
ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ ބޭސްފަރުވާގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން ޙުކުމް ކުރައްވައިފިއެވެ.
އަދީބު ގޭ ބަންދުގައި ބަހައްޓަވައި ދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނުގެ ވަކީލު މުޙައްމަދު އިސްމާޢީލް ހައިކޯޓުގައި އިއްޔެ އެދިވަޑައިގެންނެވީ ޑޮކްޓަރު ވެސް ވަނީ ޢާއިލީ މާޙައުލެއްގައި އަދީބު ބެހެއްޓެވުމަށް އިރުޝާދު ދެއްވައިފައި ކަމަށެވެ. އަދީބުގެ ޞިއްޙީ ޙާލަތާ ބެހޭ ލިޔެކިޔުންތައް ވެސް ވަކީލް ވަނީ ހައިކޯޓަށް ހުށަހަޅުއްވައިފައެވެ.
ވަކީލް އެދިވަޑައިގެންނެވީ ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަށްއެދި ހައިކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ނިމެންދެން އަދީބު ގޭބަންދަށް ބަދަލު ކޮށްދެއްވުމަށެވެ.
އަދީބަކީ ތާފުތު މައްސަލަތަކުގައި 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އެހެން މައްސަލަތަކެއްގެ ތަޙުޤިޤު ވެސް މިހާރު ކުރިއަށް އެބަދެއެވެ.