ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ހިލޭދޭން ފަށާނަން: ރައީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެނދިކުޅުދުއަށް ވަޑައިގެންނެވުމުން އެދާއިރާގެ އެމްޑީޕީ މެމްބަރ އަޙުމަދު ޢީސާ ރައީސަށް މަރުޙަބާ ދަންނަވަނީ: ފޮޓޯ އެމްޑީޕީ

ނ. ކެނދިކުޅުދޫ ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ސަރުކާރުން ހިލޭ ދޭގޮތަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާ އަޙުމަދު ޢީސާއަށް ކެމްޕޭން ކޮށްދެއްވުމުގެ ގޮތުން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުން ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކުދިން ސްކޫލަށް ގެންދިޔުމަށް އެރަށުގައި ދެމުން ގެންދާ ބަހުގެ ޚިދުމަތަކީ ބެލެނިވެރިންގެ އަތުން ޚަރަދުކޮށްގެން ދެމުން ގެންދާ ޚިދުމަތެއް ކަމަށެވެ.

"މިއީ ބޮޑުރަށެއް. މިރަށުގައި ސްކޫލަށް ކުދިން ގެންދިޔުމަށް ބަހުގެ ޚިދުމަތް އެބަދެވޭ. މިވަގުތު އެކަން ކުރަނީ ބެލެނިވެރިން ޚަރަދުކޮށްގެން. އިރާދަ ކުރެއްވިއްޔާ އެކަން ސަރުކާރުން ހިލޭކޮށްދޭ ގޮތަށް އަޅުގަނޑު ވަރަށް އަވަހަށް ބަދަލުކޮށްލާނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ ވަޢުދާ އެއްގޮތަށް ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖު ގާއިމްކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ފަށްޓަވާނެ ކަމަށެވެ. އަދި އެރަށުގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށްޓަކައި މިހާރުވަނީ ޓެންޑަރަހުޅުވާލައިފައި ކަމަށާއި، މިއަހަރުގެ ތެރޭގައި އެމަސައްކަތް ވެސް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބޭންކުގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މިވަގުތު ބޭނުންވެފައިވާ ޚިދުމަތެއް. އިރާދަކުރެއްވިއްޔާ މިރަށުގައި ވެސް އޭޓީއެމްގެ ޚިދުމަތް ދިނުމަށްޓަކައި، ބޭންކުގެ ޚިދުމަތް ލިބޭނެގޮތް އިރާދަ ކުރެއްވިއްޔާ ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނ. ހެނބަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ސާވޭކޮށް ބަނދަރު ހެދުމަށް ބޭނުންވާ ބަޖެޓު މިއަހަރުގެ ބަޖެޓުގައި މިހާރުވަނީ ހިމެނިފައި ކަމަށެވެ. އަދި އެރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރެއްވުމުގެ މަސައްކަތްވެސް މިއަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރަށް އެއަތޮޅު މާޅެންދޫގައި ވެސް ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޑަފަރީގެ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގައި ބަނދަރު ހެދުމުން ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތްވެސް މިއަހަރު ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ އޭގެ އިތުރަށް އެރަށުގައި ސްމާޓް ސުކޫލެއް އެޅުމުގެ މަސަކަތްވެސް މިއަހަރު ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް އެއަތޮޅު ހޮޅުދޫގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.