އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާއިން ގައިދީންނަށް ކުރަމުންދާ އަނިޔާ އަށް ބަލައިލުމެއް

އެމެރިކާގެ މަޝްހޫރު ޖާސޫސީ އިދާރާ ސީ އައި އޭ ގެ ފަރާތުން، އެމީހުން އަތްދަށުވާ ގައިދީންނަށް ކުރާ ތަފާތު އަނިޔާގެ ތަފްސީލު ތަކެއް، ދާދި ފަހުން "ޓޯޗަރ ރިޕޯޓް" ގެ ނަމުގައި މުޅި ދުނިޔެއަށް ރަސްމީ ގޮތުން ހާމަކޮށްފިއެވެ! މި ބިރުވެރި އަނިޔާތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު ނެރެ އާންމު ކުރުމުން މުޅި ދުނިޔެ ސިހިގެން ދިޔައެވެ. މިފަދަ ކަންކަމާއި މެދު މައުލޫމާތު ހޯދައި ވިސްނާ މީހުންނަށް އެ ރިޕޯޓުގައި ހުރި ގިނަ ކަންތަކަކީ ކުރިން ޓީވީން ފެނި، އެއީ އެމީހުން ކުރާ ކަމެއްކަން އެނގި ޔަގީންވެފައިވާ ކަންކަމެވެ. ނަމަވެސް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނު އެއް ސަބަބަކީ އެ ރިޕޯޓު ނެރުނީ އެކަން ކުރި ނުވަތަ ކުރަން ފަހިކޮށްދިން މީހުން ކަމަށް ވުމާއި ގައިދީންނަށް އެ ކުރާ އިންސާނިއްޔަތާއި ޚީލާފު އަނިޔާތައް ދަސްކޮށްދިން މީހުންނަށް އެމެރިކާ ސަރުކާރުން ދިން (އަޅުގަނޑުމެން ހައިރާންވާ ވަރުގެ) ފައިސާގެ ބޮޑު އަދަދެވެ. އަދި އަނެއް ކަމަކީ އެކަން ކުރީ އަސްކަރިއްޔާގައި ކުރިން އުޅެފައިތިބި، މިހާރު ނަފްސާނީ އިލްމުވެރިން ކަމުގައިވެސް ވާތީއެވެ! މި ދެމީހުން އިސްވެ ތިބެ އަނިޔާކޮށް، އަދި އަނިޔާ ކުރަން ދަސްކޮށްދިނީ އެމީހުން އެކުލަވާލައިފައިވާ ބިރުވެރި ''މުގައްރަރެއްގެ'' އަތްމަތީ ފޮތުގައިވާ ގޮތަށް ކަމަށް ވެސް ވާތީއެވެ!

އާދަމުގެ ދަރިން ދުވަހަކުވެސް ދެކެން ބޭނުންނުވާނެ، ނުވަތަ ތަޖުރިބާ ކުރަން ބޭނުންނުވާނެ އަނިޔާގެ ދިހަ ވަރަކަށް ވައްތަރުގެ ނުރައްކާ އަނިޔާއަށް ވަރަށް ތަފްސީލުކޮށް އަލި އަޅުވާލައި މި މަޝްހޫރު ރިޕޯޓު ނޫސް މަޖައްލާތަކުންނާއި ޚަބަރު ފަތުރާ ހުރިހާ ވަސީލަތްތަކުން ހާމަވެ، ދެތިން ދުވަސްނުވަނީސް އަޅުގަނޑުމެން އެންމެން ސިހުނީ ޕާކިސްތާނުގެ ޕިޝާވަރުގައި ސަތޭކަ ސާޅީހަށްވުރެ ގިނަ ކިޔަވާ ކުދިން، ތޯލިބާނުންގެ ހަމަލާތަކެއްގައި މަރުވެދިޔަ ހިތާމަވެރި ޚަބަރުންނެވެ! މި ހިތާމަވެރި ހާދިސާ އާއި އެމެރިކާ މީހުން ނެރުނު އަނިޔާ ކުރުމުގެ ތަފްސީލީ ރިޕޯޓާއި ގުޅުމެއް ހުރިތޯ ލައްކަ ބަޔަކު ބަހުސްކޮށް ދިރާސާ ކުރާނޭ ކަމަށް ވަރަށް ގަބޫލު ކުރެވެއެވެ.

