދާނެއެވެ. ރައްޔިތުން އެމީހުންނަށްޓަކައި މަޖިލީހަށް އިންތިޚާބުކުރާ އެމީހުންގެ މަންދޫބު މަޖިލީހުގައި ކޮންމެ ކަމެއް ކުރަންވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ. ރައްޔިތުންނަށް މަންފާ ލިބޭގޮތަށެވެ. ރައްޔިތުންނަށްޓަކައޭ ބުނެ ވޯޓު ވިއްކައިގެން ނުވާނެއެވެ. ރައްޔިތުންނަށްޓަކައޭ ބުނެ ކަނޑައެޅިގެން ރައްޔިތުންނަށް ގެއްލުންވާ ބިލްތަކަށް އާއެނކޭ ބުނެގެން ވެސް ނުވާނެއެވެ.

މަޖިލިސް އިންތިޚާބަށް ވޯޓްލުން ބޯމަތިވެފައިވާއިރު ދާއިރާތަކަށް ކުރިމަތިލައިފައިވާ މީހުންގެ ވަނަވަރު ހޯދައި  މި ބުރަ އަދި ބޮޑު ޒިންމާ އެންމެ ރަނގަޅުގޮތުގައި ރައްޔިތުންނަށް އަދާކޮށްދެނީ ކާކުތޯ ބަލާށެވެ. ވޯޓު ލުމުގެ ކުރިން ވޯޓު މިދެވޭނީ ކާކަށްތޯ އެނގެން ޖެހެއެވެ. އެއީ ކިހާވަރެއްގެ ނަޒާޙަތްތެރިއެއްކަން ވެސް އެނގެންޖެހެއެވެ. ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖްރިބާއާއި، އެމީހެއްގެ ހުނަރާއި، މީހުންނާއި އޮންނަ ގުޅުންވެސް ހާމަކޮށްދޭންޖެހެއެވެ. އަދި ރައްޔިތުން ވެސް އެކަން ބެލުން މުހިންމެވެ. ސަބަބަކީ މީހުންނަށް އިޙުތިރާމް ކުރާ ތެދުވެރި އަދި ގުޅުން ރަނގަޅު މީހަކު މިފަދަ ކަމަކަށް (މެމްބަރުކަމަށް) މުހިންމުވާނެތީއެވެ. އަދި މީގެ އިތުރަށް މަޖިލީހުގައި ކުރަންޖެހޭ މަސައްކަތަށް ހޭލުންތެރިވެފައިވާ މިންވަރާއި، އެފަދަ މަސައްކަތެއް ކުރުމުގެ ޢިލްމީ ޤާބިލްކަންވެސް މުހިންމެވެ. މަޖިލީހަކީ މުޅިޤައުމުގެ ސިޔާސަތު ބައްޓަންކުރާ ތަނަކަށް ވީހިނދު އެތަނުގައި ތިބެންޖެހޭނީ ހުރިހާ ގޮތަކުންވެސް އެމަސައްކަތަށް ޤާބިލް  ބައެކެވެ. މަޖިލީސް ވަކި ޕާޓީއަކަށް ނޫނީ ވަކި ސިޔާސީ ލީޑަރެއްގެ ފިކުރަކަށް ދޫކޮށްލުންވެސް ރަނގަޅު ކަމަށް ނުބެލެވޭނެއެވެ. ނޫނީ ތިމާ ފައިސާގައި ހިފާފައި ވޯޓް ދިނުމަށްފަހު ދާއިރާގެ ރައްޔިތުންނަށް ޢާންމު ޚިދުމަތް ނުލިބޭތީ ޝަކުވާ ކުރުމުން މެމްބަރު ތިބާއާ ދިމާއަށް " ތިމަންނަ ވޯޓް ގަތީއޭ" ބުނުން އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އެއަށްވުރެ ރީތި މަންޒަރެއް ކުރަހަމާ ހިނގާށެވެ.

