ޕީޕީއެމަށް އެއްވެސް ގޮނޑިއެއް ދުލެއް ނުކުރަން: ޖޭޕީ

ޕީޕީއެމުން މަޖިލީސް އިންތިޚާބަށް ވާދަކުރަން ނިންމަވާފައިވާ ބައެއް ދާއިރާތަކަށް ވާދަނުކޮށް އެދާއިރާތަކަށް ޖުމްހޫރީޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޕީޕީއެމުން ނިންމައި ބައެއް ކެންޑިޑޭޓުންނަށް ދީފައިވާ ޓިކެޓް ވަނީ އަތުލައިފައެވެ.

އެހެންނަމަވެސް ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ޕީޕީއެމާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އަދި އެޕާޓީއަކާއެކު ކޯލިޝަނެއް ވެސް ނުހަދާ ކަމަށެވެ. އެހެންނަމަވެސް މީހުން އުފައްދާ ސުވާލަކީ މަޝްވަރާއެއް ނުކޮށް ކޯލިޝަނެއް ނުހަދައި ޖޭޕީއަށް ބައެއް ގޮނޑިތައް ދޫކޮށްލީ ކީއްވެތޯއެވެ؟ މީގެ ސީދާ ޖަވާބު އަދިވެސް ނުލިބެއެވެ.

ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ މަޖިލީސް އިންތިޚާބު ކާމިޔާބު ކުރުމަށް މަޝްވަރާކުރަންޖެހުނު ކޮންމެބަޔަކާ ވެސް ވާހަކަ ދައްކާނެ ކަމަށެވެ.

ޖޭޕީގެ ސެކްރެޓަރީޖެނެރަލް ޙުސައިން ރަޝީދު ވިދާޅުވީ ޕީޕީއެމްއާއެކު ޖޭޕީން ކޯލިޝަނެއް ހަދައިފައިނުވާނެ ކަމަށެވެ. އަދި މަޝްވަރާއެއް ވެސް ކޮށްފައިނުވާނެ ކަމަށެވެ. "އަޅުގަނޑުމެން ޕީޕީއެމާއެކު ކޯލިޝަނެއް ނުހަދަން. އަދި އެޕާޓީއަށް އަޅުގަނޑުމެން ދޫކުރި ގޮނޑިއެއްވެސް ނުހުންނާނެ،" ޙުސައިން ވިދާޅުވިއެވެ.

މި ކަމާބެހޭ ގޮތުން ޕީޕީއެމްގެ ސީދާ ބަހެއް ލިބޭގޮތެއް ނުވިއެވެ. އެހެންނަމަވެސް އެޕާޓީގައި އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވީ ޕާޓީން ވަނީ ވާދަކުރާނެ ދާއިރާތައް ކަނޑައަޅައި ނިންމައިފައި ކަމަށެވެ. އެޕާޓީން ވާދަނުކުރާ ދާއިރާތަކަށް އެހެން ޕާޓީއަކުން ނުވަތަ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކަށް ތާއިދު ކުރުމުގެ ފުރުސަތު ޕީޕީއެމަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޖޭޕީއާއި ޕީޕީއެމް ވާދަކުރާ ބައެއް ދާއިރާތަކަށް ވާދަނުކުރަން ނިންމައި ޖޭޕީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމެވި ނިންމެވުމާބެހޭ ގޮތުން އޭނާ ވެސް އެއްޗެއް ވިދާޅެއް ނުވިއެވެ. އަދި ޖޭޕީއާ މަޝްވަރާ ކޮށްފައިވާނެތޯ ދެންނެވުމުން އެއަށް ވެސް ޖަވާބެއް ނުދެއްވިއެވެ.

ޖޭޕީގެ ސެކްރެޓަރީޖެނެރަލް ޙުސައިން ރަޝީދު ވިދާޅުވީ ޖޭޕީ އޮންނާނީ ސަރުކާރު ކޯލިޝަނާއެކުގައި ކަމަށެވެ. ކޯލިޝަނާއެކު އޮތް ގުޅުމަށް ބުރޫނާރާނެ ކަމަށާއި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވިދާޅުވެފައިވަނީ އިބްރާހީމް މުޙައްމަދު ޞާލިޙު ސަރުކާރަށް ފުރިހަމަ އެއްބާރުލުން ޖޭޕީން ދެއްވާނެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.