އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް ޤާއިމް ކުރައްވައިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށްޓަކައި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމްކުރައްވައި، ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސަވައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމްކޮށް، ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފި،" އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ. އޭގެ އިތުރަށް ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އަތޮޅުތަކުގައި ކޮމްޕްލެއިންޓްސް ބިއުރޯތައް އުފައްދަން ދެން ޝަކުވާ ހުށަހަޅަންޖެހެނީ އިލެކްޝަން ފޯކަލް ޕޮއިންޓް ތަކަށެވެ. މާލޭގައި ޝަކުވާ ހުށަހަޅަންޖެހެނީ އިންތިޚާބާބެހޭ މަރުކަޒުގައި ހުންނަ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.

ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮންނާނީ މިއަހަރު އެޕްރީލް މަހު 6 ވަނަ ދުވަހުއެވެ. އިސީން ރޭ ވަނީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައެވެ. މި ފުރުސަތު ބަންދުވާނީ ފެބުރުއަރީ 21 ގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ޙައްޤު 264589 މީހުނަށް ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.