ދީނާއި ސައިންސް (16)

(30 ނޮވެމްބަރު  2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިންސާނާގެ ކަށީގެ އޮނިގަނޑާއި، މަހާއި، ގުނަވަންތަކާ ބުއްދީގެ އަދި ރޫޙާނީ ހަރަކާތްތަކާ ހުންނަ ގުޅުމަކީ ކޮބައިކަމެއްވެސް އަޅުގަނޑުމެންނަކަށް އަދިއެއް ނޭނގެއެވެ. ނާރުގެ ތަވާޒުނާއި، ވަރުބަލިކަމާއި، ބަލިބަލީން ދިފާޢުވުމުގެ ކަންތައްތައް ހަށިގަނޑުގެ ތެރޭގައި ހިނގަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އަޚްލާގީ އިހުސާސާއި، ފައިސަލާކުރުމުގެ ބާރާއި، ކެރުން ކުރިއަރުވައި ތަރައްގީ ކުރާނޭ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.ވިސްނުމުގެ ފަހިކަމާއި، އަޚްލާގީ އަދި ސޫފީ ވިސްނުމުގެ އަހައްމިއްޔަތަކީ ކޮބައިކަމެއް ހޯދިފައެއް ނެތެވެ. ޖަމާލިޔާތީ އަދި ދީނީ އިހުސާސުގެ ބޭނުމަކީ ކޮބައިކަމެއް ނޭނގެއެވެ. ދޭދޭ ގުޅުމަށް ބާރު ލިބޭ ހަކަތަ އުފެދެނީ ކިހިނެއް ކަމެއް ނޭނގެއެވެ. އުފަލާއި ހިތާމަ އަދި ކާމިޔާބީއާއި ނާކާމިޔާބީ އަކީ ނަފްސިއްޔާތީ ސަބަބުތަކެއްގެ ނަތީޖާ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އެ ސަބަބުތަކަކީ ކޮބައިކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. މަސްނޫއީ ހަމަތަކެއް ބޭނުން ކޮށްގެން އެއްވެސް މީހެއްގެ ކިބައިގައި އުފާވެރިކަމުގެ ޝުއޫރު އަށަގެންނެވުމަކީ އަޅުގަނޑުމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ތަހުޒީބު އިންސާނެއްގެ ކިބައިގައި އުއްމީދުގެ އަސަރު އެކުލަވައިލުމަށްޓަކައި ބޮޑަށް ބޭނުން ވަނީ ކޮން ކަހަލަ މާހައުލެއް ކަމެއް އަޅުގަނޑުމެންނަކަށް ދެނެގަނެވިފައެއް ނެތެވެ. އަޅުގަނޑުމެންގެ ރޫހާނީ ހަށީގަނޑުން އުނަދގުލާއި، ތުރާލާއި، ހިތާމަޔާއި، ވޭނާއި، ބުރަ މަސައްކަތް އެއްފަރާތް ކޮށްލުމަކީ ކުރެވިދާނޭ ކަމެއްތޯއެވެ؟ ޒަމާނީ ތަހުޒީބުގެ ތެރެއިން ގެއްލުމެއް ނުލިބި ސަލާމަތް ވާނޭ ގޮތެއް އިންސާނާގެ ހަށިގަނޑުގައި ހިމެނުމަކީ ކިހިނެއް ކުރެވޭނޭ ކަމެއްތޯއެވެ؟ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މިފަދަ އެތައް ސުވާލެއް ކުރެވިދާނެއެވެ. އެކަމަކު އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނެތެވެ. އިންސާނާގެ ހައިސިއްޔަތަށް ނިސްބަތް ކުރާއިރު ދުނިޔޭގެ ހުރިހައި އިލްމެއްމެ ނުކުޅެދިފައިވާކަން ފާޅުކޮށް އެނގެއެވެ. އަމިއްލަ ޒާތާ ބެހޭ އިލްމު އަޅުގަނޑުމެންނަށް އެނގޭ މިންވަރު އަދިވެސް އޮތީ އިބްތިދާއީ ހާލަތުގައެވެ.][1]