މަރުކަޒީ ޖާސޫސީ އިދާރާއިން އެ ނެރުނު ރިޕޯޓުގައި އެންމެ ގިނައިން އެންމެ ވަރުގަދަ އަނިޔާތައް ކޮށްފައި ހުރީ އަރަބިންނަށާއި އަފްޣާނިސްތާނާއި ޕާކިސްތާނު މީހުންނަށެވެ. ވީމާ ޕާކިސްތާނުގައި ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ދިޔުމަކީ ކުރިންވެސް އެފަދަކަމަށް ތައްޔާރުވެ ފާރައަށް ތިބެން ޖެހޭވަރުގެ ކަމެކެވެ.

އިސްވެ ދެންނެވުނު ފަދައިން ސީ އައި އޭ ގެ ފަރާތުން ކުރިޔަށް ގެންދިޔަ އަނިޔާތައް، ނުވަތަ އަނިޔާ ކުރާނެ ގޮތް ރާވައި ފަރުމާކޮށްދިނީ އެމެރިކާގެ ވައިގެ ސިފައިންގެ ތެރޭގައި ކުރިން ހަރަކާތްތެރިވެފައިވާ އޮފިސަރުންގެ ތެރެއިން ދެމީހެކެވެ. މިހާރު މިއީ އުމުރުން ފަސްދޮޅަހުން މަތީގެ ދެ ނަފްސާނީ އިލްމުވެރިންނެވެ! މިމީހުން މިކަމެއް ކުރީ އެ ދެމީހުން ހިއްސާވާ ކުންފުނީގެ ރަސްމީ މަސައްކަތެއްގެ ގޮތުގައެވެ. އެ ‘އުފުއްލެވި ބުރައަށް’ ޖުމްލަކޮށް 81 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ އެކި ފަހަރު މަތިން އެކި ނަންނަމުގައި ސީއައި އޭ ގެ ފަރާތުން މި ދެ ޑަކްޓަރުންނަށް ދީފައިވެއެވެ!

“އެއްރެއެއްގެ ދަންވަރު، ޖާސޫސީ އިދާރާގެ ފަރާތުން އެމެރިކާ ސިފައިންނަށް ތަފާތު ނަފްސާނީ އަނިޔާ އާއި ޖިސްމާނީ އަނިޔާގެ އިންތިހާ، ދަސްކޮށްދޭ ނަފްސާނީ އިލްމުވެރިންގެ ދެމީހުންކުރެ ޖޯން ޖެސަން ހުރީ ވަރަށް ފަރުވާތެރިކަމާއެކު ބަލާށެވެ. އެއީ 2002 ވަނަ އަހަރުގެ ފަހުކޮޅެވެ! އޭނާ ބަލަން ހުއްޓައި، އަފްޣާނިސްތާނުގައި ސީއައި އޭގެ ފަރާތުން ހިންގާ ބިރުވެރި ޖަލެއްގައި ކަނު އަނދިރީގައި ހުރި އަފްޣާނިސްތާނުގެ ގައިދީ ގުލް ރަހްމާނު އެމެރިކާ ސިފައިންގެ ފަސް މީހުން ގޮސް (ގުލް ރަހްމާނުގެ) ދެ އަތުގައި ހިފައި އޭނާ ހުރި ގޮޅިން ދަމައި ނެރެފިއެވެ.”

