"އަދީބު ބޭރަށް ވަޑައިގެންނެވީ "ޗަރުކޭސް" ކުޅުއްވާކަށެއް ނޫން"

އަދީބު އިންޑިޔާއަށް ފުރާވަޑައިގަތުމަށް އެއާރޕޯޓުގައި. ފޮޓޯ: ފޭސްބުކް

ގިނަ ތުހުމަތުތަކެއް ކުރެވޭ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މިއަދު ފުރާވަޑައިގެންފައިވާއިރު، ބޭރަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ފިއްލަވައިފާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން ރައްދު ދެއްވައިފައެވެ.

އަދީބު މިހާރު ނިސްބަތްވެ ވަޑައިގަންނަވާ އެމްޓީޑީ ގެ ކައުންސިލް މެމްބަރަކު ވިދާޅުވި އެމަނިކުފާނު ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވީ "ޗަރުކޭސް" ކުޅުއްވަން ނޫންކަމަށާއި އެމަނިކުފާނު ވަޑައިގެންނެވީ ސިއްޙީ ސީރިއަސް މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

"އަދީބު ފިއްލަވާނެނަމަ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވި މައްސަލައިގެ ތުހުމަތު ކުރުމުން އެމަނިކުފާނު ސިންގަޕޫރުން ރާއްޖެ ވަޑައެއް ނުގަނަންވާނެ. ރާއްޖެ ވަޑައިގެންނެވުމުން ބަންދު ކުރާނެކަމަށް އެތައް ބަޔަކު ބުނެބުނެތިއްބާ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ. ބޭނުންފުޅުވީ ކުރިމަތިލައްވާން. އެއީ ދޮގުތުހުމަތެއްކަން ރައްޔިތުންނަށް ހާމަކުރެއްވަން. އަދިވެސް އެމަނިކުފާނު ހުންނެވީ އެގޮތުގައި، އެ ޢަޒުމާއި ހިތްވަރުގައި،" އެމްޓީޑީގެ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އަދީބާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ކަމަށްވާނަމަ އެމަނިކުފާނު އެނބުރި ވަޑައިގަންނަވަނީ މިމަހު 26 ގައެވެ.

އަދީބު ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވުމާއެކު އެމަނިކުފާނު ފިއްލަވައިފާނެ ކަމުގެ ބިރު އުފެދި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓަކަށް ދައުލަތުގެ ކަމާބެހޭ މުޢައްސަސާތައް ހާޒިރުކޮށްވަނީ ސުވާލު ކުރައްވައިފައެވެ.

އަދީބު ނުފިއްލަވާނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައިފައިވާ ތުހުމަތުތަކަކީ އެމަނިކުފާނު ނުކުރައްވާ ކަންކަން ކަމަށް އެމަނިކުފާނަށް އެނގިވަޑައިގެންނެވުން ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ އަދީބަށް ކުރައްވައިފައިވަނީ ސާބިތު ނުހިފޭ ދަޢުވާތަކެއްކަން ޕްރޮސެކިޔުޓަރޖެނެރަލްވަނީ ސުޕްރީމްކޯޓުގައި އިޢުތިރާފުވެ ވަޑައިގެންފައި ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ ހުރިހާ ޙުކުމްތަކާއި ދަޢުވާތައް މިހާރުވަނީ ބާތިލް ކުރައްވައިފައެވެ. އެމަނިކުފާނު ބަންދުގައި ބަހައްޓަވައިފައިވަނީ އަދިވެސް ތުހުމަތުތަކެއް ކުރެވޭތީ އެކަންކަން ބެއްލެވުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.