މަތީގައި ބަޔާން ކުރެވުނު ވާހަކަތަކުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި [އިންސާނާ]ގެ އިލްމަކީ އަދި އެެއްވެސް އިންސާނަކަށް ރަނގަޅަށް އުނގެނެވިފައި ނެތް އިލްމެކެވެ. އިންސާނާގެ ވުޖޫދުގެ މާއްދީ ބަޔާ ގުޅޭ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމަކު މާއްދީ ވުޖޫދު ކޮންޓްރޯލުކުރާ އެއްޗިއްސަކީ ކޮބައިކަމާއި، ކޮންޓްރޯލް ކުރަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ހަޔާތަކީ ސިއްރުން ފުރިފައިވާ ދަތުރަކަށް ވާ ސަބަބަކީ މިއީއެވެ. ހަޔާތުގެ ސިއްރުތައް ދެނެގަނެގެން ނޫނީ އަޅުގަނޑުމެންނަކަށް މި ދެންނެވުނު އެއްޗިއްސަކީ ކޮބައިކަމެއް ދެނެއެއް ނުގަނެވޭނެއެވެ. އެލެކްސިސް ކަރެލްގެ ފޮތް [މޭން، ދި އަންނޯވން] އަކީ މި ދެންނެވުނު ހަގީގަތްތައް ދެނެގަތުމަށްޓަކައި ކޮށްފައިވާ އިލްމީ މަސައްކަތެކެވެ. މިފަދަ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި މިހާރުވެސް ދަނީ ކުރެވެމުންނެވެ. އެކަމނަކު ނަތީޖާއަކީ ހަމަ ސުމެކެވެ.

މިއަދުގެ އިންސާނާ ޒައްރާއެއް (އެޓޮމް) ފަޅިފަޅިކޮށްލައެވެ. ގަނޑުފެނުގެ ބިމެއް އާބާދުކޮށްލައެވެ. ހަނދުގައި ހިނގައެވެ. ޖައްވަށް އުޅަނދުފަހަރު ފޮނުވައެވެ. މި ކަހަލަ އެތައް ހާސް ވާގިއާއެއްގެ މައްޗަށް ބަލައިލީމާ ހިތަށް އަރާނެއެވެ. މާއްދީ ދުނިޔޭގައި މިހައި ބޮޑު ތަރައްގީއެއް ހާސިލު ކޮށް، ބޭނުން ވާހައި ގޮތަކަށް މާއްދީ ވަސީލަތްތައް އިސްތިއުމާލު ކލުރުމުގެ ގާބިލުކަން ހޯދައިފައިވާ އިންސާނާއަށް ޚުދު އޭނާޔާ ބެހޭ އިލްމުވެސް މަތީ ދަރަޖައަކަށް ހޯދައިގަނެ، އޭނާގެ ހަޔާތުން އުނި ވެފައިވާ ހުރިހައި ކަމެއް ހަމަޔަކަށް އަޅުވައިގެންފާނެއެވެ. އެކަމަކު ކަންތައް ވެފައި ވަނީ ކިހިނެއްތޯއެވެ؟ ފެންނާން ހުރި ކަންތައްތަކަށް ބަލާއިރު ޔަގީންވެ އެނގޭ ގޮތުގައި މާއްދިއްޔަތުގެ އިލްމު ލިބިގަނެވިފައިވާ މިންވަރަށް ޚުދު އަމިއްލަ ނަފުސުގެ އިލްމު ހާސިލުކޮށްގަތުމަކީ ވާނޭ ކަމެއް ނޫންކަން ދޭހަ ވެއެވެ.