އަނިޔާކުރަން ދަސްކޮށްދީ އަދި އެކަމުގެ މުގައްރަރު އެކުލަވައިލި އެކަކު ކަމުގައިވާ ޖޯން ޖެސަން ފަހުން ކިޔައިދިން ގޮތުގައި އެ “އެއީ ވަރަށް ރަނގަޅަށް ރާވައި އެ ސިފައިން ތަމްރީނުވެ ފަރިތަކޮށްފައިވާ ކަމެކެވެ.” މިހާރު މި މަޝްހޫރުވި ސީ އައި އޭ އިން ކުރާ އަނިޔާގެ ތަފްސީލީ ރިޕޯޓުން ހާމަ ވާ ގޮތުގައި އެރޭ، ސިފައިންގެ ފަސްމީހުންވެގެން ޖަލުގެ ގޮޅިއެއްގައި ހުރި ގުލް ރަހްމާނު ދަމާފައި ނެރުނީ ގޮޅިން ބޭރަށެވެ. ނެރެފައި އޭނާގެ އަންނައުނު ވަޅިން ކަފައި ގަޔާއި ވަކިކޮށްލިއެވެ. ދެން އޭނާގެ ބޮލަށް ބޯފޮތިން ފަހާފައިވާ ކޮތަޅެއް މަހާފައި، (ތަނެއް ނުފެންނަ ގޮތަށް މޫނު ނިވާކޮށް) އޭނާ އަށް ޖެއްސީ ދުވާށެވެ! އޭނާ އަނގަވަތަށް ވެއްޓިއްޖެ ނަމަ އެމީހުން އޭނާ ދަމާފައި އެތައް ހިސާބަކަށް ގެންދެއެވެ. މިކަމެއް ނިމުނު އިރު ގުލް ރަހްމާނު ގެ މުޅި ގައި ވަނީ މެށި އެކިވަރުވަރަށް ހަންނޮޅި ފާރުވެފައެވެ!”

މުދައްރިސަކު ދަސްކޮށްދެއްވި ފަންނީ ކަމެއް، ބަޔަކަށް ދައްކައިލުމުގައި އެންމެ ފުރިހަމައަށް އޭނާގެ ދަރިވަރުންނަށް ކުރެވިފައި ނުވާތީ އެކަން ކުރަންވީ ގޮތް ކިޔައިދޭ ބީދައިން، ޖޯން ޖެސަން ބަލަން ތިބި މީހުންނަށް އޮޅުން ފިލުވައިދިނެވެ. “ އެކަހަލަ ގަދަބަދަވި ކަމެއް ހަމަ ކުއްލިއަކަށް ކޮށްފައި މަޑުކޮށްލާ ހިނދުކޮޅުކޮޅުގައި ގައިދީއާއި ވާހަކަ ދައްކައި ސުވާލު ކުރަންވާނެއެވެ. އެއިރުން އޭނާ ފަހުން ވިސްނައި ފިކުރު ކުރާނޭ ކަމަކަށް ދޮރެއް ހުޅުވައިދެވުނީއެވެ!”

ގުލް ރަހްމާނަށް މި ފެށުނު އަނިޔާކުރުންތަކަށް މާ ގިނަ ދުވަހެއް ނުވެ، އެ ނޮވެމްބަރު މަހުގެ ވިހި ވަނަ ދުވަހު އޭނާ އޮތީ ގޮޅި ތެރޭގައި މަރުވެފައެވެ! އުނަގަނޑުން ތިރީގައި ނިވާކަމެއް ނެތެވެ. އޭނާ ހުރީ ގުންގުރެޓުން ހަދާފައިވާ ތަޅުމަށް ހިލިހިލާޖަހައިފައެވެ! މަރުވުމަށް ފަހު ބެލި ޑަކްޓަރުން އަންދާޒާ ކުރެއްވީ އޭނާ މަރުވީ ފިނި ގަދަވެ، ގުނަވަންތައް ގަނޑުވެގެން ކަމުގައެވެ! އުނަގަނޑުން ތިރި ބަރަހަނާކޮށްފައި ބަހައްޓަނީ ފެންޖަހައި ތެންމާށެވެ! ( ނޮވެމްބަރު މަހުގެ ފަހު ދުވަސްކޮޅުން ފެށިގެން ޖަނަވަރީ މަސް ނިމެންދެން، މިއީ އަފްޣާނިސްތާނުގައި އެންމެ ފިނިގަދަ ދުވަސްވަރެވެ. އަޅުގަނދުމެންގެ ރާއްޖޭގައި ހޫނުމިން 28 އާއި 29 ގައި ހުންނައިރު އަފްޣާނިސްތާނުގައި ނޮވެމްބަރުގައި، ރޭގަނޑު ފިނިމިން ހުންނާނީ މައިނަސް އެކެއް ދޭއްގައެވެ! މި ޖަލުތަކުގައި ގައިދީންނަށް، އެމީހުން ތިބޭ ހިސާބު ހޫނުކޮށްދޭ ނިޒާމެއް ނުހުރެއެވެ! )