ބޭނުންވަނީ ޤައުމާއި ތިމާގެ ދާއިރާއަށް ރޯޝަނީ ކަމާއި އާރޯކަން ހޯދައި ދިނުމަށް މަސައްކަތްކުރާނެ މެމްބަރެކެވެ. ސަރުކާރު ތެރެއިން ރަށުގެ ތަރައްޤީއާއި އަސާސީ ޚިދުމަތް ހޯދައިދިނުމަށް މަސައްކަތްކުރާނެ އިޚުލާސްތެރި މެމްބަރެކެވެ. އެމީހެއްގެ އިޚުލާސްތެރިކަން ދައްކަންވީ ބަހުންނޫނެވެ. ޢަމަލުންނެވެ. އެމީހަކީ އިޚްލާސްތެރިއެއްކަން ރައްޔިތުންނަށް ސާބިތު ކޮށްދޭންވީ އިންތިޚާބުގެ ކެމްޕޭނަކު ނޫނެވެ. އެއަށްވުރެ ކުރިންނެވެ. ރައްޔިތުން ވެސް ޙަޤީގަތުގައި ބޭނުންވާނީ އެފަދަ މީހެކެވެ. އެފަދަ މީހަކު ހޯދުމަކީ ރައްޔިތުންގެ ފަރުދީ ޒިންމާއެކެވެ.

ތިމަންނައަކީ އިޚުލާސްތެރިއެކޭ، ޢާލިމެކޭ، އެދުރެކޭ، އުސްތާޒެކޭ ވިދާޅުވެ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަޔަށް އެމީހަކު ރައްޔިތުންނަށް ވިއްކަން އުޅޭ ސިފަ އެމީހެއްގެ ގައިގައި ޙަޤީގަތުގައިވެސް ހުރިތޯ ބެލުމަކީ ރައްޔިތުން ކުރަންޖެހޭ ކަމެކެވެ. އަތުގައި އޮންނަ ޢިލްމީ ސެޓުފިކެޓާއި، އެމީހަކަށް އޮންނަ ރަސްމީ ލަޤަބަކީ މަޖީލިސް މެމްބަރަކަށް ކުފޫ ހަމަވާ ކަމުގެ ހެއްކެއް ނޫނެވެ. ފުރަތަމަ ފަހަރަށް އެދުރެއް ނުވަތަ މީހުން އިޙުތިރާމް ކުރާ ލަޤަބެއް ވިއްކައިގެން މަޖިލީހަށް ހޮވިދާނެއެވެ. ދެވަނަ ފަހަރަށް އެމީހަކު ރައްޔިތުން ގާތަށް އަންނައިރު "ގޭންގް ލީޑަރެއް" ގެ ގޮތުގައި އަޔަސް ރައްޔިތުން ވޯޓުދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ތިމާމެން ވޯޓުދޭން އެންމެ އެކަށީގެންވަނީ ކާކަށްތޯ ނިންމަން އެންމެ ފަސޭހަވާނީ ކޭމްޕޭން އެއްވުން ތަކުގައި ހުރިހާ ކެންޑިޑޭޓުން ދައްކާ ވާހަކަ އަޑުއަހައިގެންނެވެ. އެމީހަކު ދާއިރާއަށް ކޮށްދޭނެ ކަމަށް ބުނާ ކަންކަން އަޑުއަހައިގެންނެވެ. ތިމާ ވޯޓުދޭންވީ ދާއިރާއަށް އެންމެ ރަނގަޅު "ޕެކޭޖު" ހުށަހަޅާ ނަޒާޙަތްތެރި އަކަށެވެ. ޕާޓީ މީހާއަށްވީތީއެއް ނޫނެވެ. އެއްބަޑު އެއްބަފާ މީހާއަށް ވީތީއެއްވެސް ނޫނެވެ. ރައްޓެހި ރަޙުމަތްތެރިޔާއަށްވީތީއެއްވެސް ނޫނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.