ދީނާއި ސައިންސް (5)

(7 ސެޕްޓެމްބަރު  2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިވޮލިއުޝަން (މަޑުމަޑުން އެއް ސިފައިން އަނެއް ސިފައަށް ބަދަލު ވަމުން ދިއުން)ގެ ބަލިކަށިކަމަކީ އެ ނަޒަރިއްޔާ ނަަގަހައްޓަން މަސައްކަތް ކުރާ މީހުންވެސް އިއުތިރާފުވާ ހަގީގަތެކެވެ. މިސާލަކަށް ސަރ އާރތަރ ކީތު ބުނުއްވައފައި ވެއެވެ. "އިވޮލިއުޝަނަކީ ސާބިތުކުރެވިފައިވާ ކަމެއް ނޫނެވެ. އަދި ސާބިތު ކުރެވޭނޭ ކަމެއްވެސް ނުމެ ނޫންމެއެވެ. އަޅުގަނޑުމެން އެކަން (އިވޮލިއުޝަން) ގަބޫލު ކުރަނީ، އެކަމަށް އިންކާރު ކުރާނަމަ ޚާއްސަ ގޮތަކުން (ކޮންމެވެސް ފަރާތަކުން) ހުރިހައި މަޚުލޫގުން ހެއްދެވީ ކަމަށް ގަބޫލު ކުރާން އެބަ ޖެހެއެވެ. އެއީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނާންވެސް ދަންނަ ކަމެއް (ނުވަތަ ބޭނުން ކަމެއް) ނޫނެވެ."

އިވޮލިއުޝަންގެ މައްސަލަ ތަފާތު ދެ ބަޔަކަށް ބެހިފައިވާ ސަބަބަކީވެސް މިއީއެވެ. އެއް ބަޔަކީ ނަޒަރިއްޔާއެވެ. ދެވަނަ ބަޔަކީ އެ ނަޒަރިއްޔާގެ ސަބަބެވެ. ގަބޫލު ކުރާ މީހުން ބުނާ ގޮތުގައި އިވޮލިއުޝަންގެ ނަޒަރިއްޔާއަކީ ހަގީގަތެކެވެ. އެކަމަކު އެ ނަޒަރިއްޔާގެ ސަބަބު ނުވަތަ އެ ނަޒަރިއްޔާގައި އެ ބުނާ ކަންތައްތައް އެ ގޮތަށް ހިނގަން މެދުވެރިވާ ސަބަބު އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ސަބަބު ނޭނގުމެއްގެ ތެރޭގައި ވަނިކޮށް އެ ނަޒަރިއްޔާ އަކީ ޔަގީން އެއްޗެއް ކަމުގައި ބުނެވޭނީ ކިހިނެއްތޯއެވެ؟ އެއީ އޮވިލުޝަންގެ ނަޒަރިއްޔާއަކީ އަދި އެ ނަޒަރިއްޔާ ސާބިތުކުރުމުގެ އުސޫލުތައް އަދި ހޯދަމުންދާ ނަޒަރިއްޔާއެކޭ ބުނުން ފަދަ ކަމެކެވެ. އެކަމަކުވެސް އިވޮލިޔ\އުޝަނިސްޓުން ވަނީ މި ނަޒަރިއްޔާ އަކީ ފުރިހަމަ ހަގީގަތެއް ކަމަށް ގަބޫލު ކޮށްފައެވެ.

މިފަދަ ބަލިކަށި ނަޒަރިއްޔާއަކުން ދީނުގެ ސައްހަކަން ބާތިލު ކޮށްފިއޭ ބުނުމަކީ ކޮންފަދަ ބޮޑު ހަލީސާއެއްތޯއެވެ؟ އަދި ދިރޭ ތަކެތި ވުޖޫދަށް އައީ އެކި ދުވަސް މަތީން އެއް ސިފައިން އަނެއް ސިފައަށް ބަދަލު ވަމުން އައުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ގަބޫލު ކުރި ނަމަވެސް ރަސަލްގެ ދައުވާ ސާބިތެއް ނުވެއެވެ. އެ ދައުވާ ގަބޫލު ކުރާނަމަ ﷲ އަކީ ހަމަ ކުއްލިއަކަށް އިރާދަ ކުރެއްވުމާއެކު ކޮންމެ އެއްޗެއްމެ ހެއްދެވުމަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ގަބޫލު ކުރަން ޖެހެއެވެ. އެކަމަކު ދިގު މުއްދަތެއްގެ ތެރޭގައި ހައްދަވަމުން ހައްދަވަމުން ގޮސް އެއްޗެއް ފުރިހަމަ ކުރެއްވިދާނެ ކަމަށް ގަބޫލު ކޮށްގެން ވާކަށް ނެތެވެ. (މާނައަކީ ﷲ އަށް އެއްޗެއް ވަގުތުން ހެއްދެވިދާނެއެވެ. އެކަމަކު ދިގު މުއްދަތަކުން އެއްޗެއް ހެދޭނަމަ އެއީ ﷲ ގެ ކަމެއް ނޫނެވެ.) ރަސަލްގެ މި ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެކެވެ. މި ވާހަކަ ގަބޫލު ކުރި ކަމުގައި ވިޔަސް ﷲ ގެ ކުޅަދުންވަންތަކަން ނަފީ ކުރެވޭނޭ ހަމަ އެއްވެސް ގޮތެއް ނެތެވެ.

ގަސްގަހާގެއްސާއި އިންސާނުން ހެއްދެވީ ﷲ ކަމަށް އިންސާނުން އަބަދުވެސް އައީ ގަބޫލު ކުރަމުންނެވެ. އެހެންނަމަވެސް އިންސާނަކު އުފަންވުމަށް ފަހު އޭނާ ތަސައްރަފު ފުދި ބޮޑު ވަނީ ބާރަ އަހަރާއި އަށާރަ އަހަރާ ދެމެދުގެ މުއްދަތެއްގައި ކަމަށް އިންސާނުން ގަބޫލު ކުރާ ގަބޫލު ކުރުމަކަށް ބުރުލެއް ނާރައެވެ. އަދި ކުޑަކުޑަ އޮށަކުން ފަޅާ ގަހެއް ހެދި ބޮޑުވެ މޭވާ އަޅަން ފަންސާހަކަށް އަހަރު ހޭދަ ވެދާނޭ ކަމަށް ގަބޫލު ކުރާ ގަބޫލު ކުރުމަކަށްވެސް ބުރުލެއް ނާރައެވެ. އިންސާނާވެސް އުފަންވީ ބޮޑު މީހެއްގެ ގޮތުގައި ކުއްލިއަކަށް ކަމަށާއި، ގަހެއް ހަމަ މާ ސިންގާ ގަހެއްގެ ގޮތުގައި ކުއްލިއަކަށް އުފަންވީ ކަމަށް ގަބޫލު ކުރުމަކީ ﷲ އަށް އީމާން ވުމަކަށް އޮންނަ ޝަރުތެއް ނޫނެވެ.

ދުނިޔޭގައި ލައްވައިފައިވާ ދިރޭ ތަކެތި ހެއްދެވީ އެއް ހެއްދެވުމަކުން ނޫން ކަމާއި، އެއީ ދިގު މުއްދަތެއްގެ ތެރޭގައި އެކި ސިފައަށް ބަދަލު ވަމުން އައިސް އުފެދުނު ތަކެތި ކަމުގައި ގަބޫލު ކުރެވޭ ފަދަ ހެކިތަކެއް ފަހުން ފެނުނު ކަމުގައި ވިޔަސް އެއީ ދީނާ މެދު ސުވާލު އުފެދޭނޭ ކަމެއް ނޫނެވެ. އަދި ދީނާ ދެކޮޅު ހެދޭނޭ ދަލީލެއްވެސް ނޫންމެއެވެ.

ފަހުބަސް

މަތީގައި މި ބަޔާން ކުރެވުނު ވާހަކަތަކަކީ ވަރުގަދަ މުލްހިދެއް ކަމުގައިވާ ބަރޓްރަންޑް ރަސަލް އުސޫލެއްގެ ގޮތުން ދީނުގެ ސައްހަކަމާ މެދު ވެލައްވައިފައިވާ އިއުތިރާފެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ކާއިނާތުން ވަރުގަދަ ފަރުމާއެއް ފެންނަ ކަމަށާއި، އެ ފަރުމާގެ ސަބަބުން ސާބިތު ވަނީ ފަރުމާ ކުރެއްވި ފަރާތެއް ވާކަން ކަމުގައިވެސް އޭނާ ގަބޫލު ކުރައްވައެވެ. ޚުދު އަމިއްލަ އިއުތިރާފު ނަފީ ކުރެއްވުމަށްޓަކައި އޭނާ ބޭނުން ކުރެއްވީ ޑަރވިންގެ ނަޒަރިއްޔާއެވެ. މާނައަކީ އަމިއްލަ އިއުތިރާފު ނަފީ ކުރައްވަން މަސައްކަތް ކުރެއްވީ ވަރަށް ބަލިކަަށި އަސާސެއްގެ މަތީގައެވެ. އެހެނީ ޚަލްގު ކުރެއްވުމުގެ ފަރުމާއަކީ ދުނިޔެ ގަބޫލު ކޮށްފައިވާ ހަގީގަތެކެވެ. ޑަރވިންގެ ނަޒަރިއްޔާއަކީ ސާބިތު ނުކުރެވޭ ކަމެކެވެ. ޚާއްސަ ގޮތެއްގައި މާއްދީ ހަރަކާތްތަކަކާއި، ރައްދު ހަރަކާތް ތަކަކާ ގުޅިގެން ދިރޭ ތަކެތީގެ އުފެދުމަށް ފުރިހަމަ ފަރުމާއެއް އަތުވެދާނޭ ކަމަށް ޑަރވިންގެ ނަޒަރިއްޔާގައި ބުނާ ބުނުމަކީ އަދި ސައިންސުގެ އެއްވެސް ހެއްކަކުން ސާބިތު ކުރެވިފައި ނެތް ޚިޔާލީ ވާހަކައެކެވެ. ޑަރވިން ބުނުއްވާ ގޮތުގައި ފަރުމާއެއް އުފަންވުމާއެކު އެ ފަރުމާއެއް އުފަން ކުރިވި ފަރާތެއް ވާ ކަން ޔަގީންވާ ކަމަށް ބުނުމަކީ ސައްހަ ބުނުމެކެވެ. ޑަރވިންގެ ނަޒަރިއްޔާ އަކީ ސާބިތު ކުރެވިފައިވާ ހަގީގަތެއް ކަމަށް ނުވުމާއެކު އެ ނަޒަރިއްޔާއަށް ބިނާކޮށް ދީން  ސާބިތު ކުރަް ދައްކާ ވާހަކަޔަކާ ދެކޮޅު ހެދުމަކީ އެއްވެސް "ރަސަލް އަކަށް" ކުރެވޭނޭ ކަމެއް ނޫނެވެ.

ކާއިނާތުގެ މެސެނީ ތައުބީރު

އަށާރަ ވަނަ ގަރުނާއި އޮނަވިހި ވަނަ ގަރުނުގެ ތެރޭގައި ސައިންސްވެރިން އައު ކަމެއް ހޯދިއެވެ. އެއީ ކާއިނާތުގައި ލައްވައިފައިވާ އަސްބާބާއި ނަތީޖާގެ ނިޒާމެވެ. މި ނިޒާމު ހޯދުމާއެކު އެ ދުވަސްވަރުގެ ފަލްސަފާވެރިން ނިޒާމު ބަލައިގަތީ އުފަލާއެކުގައެވެ. އެ ނިޒާމަކީ ﷲ ގެ ބަދަލުގައި ބޭނުން ކުރެވޭނޭ ނިޒާމެއް ކަމުގައި ދެކިގެންނެވެ. އެކަމަކު އެ ނިޒާމު ހޯދި ސައިންސްވެރިން ނިޒާމު ތައާރަފު ކުރީ އެ މާނައިގައެއް ނޫނެވެ. މިސާލަކަށް ނިއުޓަން ބުނުއްވަނީ އެއީ ﷲ ކަންތައްތައް ގެންދަވާ އުސޫލު ކަމުގައެވެ. އޭނާ ދެކެލައްވާ ގޮތުގައި ﷲ އެކަލާނގެ އިރާދަފުޅު ދުނިޔެއަށް ފައުޅު ކުރައްވަނީ އަސްބާބާއި ނަތީޖާ ދައްކަވައިގެންނެވެ. އެހެންނަމަވެސް ސައިންސްގެ މި ހޯދުމުގެ އަލީގައި ފަލްސަފާވެރިންނަށް ފެނުނީ އިލްހާދުގެ "ހެކި"ތަކެވެ. ވުމާއެކު އެ ބުނާ ހެކިތަކުގެ އަލީގައި ވަކި ނިޒާމެއް ގާއިމު ކޮށްގެންފިއެވެ.

އަސްބާބުގެ ގާނޫނާ ބެހޭ ގޮތުން ސަރ ޖޭމްސް ޖީންސް، އޭނާ ލިޔުއްވި "ދަ މިސްޓީރިއަސް ޔުނިވަރސް" ގައި ލިޔުއްވައިފައި ވެއެވެ.