ގުލް ރަހްމާނު މަރުވާން ދިމާވި ފަދަ ތަހުގީގުގައި އަނިޔާ ކުރުމަށް މިހާރު ކިޔަނީ ‘ ސިޔާސީގޮތުން މާ ކަމުދާ’ އެހެން ނަމެކެވެ! އިނގިރޭސި ބަހުން ކިޔަނީ “enhanced interrogation techniques” މިފަދަ ބަސްބަހެއް އާދައިގެ މީހަކަށް، އެންމެ ފުރިހަމައަކަށް ތަރުޖަމާއެއް ނުވެސް ކުރެވޭނެއެވެ. ނަމަވެސް އަޅުގަނޑަށް ވިސްނޭ ގޮތުގައި، “ ތަހުގީގަށް ސުވާލުކުރުމުގައި ފައްކާކުރެވިފައިވާ އުކުޅުތައް” ދޭހަވާ ނަމެކެވެ. އަނިޔާ ކުރުން ދޭހަވާ ލަފްޒެއް ވެސް ނެތެއް ނޫންތޯއެވެ؟

މިހާރު މަޝްހޫރުވެގެން މި އުޅޭ، އިންތިހާއަށް އަނިޔާކުރުމުގެ އުކުޅުތައް ފެންމަތިވެގެން މިއުޅެނީ 2001 ގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިމާވި މަޝްހޫރު ކަންތަކުގެ ފަހުންނެވެ. ހައްޔަރު ކުރެވޭ މީހުންނަށް އަނިޔާ ކުރުމަކީ ހުރިޔާ ހިސާބެއްގައި ހުރިހާ ޒަމާނެއްގައިވެސް ހިނގާ ކަމެކެވެ. ނަމަވެސް މިހާރު މިވާހަކަ މި ދެކެވޭ އެއް ސަބަބަކީ، ދުނިޔޭގެ ޑިމޮކްރެސީ އާއި މިނިވަންކަން ހިމާޔަތް ކޮށްދީ، އިންސާނީ ހައްގުތަކަށް ފާރަވެރިވެ މުޅި ދުނިޔޭގެ އަމަން އާންމު ބަލަހައްޓާ ފުލުހުން ކަމަށް ހެދިގެން އުޅޭ ބައެއްގެ ފަރާތުން، 21 ވަނަ ގަރުނުގައި މީހުން ދެކެން ބޭނުންނުވާ ވަރުގެ އަނިޔާވެރިކަމެއް، ވަކި އިންތިޒާމަކުން، އެތައް ފަރާތެއްގެ ހުއްދަ ލިބި، ސަރުކާރުން އެކަން ރާވައި ހިންގައިދިން ކުންފުންޏަށް 81 މިލިޔަން ޑޮލަރު، ފީގެ ގޮތުގައި ދީ، އަދި ރަސްމީ ގޮތުން މިފަދަ ރިޕޯޓެއް އާންމުވެސް ކުރުމުންނެވެ!

2002 ގެ ކުރީކޮޅު ތައިލެންޑުގައި ހުރި އެމެރިކާގެ ޖާސޫސީ އިދާރާގެ ޖަލެއްގައި ހައްޔަރު ކުރެވިފައިވާ ޕާކިސްތާނުގެ އަބޫ ޒުބައިދާ ކިޔާ މީހަކީ، އެމެރިކާނުންނަށް އަތުލެވުނު، އަލްގާއިދާގެ ފުރަތަމަ ގައިދީއެވެ. މިހާރަށް ބަލާއިރު އޭނާއާއި ސުވާލު ކުރެވުނީ ވަރަށް އާދައިގެ ގޮތެއްގައެވެ. މިތަން ބަލަން އިނދެފައި، ކުރީގެ ސިފައިންގެ އޮފިސަރު، މިހާރު އަނިޔާ ކުރަން ދަސްކޮށްދޭ ނަފްސާނީ އިލްމުވެރިޔާ، ތަހުގީގު ކުރާއިރު ބޭނުންކުރެވިދާނެ މާ މޮޅު 12 އުކުޅެއް މީނާ، ސި އައި އޭ އަށް ހުށަހެޅިއެވެ! އެއީ ހަމަ އެކަނި ތަދު ކޮށްގެން އަނިޔާ ކުރެވިދާނެ ތަފާތު ބާރަ ގޮތެއް ނޫނެވެ. އެކަން ރާވައިފައި އޮތީ ނަފްސާނީ އިލްމުގެ ހުނަރު ލިބިފައިތިބި، ކުރީގެ އަސްކަރީ ދެމީހުން ކަމަށްވާތީ ނަފްސާނީ ގޮތުން މީހަކު ‘ރޫޅައިލެވިދާނެ’ އެތައް ގޮތެއް ހިމެނެއެވެ. މީ ދޮޅަސް ގޮތުގެ ތެރެއިން މީހަކު ދިރިހުއްޓައި، މަރުވިކަމަށް ހަދައި ވަޅުލާކަމަށް ދެއްކުމާއި، އެމީހުން ބިރުގަންނަ ފަނިފަކުސާއެއް އެމީހެއްގެ ގަޔަށް އެޅުން ފަދަ ދެ ކަމަކަށް ‘ މަތިން’ މާ ތަރުހީބެއް ނުލިބުނެވެ.

