
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއިން ބަލިވާ ކެންޑިޑޭޓުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލެވޭނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމް ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ޙުކުމް ކުރެއްވުމުން ސިޔާސީ ޕާޓީތަކުގެ 10 ވަނަ މާއްދާ ބާތިލް ވެގެންދާނެއެވެ. އެ މާއްދާ ބުނާ ގޮތުން ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އަމިއްލަ ގޮތުން ވާދައެއް ނުކުރެވޭނެއެވެ.
މިއަދުގެ ޙުކުމުގައި ސުޕްރީމް ކޯޓުންވަނީ އެންމެފަހުން ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވާ ފަރާތްތަކުގެ ތެރެއިން މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރައްވައިފައެވެ. އެގޮތުން އެފުރުސަތު މާރިޗު މަހު 4 ވަނަ ދުވަހުގެ 4:00 އާ ހަމައަށް ހުޅުވާލުމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައިވެއެވެ.
ޕްރައިމަރީން ބަލިވާ މީހުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް އޮތްއޮތުން ބަދަލު ކޮށްދެއްވުމަށް އެދި އެމައްސަކަ ސުޕްރީން ކޯޓަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. އޭނާ ވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބު ވެސް ވެފައެވެ. ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ނެތުމަކީ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިޚާބު ތަކުގައި ވާދަ ކުރުމުގެ އަސާސީ ޙައްގުން މަޙުރޫމްވާ ކަމެއް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.