އެހެން ބަޔަކާ ނުގުޅި އެކަނި ވެރިކަންކުރާކަށް ނޫޅެން: ޠާލިބާން

ޤަޠަރުގެ ދޯހާގައި ހުންނަ ޠާލިބާން ޖަމާއަތުގެ އޮފީސް

އެހެން އެއްވެސް ބަޔަކު ވެރިކަމުގަ ބައިވެރިނުކޮށް، އަފްޣާނިސްތާނުގެ ވަރިކަން އެކަނި ކުރުމުގެ ވިސްނުމެއް ނެތް ކަމުގައި ޠާލިބާން ޖަމާއަތުން ބުނެފައެވެ. އެ ޖަމާއަތުގެ ތަރުޖަމާނު އިއްޔެ ބުނީ ވެރިކަން ލިބުނަސް ބޭނުންވަނީ އަފްޣާނިސްތާނުގެ އެހެން ފަރާތްތަކާއި ގުޅިގެން ކުރިއަށް ދާންކަމުގައެވެ.

ޠާލިބާން ޖަމާއަތުގެ ތަރުޖަމާނު ޝާހީން ސުހައިލުގެ މިވާހަކަތަކަކީ އެޖަމާއަތުން މީގެ ކުރިން ދުވަހަކުވެސް ދީފައިނުވާ މިންވަރަށް ދޫދިނުމުގެ ގޮތުން ދެއްކި ވާހަކައެއްކަން ފާހަގަކުރެވެއެވެ.

އަފްޣާނިސްތާނުގެ އެންމެ ބާރުގަދަ ހަނގުރާވެރި ޖަމާއަތު ވާހަކަ މިމޭރުމުން އައިސްފައި މިވަނީ އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާ ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒަލްމޭ ޚާލިދްޒާދް ދާދިފަހުން ވިދާޅުވެފައި ވަނީ "އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އާދެވިފައި"ވާކަމުގައެވެ.

ޤަޠަރުގެ ދޯހާގައި ހުންނަ ޠާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ ތަރުޖަމާނު ޝާހީން ސުހައިލް ބުނެފައިވާގޮތުގައި އެމީހުން ބޭނުންވަނީ "އެއްބަޔަކު އަނެއްބައެއްގެ ގޯސް ކަންތައް ތަހައްމަލްކޮށްގެން، އަޚުންތަކެއް ފަދައިން ދިރިއުޅުން ފެށުމަށެވެ."

"އަޅުވެތިކަން ނިމުމުން، އަފްޣާންމީހުން ޖެހެނީ އެމީހުންގެ މާޒީ ހަނދާން ނައްތާލައި، އެއްބަޔަކު އެނެއް ބައެއްގެ ގޯސް ކަންތައް ތަހައްމަލްކޮށްގެން އަޚުންތަކެއްގެ ގޮތުގައި ދިރިއުޅުން ފަށަން. ބޭރުގެ ސިފައިން ފޭބުމަށްފަހު، ވެރިކަމަކީ އަހަރުމެންނަށް އެކަނި އޮތްކަމަކަށް ހަދަން އަހަރުމެން މަސައްކަތެއް ނުކުރަން". އެސޯސިއޭޓެޑް ޕްރެސްއަށް ފޮނުވި އޯޑިއޯ މެސެޖެއްގައި ސުހައިލް ބުނެފައި ވެއެވެ.

"އަހަރުމެން ބޭނުންވަނީ އަފްޣާނިސްތާނުގެ ހުރިހާ މީހުންނަށްވެސް ތިމަންމެންގެ ބައިވެރިވުން އޮތްކަން އިހުސާސްކުރެވޭ، އެންމެން  ގުޅިގެން ކުރިއަށްދާ އަފްޣާނިސްތާނެއް." އޭނާ އިތުރަށް ބުނެފައި ވެއެވެ.

ޠާލިބާނުންނާއި އެމެރިކާ ސުލްހަވުމަށް މަސައްކަތްކުރާއިރު، އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ ވަނީ އަވަސް އަރައިގަނެގެން ސުލްހަ ގެނައުމަށް މަސައްކަތް ނުކުރުމަށް ގޮވައިލައްވާފައެވެ.

އިއްޔެ ވެރިރަށް ކާބުލްގައި އެތައް ހާސް ޒުވާނުންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ސުލްހަ ގެނައުމުގެ ތަޅުދަނޑިއާއި، ހިތްވަރާއި، ރޭވުންތެރިކަން އަފްޣާނިސްތާނުގެ ސަރުކާރަށް ލިބިގެންވާ ކަމަށާއި ބޭރު ބަޔަކު އެކަމުގެ ތެރެއަށް ވަންނަން ނުޖެހޭކަމަށެވެ. އޭނާގެ ވާހަކަފުޅުގައި އިޝާރާތްކުރައްވާފައި އެ ވަނީ ޕާކިސްތާނަށެވެ.  ޕާކިސްތާނުން އިސްނަގައިގެން ދޯހާގައި އެމެރިކާއާއި ޠާލިބާނުންނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކާ މެދު އަފްޣާން ސަރުކާރު ވަނީ ހިތްހަމަނުޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.