އަލްގާއިދާގެ މީހެއްކަމަށް އެމެރިކާނުން ގަބޫލު ކުރާ އަބޫ ޒުބައިދާ އަށް ސީއައިއޭގެ މީހުން ކުރި އަނިޔާގެ ތަފްސީލު މި ރިޕޯޓުގައި ހިމަނާފައިވެއެވެ.

“އޯގަސްޓުމަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު ވަގުތެއްގައި، އަބޫ ޒުބައިދާ ބަރަހަނާކޮށް ހިލިހިލާ ޖަހައި ބޮލުގައި ތަނެއްނުފެންނަ ގޮތަށް ބޯފޮތީގެ ކޮތަޅެއް އަޅުވައި ވަރަށް ބާރަށް، ގުނގުރޭޓު ފާރަކަށް އޭނާ ގުޅަކޮށް ޖެހިއެވެ! ދެން، ސަންދޯކެއް ކަހަލަ ކުޑަ ފޮށްޓަކަށް މީނާލައި އަނދިރީގައި ބޭއްވިއެވެ. ދެން އެދުވަހުގެ 6.20 ގައި މި އަބޫ ޒުބައިދާއަށް މި ޒަމާނުގެ އެންމެ މަޝްހޫރު އެއް އަނިޔާ ކަމުގައި ބެލެވޭ ‘ވޯޓަރ ބޯޑިންގް’ ކުރެވުނެވެ. މިހެން ކިޔާ ގޮތަކީ އެ ބިރުވެރި އަނިޔާ ލިބޭ މީހާ، ހަތަރެސްފައި ބަނދެ، ބޯ ކޮޅު ތިރި ފިލާގަނޑެއް މަތީގައި ބާއްވައި ބޮލަށް ފެން އަޅާތީއެވެ! ނަމަވެސް ފެން އެޅުމުގެ ކުރިން، ގައިދީގެ އަނގަ ހުޅުވައި ކުރިން ފެނުން ތެންމާފައިވާ ބޮޑު ފޮތިގަނޑެއް އަނގައަށް ވައްދައި މަޑުމަޑުން އެ ފޮތިގަނޑަށާއި ނޭފަތަށް ފެންއަޅައެވެ. އަދި މިހެން ހަދާއިރު ވަރަށް ހަރުކަށި އިބާރާތްތަކުން އޭނާ އަށް ހަޅޭއްލަވައެވެ. މި ބިރުވެރިކަންތައް ކުރާއިރު ގައިދީ އެ ފިލާގަނޑުން ވެއްޓުން ހުއްޓުވުމުގެ ގޮތުން ހަތަރެސް ފައި ބަނުމުގެ އިތުރުން ދެތިން ހިސާބަކުން އެމީހާ އާއި ފިލާގަނޑާއި އެކީގައިވެސް ބަނދެއެވެ. މިހެން، ބޯކޮޅު ތިރިއަށް ބާއްވައި ފެން އެޅުމުގެ ބިރުވެރިކަމަކީ، އެ ގައިދީއަށް ތިމާ ގެނބިގެން މަރުވާކަހަލަ ބިރުވެރި އިހްސާސެއް ކުރެވޭތީއެވެ. އަދި، ތިމަންނާގެ ނިކަމެތި ކަމާއި، ވަށައިގެން ތިބި ވަރުގަދަ މީހުން ބޭނުން ކޮންމެ ކަމެއް ކޮށްފާނެ ކަމުގެ ބިރުވެރިކަން ހިތަށް ވަދެ ޔަގީން ވުމެވެ!”

