އަފްޣާނިސްތާނުގައި ތިބި ބޭރު ސިފައިން 18 މަސްދުވަހުގެ ތެރޭގައި ފޭބުން އެކަށީގެންވޭ

އެމެރިކާ ސިފައިންގެ ބަޔަކު އަފްޣާނިސްތާނުގައި ހަރަކާތްރިވަނީ

އަފްޣާނިސްތާނުގައި ތިބި ބޭރު ސިފައިން 18 މަސްދުވަހުގެ ތެރޭގައި އެގައުމުން ފޭބުން ހިމެނޭގޮތަށް ސުލްހައިގެ އެއްބަސްވުމެއްގެ ދެލިކޮޕީއަކަށް ޠާލިބާނުންނާއި އެމެރިކާ އާނބަސް ބުނެފައިވާ ކަން ޠާލިބާންގެ ފަރާތުން ހާމަކޮށްފިއެވެ.

ޠާލިބާނުން މިހެން ބުނީ ޤަޠަރުގައި އެމެރިކާގެ ޚާއްސަ މަންދޫބު ޒަލްމޭ ޚަލީލްޒާދާއެކު ޠާލިބާން ޖަމާއަތުގެ ފަރާތުން ބޭއްވި ވާހަކަތަކަށް ފަހުގައެވެ.

"މިތަނުގައި ކުރިއަށް ދިޔަ ބައްދަލުވުންތަކުން ލިބުނު ނަތީޖާ ކުރީގެ ބައްދަލުވުންތަކަށް ވުރެ މާ ރަނގަޅު. މުހިއްމު މައްސަލަތަކުގައި އަހަރުމެން ވަނީ ކުރިއެރުން ހޯދާފައި." އަފްޣާނިސްތާނަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޚަލީލްޒާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

"އަފްޣާނިސްތާނުގައި ތިބި ބޭރު ސިފައިން ފޭބުމާ، އެހެން މުހިއްމު މައްސަލަތަކުގައި ކުރިއެރުން ލިބުނެވެ." ޠާލިބާންގެ ބަޔާނުގައި ވެއެވެ.

ޠާލިބާންގެ މަސްދަރަކުން ހާމަކުރި ގޮތުގައި ވާހަކަތަކުގައި ނެގުނު އެންމެ މުހިއްމު އެއް މައްސަލައަކީ ހަނގުރާމަ ހުއްޓުމާމެދު އެއްބަސްވުމަކަށް އައުމެވެ. އެހެންނަމަވެސް އަކަމަށް އަދި ވަގުތުތަކެއް ކަނޑަނޭޅެއެވެ. އެ ފަރާތުން ހާމަކުރި ގޮތުގައި ޠާލިބާން ޖަމާއަތުން ސަރުކާރާ ވާހަކަދައްކާނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށް ފަހުގައެވެ.

"18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ސިފައިން ފައިބައި، ހަނގުރާމަ ހުއްޓުން ތަންފީޒުކުރެވިއްޖެނަމަ، ސުލްހައާ ގުޅޭ އެހެން ކަންކަމަށް އަމަލީ ސިފަ ގެނެވިދާނެ." އެ ފަރާތުން ބުންޏެވެ.

މީގެ 17 އަހަރު ކުރިން އެމެރިކާ ސިފައިން އިސްވެ ތިބެ އަފްޣާނިސްތާނަށް އަރައި ޠާލިބާން ސަރުކާރު ވައްޓާލައި، އަފްޣާނިސްތާނުގައި އެމީހުން ގާއިމުކުރި ސަރުކާރުގެ ސިފައިންނަށް ހަތިޔާރާއި، ތަމްރީނު ދެމުން ގެންދިޔަ ނަމަވެސް ޠާލިބާން ޖަމާއަތުން މިހާރުވެސް އަފްޣާނިސްތާނުގެ ދެބައި އެއްބައި ކޮންޓުރޯލުކުރެއެވެ.

އަފްޣާނިސްތާނުގައި މިހާރުވެސް އެމެރިކާގެ 14 ހާސް ސިފައިން އެބަތިއްބެވެ. ޠާލިބާނުންނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެމެރިކާ މިހާތަނަށް ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް އަންނާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.