އަޅުގަނޑުމެން އިންސާނާއޭ މި ކިޔާ މަޚްލޫގުގެ ވުޖޫދަށް ބަލައިލަމާތޯއެވެ؟ އިންސާނާއަކީ ޕްރޮތޯޕްލާޒަމްގެ އެތައް މިލިއަން ހަތައަކުން އުފެދިފައިވާ ހަށިގަނޑެކެވެ. ޕްރޮޓޯޕްލާޒަމަކީ ކޮބައިތޯއެވެ؟ ޕްރޮޓޯޕްލާޒަމަކީ ހަތައެއްގައި ހިމެނޭ ދިރުން ހުންނަ ބައެވެ. ކުލައެއް، ސިފައެއް ނުހުންނަ އެއްޗެކެވެ. އާދަޔާ ޚިލާފު ބާރުތަކަކާއި ސަލާހިއްޔަތެއް ލިބިފައިވާ އެއްޗެއްމެއެވެ. އެކަމަކު ޕްރޮޓޯޕްލާޒަމަށް ލިބިފައިވާ ސަލާހިއްޔަތަކީ ކިހިނެއް ލިބުނު ސަލާހިއްޔަތެއް ކަމެއް ނޭނގެއެވެ. އުފެދުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. މާއްދީ ދުނިޔޭގެ ތަކެއްޗާއި ހަމަތައް ތަހުގީގު ކުރަން އަޅުގަނޑުމެން އަޅާ އެއްވެސް ފިޔަވަޅަކުން ޕްރޮޓޯޕްލާޒަމް ތަހުގީގު ނުކުރެވޭނޭކަން އެނގެއެވެ.

އަޅުގަނޑުމެންގެ ލޮލަށް ފެން ކޮންމެ އެއްޗަކީ ލޮލަށް ނުފެންނަ އެތައް އެއްޗެއްގެ މަޖުމޫއާއެކެވެ. ވަސީލަތާއި ޒަރީޢާތައް ލިބިއްޖެ ނަމަ މިފަދަ މަޖުމޫޢާތައް ވުޖޫދަށް ގެނެވިދާނެއެވެ. އަދި ހަލާކުވެސް ކޮށްލެވިދާނެއެވެ. ސައިންސުން ވަނީ ޕްރޮތޯޕްލާޒަމް އުފެދިފައިވާ ބާއިތައް ދެނެގެންފައެވެ. އޭގެ ބައެއް ބައިތައް ދިރާސާކޮށް ދަސްކޮށްފިވެސްމެއެވެ. އެކަމަކު ޕްރޮޓޯޕްލާޒަމްގައި ހިމެނޭ، މިހައިތަނަށް އެނގިފައިވާ ދެބައި، ބޭނުންވާ ފުރިހަމަ މިންވަރަށް ގުޅުވާން ނުވަތަ އެއްކުރާން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވެއެވެ. އެ ދެ ބަޔަކީ ނިއުކްލިއަސް އާއި ސިޓޯޕްލާޒަމް އެވެ. މި ދެބައި އެއް ކުރުމަކުން ދިރުން ހުރި އެއްޗެއް އުފެދޭ ގޮތެއް ނުވެއެވެ. އެކަމަކު އެހެން ކަހަލަ ކީމިޔާއީ މާއްދާތައް މިފަދަ ގޮތަކަށް އުފެއެްދެއެވެ. މިސާލަކަށް ފެނުގެ އެއް މޮލެކިއުލްގައި ހިމެނެނީ އޮކްސިޖަންގެ އެއް ޒައްރާ ނުވަތަ އެޓޮމާއި، ހައިޑްރޯޖަންގެ ދެ ޒައްރާ ނުވަތަ އެޓޮމެވެ. އެހެންވީމާ ފެން ތިތްކެއް ރޫޅައިލުމަށް ފަހު އޮކްސިޖަނާއި، ހައިޑްރޯޖަނަށް ބަދަލު ކުރެވިދާނެއެވެ. އެކަމަކު އިންސާނާގެ މައްސަލަ ތަފާތެވެ. ކުރިންވެސް ދެންނެވުނު ޕްރޮޓޯޕްލާޒަމްގައި ހިމެނޭ ބައިތައް އެނގުނު ނަމަވެސް އެބައިތައް އެއްކޮށްގެން ދިރުމެއް ހުރި އެއްޗެއް އުފެއްދޭ ގޮތެއް ނުވެއެވެ. އަޅުގަނޑުމެންގެ އުފެއްދުމުގެ ކުޅަދާނަކަން ވަނީ މާއްދީ ތަކެއްޗަށް މަހުދޫދު ކުރެވިފައެވެ. ދިރޭ ތަކެއްޗަކަށް ހިންގޭނޭ އެއްވެސް ބާރެއް ނެތެވެ.

[1] މޭން ދި އަންނޯވން، ސަފުހާ 16-19

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.