ބައެއް ނޫސްވެރިންވެސް މިވާހަކަ ތައް ލިޔުމުގެ ކުރިން އަޖުމަ ބަލައިލުމުގެ ގޮތުން މި އަނިޔާ އަމިއްލަ އިޚްތިޔާރުގައި ލިބި ގަތެވެ. އެމީހުން ބުނާ ގޮތުގައި އެންމެ ފުރަތަމަ ދިހަ ވަރަކަށް ސިކުންތުގައިވެސް އެމީހަކު ނުކުރާ ކަމެއްވެސް، ސުވާލު ކުރި ކޮންމެ ކަމަކަށް، އެފަދަ ބިރުވެރި ހާލެއްގައި އޮންނަ މީހަކު އާނ އެކޭ ބުނާނެއެވެ. އެއީ އަދި ކުރިކަމަކަށް އެއްބަސްވުމެއް ނޫނެވެ!

މިފަދަ އަނިޔާ ކުރުމުން، ސީއައިއޭގެ ރިޕޯޓުގައި ވާ ގޮތުން އަބޫޒުބައިދާ “ ފިޓު ޖެހޭ ގޮތަށް ވަރަށް ބޮޑަށް އަކުނަވަޔަށް ދަމައިގަތެވެ. ނަމަވެސް މީނާގެ ކިބައިން މާ ގިނަ މައުލޫމާތެއް އެދުވަހަކު ނުލިބުނެވެ. ވީމާ، ޖުމްލަކޮށް 17 ދުވަހު ރެއާއި ދުވާލު، މޫނުމަތީގައި ތެޅުމާއި، ހުޅުތަކަށް ތުރާ ގޮތްގޮތަށް ހަށިގަނޑު ބަހައްޓަން މަޖުބޫރު ކުރުމާއި ނިދުމުން މަހުރޫމު ކުރުމާއި އެކު ސަތާރު ދުވަހުގެ ތެރޭގައި 83 ފަހަރު ކުރިން ދެންނެވުނު، ފެނުން ކުރެވޭ އަނިޔާ މީނާ އަށް ކުރިއެވެ!
ހުޅުތަކަށް ވާ ތަދުން ގުނަވަންތައް ހުޅުހުޅުން ނެއްޓޭފަދަ އަނިޔާވެރި ގޮތްގޮތަށް ހަށިގަނޑު ބަހައްޓަން މަޖުބޫރު ކުރުމުގެ އިތުރުން 266 ގަޑިއިރު ސަންދޯކެއް ކަހަލަ އަނދިރި ފޮށިގަނޑެއްގައި އަބޫ ޒުބައިދާ ބޭއްވިއެވެ. އެއީ އެގާރަ ދުވަހަށް ވުރެ އިތުރެވެ! މީނާ އަށް ކުރި އަނިޔާގެ ގަދަބަދަވި ކަމުގެ ސަބަބުން، އަދާ ކުރާ ވަޒީފާގެ ގޮތުން އެތަން ބަލަން ޖެހުނު ބައެއް މީހުންނަށް ކެތް ނުވެ ގިސްލެވި ނޭވާލާން ދަތިވާވަރަށް ރޮވުނު ކަމަށްވެއެވެ! “

