ޞިއްޙީ ޚިދުމަތް ފުޅާކޮށް ދުޅެހެޔޮ ދިރިއުޅުމަކަށް މަގުފަހި ކޮށްދެއްވާ: ރައީސް

ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުރިހާ ކައުންސިލަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ލ. ހިތަދޫގައި ޞިއްޙީ ޚިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އެރަށު ސްކޫލްގައި ބޭއްވި ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.  ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި މުހިންމު އިސްލާހުތަކުގެ ސަބަބުން ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށެވެ.

ލާމަރުކަޒީޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.  އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާ އިތުރުލުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ލާމަރުކަޒީ ޤާނޫނު ބުނާ ގޮތުން، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެއް. އޭގެ ތެރޭގައި އެބަ ހިމެނޭ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތަކާއި، ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައްވެސް. ޢާންމު ޞިއްޙަތާ ގުޅިފައި ހުރި އެހެން ޚިދުމަތްތައް، އާދެ، މަގު ކުނިކަހައި ރަށުތެރެ ސާފުކޮށް ބެލެހެއްޓުން، ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުން، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން، މިހުރިހާ ކަމަކީވެސް ކައުންސިލްތަކުގެ ޒިންމާތައް،" އެމަނުކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެންނެވީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިބަދަލުތަކާއެކު ސަރުކާރުން އެދެނީ، ބަލިވުމުގެ ކުރިން، ބަލިތަކުން ދުރުހެލިވެ ރައްކާތެރިވެވޭނެ ޢާންމު ޞިއްޙަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ޤާއިމްކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތްކޮށްދިނުމަށްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

"ރަށްރަށުގެ ޢާއްމު ޞިއްޙީ ޚިދުމަތްތެރިން، ޤަވާޢިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ޙާލުއަހުވާލު ބަލައި، ޞިއްޙީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ، މިހާރު އަލުން ފަށަންވެފައި އޮތް ކަމެއް. އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް، ޞިއްޙީ ޚިދުމަތްދޭ އިދާރާތަކަށާއި ކައުންސިލްތަކަށް އަޅުގަނޑު އިލްތިމާސްކުރަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.