"ޠަބީޢީ ދުނިޔެއާ ކުރިމަތިލުމާއެކު ސިކުނޑިއަށް ވަންނަ ފުރަތަމަ ސުވާލަކީ ދުނިޔެ އުފެއްދެވީ ކޮން ފަރާތަކުންތޯއާއި، މި ވަރުގަދަ މެސެނު ހިންގަވަނީ ކޮންފަރާތަކުންތޯ ކުރެވޭ ސުވާލެވެ. ގަދީމީ ޒަމާނުގައި މީހުން ގަބޫލު ކުރަމުން އައި ގޮތުގައި ލޮލަށް ނުފެންނަ ބަޔަކު ކާއިނާތުގައި އެބައުޅެއެވެ. އެއީ ކާއިނާތުގެ ކަލުންނެވެ. ބޮޑު އެއް ކަލެއްގެ ބެއްލެވުމުގެ ދަށުން މި މެސެނު ހިންގަވަމުން ގެންދަވަނީ ކުދި ކަލުންނެވެ. މިހާރުވެސް މި ވާހަކަ ގަބޫލު ކުރާ ބަޔަކު އުޅެއެވެ. އެކަމަކު ޢިލްމީ މައިދާނުގައި މިހާރު ވަނީ މި ވާހަކައަކީ ބަލައި ނުގަންނަ ވާހަކައަކަށް ވެފައެވެ. ގިނަ ކަލުން އުޅޭ ކަމަށް ގަބޫލު ކުރުމުގެ ބަދަލުގައި މި ޒަމާނުގެ މީހުން ގަބޫލު ކުރަނީ ކަލަކު ވޮޑިގެން ނުވާ ކަމަށެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ކާއިނާތަކީ ދެނެވޮޑިގެންވާ ކުޅަދުންވަންތަ ފަރާތަކުން އުފެއްދެވި ތަނެއް ނޫނެވެ. އެއީ ކުރިމަތިވަމުން އައި އިއްތިފާގުތަކެއްގެ ނަތީޖާއިން އުފަންވީ ތަނެކެވެ. އަސްބާބުގެ މި އުސޫލު ވަނީ މަޚުލޫގުން ހެއްދެވި ގޮތާ މެދު ކުރެވޭ ބަހުސުގެ މައިގަނޑު ކަމުގައި ވެފައެވެ." (ސަފުހާ 13)

"ކާއިނާތުގެ މެސެނީ ތައުބީރު" ގެ ނަމުގައި އުފަންވީ އުސޫލު އުފެދި ފުޅާ ވެގެން ދިޔައީ މި ދެންނެވުނު ގަބޫލު ކުރެވުމުގެ ސަބަބުންނެވެ. ކަމެއް ހިނގުމުގައި ނުވަތަ އެއްޗެއް އުފެދުމުގައި އެ ކަމެއްގެ ނުވަތަ އެ އެއްޗެއްގައި ލެއްވިފައިވާ ބާރެއްގެ އިތުރަށް، އެ ކަމަކަށް ނުވަތަ އެ އެއްޗަކަށް ބާރު ފޯރުވާ އެއްވެސް ފަރާތެއް ނެތް ކަމަށް "ސާބިތުކޮށްގެންފި"އެވެ. މާނައަކީ މުޅި ކާއިނާތު މި ދަނީ ހަމައެކަނި އަސްބާބާއި ނަތީޖާގެ ސިލްސިލާއެއްގައި ދައުރުވަމުންނެވެ.

1874 ވަނަ އަހަރުގެ މަޒުމޫނެއްގެ ގޮތުގައި [ޗެމްބަރސް އެންސައިކްލޮޕީޑިއާ ގެ ވޮލިއުމް 2 ގެ 691 ވަނަ ސަފުހާގައިވާ ގޮތުގައި ތަބީއިއްޔާތުގެ ފަލްސަފާވެރިންނާއި، ކީމިޔާއީންނާއި، ހަޔާތީންނަށް ކަށަވަރުކަމާއެކު ގަބޫލު ކުރެވުނު ގޮތުގައި ސަބަބު އެއްގޮތް ނަމަ އަބަދުވެސް ނުކުންނާނީ އެއް ނަތީޖާއެކެވެ. އަދި ވަކި ކަމަކުން ކާމިޔާބު ކަމާއެކު ނަތީޖާއެއް ނެރެވިއްޖެ ނަމަ، ހަމަ އެ ނަތީޖާ އަނެއްކާވެސް ނެރެވޭނޭ ކަމަށް އެމީހުން ގަބޫލު ކުރިއެވެ. ވުމާއެކު ތަބަޢީ ޢިލްމުތަކުގައި އަސްބާބުގެ ގާނޫނާ ބެހޭ އެއްވެސް އިޚުތިލާފެއް ނެތެވެ. އަސްބަބާއި ނަތީޖާގެ އުސޫލު މަސައްކަތް ނުކުރަނީ ހަމައެކަނި މެޓަފިޒިކްސްގައެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.