އަޅުގަނޑުގެ ބޭނުމަކީ، ބައިނަލް އަގުވާމީ އެއްބަސްވުންތަކާއި ޚިލާފު މިފަދަ އަނިޔާގެ ވަހަކަތައް ވަކި ސަބަބެއް ނެތި ލިޔުމެއް ނޫނެވެ! އަޅުގަނޑުމެން މިތިބީ އިންސާނީ ތާރީޚުގައި، މާ ތަހުޒީބު ހިސާބަކަށް އާދެވިފައި ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާ ޒަމާނެއްގައި މިފަދަ ކަންކަން އެއް އާދަމުގެ ދަރިޔަކު އަނެކަކަށް ކުރުމުން ހިތަށް ކުރާ އަސަރު ބޮޑުވެ، އުފެދޭ ސުވާލުތައްވެސް ގިނަވާތީ، އަޅުގަނޑުމެން ތަހުޒީބުވާނީ އަދި ކިހާ ދުވަހަކުން ބާއެވެ ހިތަށް އަރައި ހުށަހެޅި ލިޔުމެކެވެ!
އަޅުގަނޑުމެން ކުރިއަރަންވީ، އަޅުގަނޑުމެނަށް ލިބިފައިވާ އިލްމުގެ ބޭނުންކޮށްގެން އެހެން މީހުނަށް އަނިޔާ ކުރުމުގައި ހުނަރުވެރިންނަށް ވާން ބާއެވެ؟ ނުވަތަ ހަށިފުރާނައިގެ ހުރުމަތް ކިޔައިދީ ސުލްހަވެރި ކަމުގެ މުހިންމުކަން ފެތުރުމުގައި ނޫން ބާއެވެ؟ ބޭސްވެރިކަމުގެ ރޮނގުންނާއި ނަފްސާނީ އިލްމުގެ އެހީގައި ހަނގުރާމަ ނުކޮށްވާނޭ ގޮތެއް ހޯދުން ނޫންބާއެވެ؟

މީގެ އަށެއްކަ އަހަރު ކުރިން އަޅުގަނޑުގެ ބައްޕަ އާއި އެކީގައި މިސްރަށް ގޮސް، މަޝްހޫރު އަހްރާމްތައް ބަލައިލާން ދެވުނެވެ. ޢީސާ ޢަލައިހިއްސަލާމްގެ 2500 އަހަރު ކުރިން ހަދާފައިވާ މި ތިން އަހްރާމުގެ ކޮންމެ ހިލައެއްގައި 3 ޓަނު ހުންނަ ކަމަށް ބުނެވެއެވެ. އެ ބަރުދަނުގެ ހިލައިން ހަދާފައިވާ އަހްރާމުގެ އުސްމިނަކީ ގާތް ގަނޑަކަށް 46 ބުރީގެ އިމާރާތެއްގެ އުސްމިނެވެ! ގަދީމީ 7 އަޖައިބުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި މި އަޖައިބެއް ފަދަ ބިނާ ފެނިލެއްވުމުން ހައިރާންވެ ބައްޕަ ބުނުއްވިއެވެ. “ މިހާރުގެ މީހުންނަށް މިވަރުގެ ކަމެއް ކުރެވިދާނެ ބާއެވެ؟”

އަޅުގަނޑު ނަންގަތީމެވެ. “ބައްޕާއެވެ، އަޅުގަނޑުމެން ޒަމާނުގެ މީހުންނަށް ލިބުނު ކުރިއެރުމަކީ، އެއް ލައްކަ މީހުން 25 އަހަރު ވަންދެން، އެންމެ މީހެއްގެ ސަންދޯއް ބާއްވާނެ ތަނެއް އަޅަން މަސައްކަތް ކުރަން ނުޖެހުމެވެ!”

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

3 ޚިޔާލު

  1. މިހުރިހާ ވާހަކައެއް ލިޔުނު އިރު ރާއްޖޭގެ އަނިޔާގެ ވާހަކަ ލިޔާކަށް ލިޔުންތެރިޔާއަކަށް ނުކެރުނެވެ. ބިރުގަތީ ހެއްޔެވެ؟ އެމެރިކާގެ އަނިޔާވެރިކަމަށް ވުރެ ރާއްޖޭގެ އަނިޔާވެރިކަން މާ ބޮޑެވެ. ހައްގުން ކަމަކާ ނުލާ އެތައް ބަޔަކު ޖަލަށް ލައިގެން އަނިޔާ ކުރަނީއެވެ. ދަންވަރު މުހުތާޒު ނެރެގެން އެތައް އަނިޔާއެއް ކޮށްފިއެވެ. އަދީބުގެ ލޯ އަނދިރި ވަނީއެވެ. އަޅައެއް ނުލައެވެ. ސަމީރު ނިކަން މި ވާހަކަ ލިޔެބަލާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.