ޠާލިބާންއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންގެ ފަސް ހާސް މީހުން އަފްޣާނިސްތާނުން ފައިބާނެ

އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ އެމެރިކާގެ މަންދޫބު ޒަލްމާއި ޚާލިދްޒާދާ އިއްޔެ ބައްދަލުކުރައްވަނީ

އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް ޠާލިބާންއާ އެމެރިކާއާ ދެމެދު އެއްބަސްވެވިފައިވާ ބައެއް ކަންތައް އެމެރިކާއިން ހާމަކޮށްފިއެވެ. މި ތަފްސީލުތައް ހާމަކޮށްފައި ވަނީ އެމެރިކާއާ ޠާލިބާނުންނާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ކަންކަމުގެ ތަފްސީލު އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީއަށް ދިނުމަށް ފަހުއެވެ.  

ޠާލިބާންއާއެކު ކުރެވޭ މަޝްވަރާތަކުގައި އެމެރިކާގެ އިސް މަންދޫބު ޒަލްމާއި ޚާލިދްޒާދް ވިދާޅުވި ގޮތުގައި ޠާލިބާންއާއެކު "އުސޫލެއްގެ ގޮތުން" އެއްބަސްވެފައި ވަނީ އެއްބަސްވުމުގައި ސޮއިކުރެވޭތާ މަދު ހަފުތާއެއްގެ ތެރޭގައި އަފްޣާނިސްތާނުން އެމެރިކާ ސިފައިންގެ ފަސް ހާހަށްވުރެ ގިނަ މީހުން ފައިބާނެއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ތަފްސީލުތައް ތޯލޯ ނިއުސް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ހާމަކުރައްވަމުން ޚާލިދްޒާދް ވިދާޅުވީ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރާތާ 135 ދުވަހުގެ ތެރޭގައި އެމެރިކާ ސިފައިންގެ 5400 މީހުން އަފްޣާނިސްތާނުގެ ފަސް އަސްކަރީ މަރުކަޒަކުން ފައިބާނެއެވެ.

އެތައް މަހެއްގެ މަޝްވަރާތަކަށް ފަހު، އިސްލާމީ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ ޠާލިބާން ޖަމާއަތާ ދެމެދު އެއްބަސްވެނުނު ކަންކަން އެކުލެވޭ ސުލްހައިގެ އެއްބަސްވުމާމެދު އެންމެ ފަހުގެ ނިންމުން ނިންމަވާނީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއެވެ.

ސޮއިކުރެވޭނެ ކަމަށް އުއްމީދުކުރެވޭ މި އެއްބަސްވުމާ ގުޅިފައިވާ ކަންކަމުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސަފައިން މަދުކުރުމާއި، ފުޅާ ދާއިރާއެއްގައި އަމާންކަން ދެމެހެއްޓުމަށް ޠާލިބާން ޖަމާއަތުން ޖާމިނުވުމާއި، އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާން ޖަމާއަތާ ދެމެދު މަޝްވަރާތައް ފެށުމަށް މަގުފަހިކޮށް، ދާއިމީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުން ހިމެނެއެވެ.

އެމެރިކާގެ ސިފައިގެ  14 ހާސް މީހުންނާއި، އެމެރިކާގެ ބައިވެރިން ކަމުގައިވާ ނޭޓޯގެ ގައުމުތަކުގެ ސިފައިންގެ 17 ހާސް މީހުން 'ހަނގުރާމަ ނުކުރާ ހާލަތުގައި' އަފްޣާނިސްތާނުގައި ތިބެއެވެ. ރައީސު ޓްރަމްޕް ވިދާޅުވެފައި ވަނީ ޠާލިބާންއާއެކު ވެވޭ އެއްބަސްވުމަށް ފަހުވެސް އެމެރިކާ ސިފައިންގެ 8600 މީހުން އަފްޣާނިސްތާނުގައި ތިބޭނެ ކަމުގައެވެ.

މިހާތަނަށް ސުލްހައިގެ ވާހަކަތަކުގައި އަފްޣާން ސަރުކާރު ބައިވެރިކުރުމަށް ޠާލިބާން ޖަމާއަތުން ވަނީ ދެކޮޅުހަދާފައެވެ. ޠާލިބާން ދެކޭގޮތުގައި އަފްޣާން ސަރުކާރަކީ އެމެރިކާގެ 'ގޮނޑިކޮއްކޮ' ސަރުކާރަކަށް ވާތީއެވެ.

އަފްޣާން ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް އެމެރިކާގެ މަންދޫބޫ ޚާލިދުޒާރު ކާބުލްގައި އުޅުއްވަނިކޮށް، ކާބުލްގެ މެދުތެރޭ ސަރަހައްދުގައި ވަނީ ބާރުގަދަ ބޮމެއް ގޮވާފައެވެ. ޠާލިބާން ޖަމާއަތުން ދިން ކަމަށް ބެލެވޭ ބޮމުގެ މި ހަމަލާ ދީފައި ވަނީ ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކެއްގެ އޮފިސްތައް ހުންނަ ގްރީން ވިލެޖް ސަރަހައްދަށެވެ. ބޮން ގޮވުމަށް ފަހު ބަޑީގެ ހަމަލާ ބަދަލުކުރެވުނު އަޑު އިވުނު ނަމަވެސް އެއްބަޔަކު މަރުވި ނުވަތި ޒަޚްމްވި ކަމުގެ ޚަބަރެއް ލިބިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.