އާސަންދަ ނިޒާމުގެ ތެރެއަށް އިންތިހާއަށް ވަނީ ކޮރަޕްޝަން ވަދެފައި: ރައީސް

މިއަދުގެ ސަމިޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ އާސަންދަ ނިޒާމުގެ ތެރެއަށް އިންތިހާއަށް ކޮރަޕްޝަން ވަދެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބަނޑޮހުގައި ކުރިއަށްދިޔަ ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ސަމިޓްގައި ވަހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބައެއް ސާމާނުތައް ލިބެނީވެސް އެތަށްތަނަކަށް ސިޓީ ލައިގެން އެތައް ތަކުލީފްތަކަށް ފަހު ކަމަށެވެ. އެފަދަ ކަންކަމުގައި ވެސް ކޮރަޕްޝަން އެކުލެވިފައިވާ ކަމުގެ ހެކިތައް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަންކަން ޙައްލު ކުރެއްވުމަށް ކުރީގެ ހެލްތު މިނިސްޓަރުންގެ ތަޖުރިބާ ވަރަށް މުހިންމު ކަމަށެވެ.

ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދިނުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއަށް ކޮރަޕްޝަން ވެއްދުމުން ދައުލަތުގެ ފައިސާއިން ބޮޑު ބައެއް އިސްރާފުވެގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރު ހިންގެވުމާ އެމަނިކުފާނު ޙަވާލުވެ ވަޑައިގެންނެވީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ކަމަށެވެ. މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވަނީ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީކުރަން މަސައްކަތް ކުރައްވައިފައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.