
ރައްޔިތުންގެ އުއްމީދުތަކާއި، ރައްޔިތުން އެދޭ ކަންކަން ހާސިލު ކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރު ވަރަށް މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަޤާމުތަކަށް އެމަނިކުފާނު ޢައްޔަން ކުރައްވާފައިވާ ބޭފުޅުންނާއި މިއަދު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވެރިކަމެއް އިންތިޚާބު ވެގެން މިއައީ ރައްޔިތުން ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށާއި، އެހެންކަމުން، މިކަންކަން ހާސިލު ކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެވޭނެ ވަރަށްގިނަ ކަންކަން ހުންނާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމްގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވަންޖެހޭ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިއްމު ކަންވެސް ފާހަގަ ކުރެއްވިއެވެ.
ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް