(12 އޮކްޓޯބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިސާލަކަށް ކުކުޅު ފިޔޮކެއް ނަގަމާތޯއެވެ؟ ފިޔޮއް އުފެދެނީ ހަރު ތޮށީގެ ބިހެއްގެ ތެރޭގައެވެ. ފިޔޮއް ބޭރަށް ނުކުންނަނީ ބިސް ފަޅައިގެން ދިޔައީމައެވެ. ކަނޑައެޅިފައިވާ އެންމެ ރަނގަޅު ވަގުތުގައި ބިސް ފަޅައިގެން ދަނީ ކިހިނެއްތޯއެވެ؟ ކުޑަކުޑަ މަސްކޮޅެއް ވަރުގެ ބަލިކަށި ފިޔޮކެއް އެ ބިހުގެ ތެރެއިން ނުކުންނަނީ ކިހިނެއްތޯއެވެ؟ އިހުޒަމާނުގައި މި ސުވާލަށް ޖަވާބެއް ލިބިފައި އޮތެވެ. "އެއީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ." އެކަމަކު މިހާރު މައިކްރޮސްކޯޕުގެ އެހީގައި ބެލީމާ އެނގުނު ގޮތުގައި އެކާވީސް ދުވަސް ފުރިހަމަ ވުމާއެކު ފިޔޮކުގެ ތުނބުގައި ކުޑަކުޑަ ހަރު ދަޅެއް ފަޅައެވެ. ފިޔޮއް ބިސް ތަޅައިލަނީ މި ދަޅުން ޖަހައެވެ. ފިޔޮއް ބޭރަށް ނުކުންނަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަޅު ވެއްޓިދެއެވެ. ދީނާ ދެކޮޅު ހަދާ މީހުން ދެކޭ ގޮތުގައި އިހަށް ގަބޫލު ކުރަމުން އައި ފަދައިން ﷲ ގެ ކުޅަދުންވަަންތަ ކަމުން ހިނގާ ކަމެކޭ ބުނުމާއި، އަލަށް މި ހޯދުނު ހޯދުމާ ފުށުއަރައެވެ. އެހެނީ ބިހުގެ ތެރެއިން ފިޔޮއް ނުކުންނާން މެދުވެރިވާ ސަބަބު އެކާވީސް ދުވަސް ވުމާއެކު އެބަ މެދުވެރިވެއެވެ. ފިޔޮކުގެ މައްސަލައިގައި ގުދުރަތީ ގާނޫނަކީ އެކާވީސް ދުވަސް ހަމަވުމެވެ.
މިއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. މި ޒަމާނުގެ ތަހުގީގުން ކުޅަހައިވެސް ކަމަކީ ހާދިސާ ހިނގާން މެދުވެރިވީ ސަބަބަށް ބޮޅެއް އިތުރު ކުރުމެވެ. އެޔަކުން ހާދިސާގެ ހަގީގީ ސަބަބު ހާމަކޮށެއް ނުދެއެވެ. ކުރެވުނު ކަމަކީ މީހުންގެ ސަމާލުކަން ބިސް މުގުރުމުން އަނބުރައިލައި، ފިޔޮކުގެ ބޮލުން ދަޅެއް ފެޅުމަށް ބަދަލު ކޮށްލީއެވެ. ފިޔޮކުގެ ދަޅުން ޖަހައި ބިސް ތަޅައިލުމަކީ އެއް ފަހަރުން ހިނގާ ކަމެކެވެ. އެއީ ފިޔޮއް އުފަން ވުމުގެ މުޅި ހާދިސާއެއް ނޫނެވެ. ފިޔޮކުގެ ބޮލުން ދަޅެއް ފެޅިކަން އެނގުނީމާ ފިޔޮއް އުފަންވުމުގެ އެންމެ ފަހުގެ މަރުހަލާ މެދުވެރިވީ ސަބަބު އަޅުގަނޑުމެންގެ ބޮލަށް އެބަ ވަދޭތޯއެވެ؟ އެހެން އިބާރާތަކުން ދަންނަވަނީ ނަމަ ފިޔޮއް އުފަންވުމުގެ ހާދިސާގެ އެންމެ ފުރަތަމަ މަރުހަލާއަށް ވިސްނާއިރު ތޮށިގަނޑު ފަޅައިލާނޭ ހަރު އެއްޗެއް ފިޔޮކަށް ބޭނުން ވާނޭކަން "ދެނެގަތުން" އެއީ ފުރަތަމަ ސަބަބެވެ. ދެވަނަ ސަބަބަކީ އެކާވީސް ދުވަސް ހަމަވުމާއެކު ތޮށިގަނޑު ފަޅައިލާން ބޭނުން ވާނޭ ހަރު އެއްޗެއްގެ ބޭނުން ޖެހޭނޭކަން "ދެނެގަތު"މެވެ. އެކަން ދެނެގަތީ ނުވަތަ އެނގުނީ ކާކަށް ހެއްޔެވެ؟ ދަޅުން ޖަހައި ތޮށިގަނޑު ފަޅައިލައިފައި ފިޔޮއް ނުކުންނޭކަން ދެނެގަތީ ކާކު ހެއްޔެވެ؟
އިންސާނާގެ ކުރިމަތީގައި އިޔަށް އޮތް ސުވާލަކީ "ތޮށިގަނޑު ފަޅައިގެން ދަނީ ކިހިނެއް ހެއްޔެވެ؟" މި ސުވާލެވެ. މި ޒަމާނުގެ ހޯދުންތަކަށް ފަހު އިންސާނާއަށް ލިބުނީ މި ސުވާލުގެ ޖަވާބެއް ނޫނެވެ. އަނެއް ސުވާލު އުފެދުނީއެވެ. އެއީ "ދަޅު ފެޅީ ކިހިނެއް ހެއްޔެވެ؟" މި ސުވާލެވެ. އަޅުގަނޑުމެންނަށް ހޯދިފައިވާ ކަންތައްތަކަށް ބަލާއިރު މި ދެ ކަމަކީ މާކަ ބޮޑު ތަފާތެއް ނެތް ދެ ކަމެވެ. ދެ ކަމުންވެސް އުފެދޭ ސުވާލަކީ ސިލްސިލާކޮށް ހިނގާ ކަންތައްތަކަކާމެދު އުފެދޭ ސުވާލެކެވެ. ކަމެއްގެ ހަގީގީ ސަބަބު އެނގޭ ކަހަލަ ޖަވާބެއް މި ދެ ސުވާލިގެ ޖަވާބަކުންވެސް ނުލިބޭނެއެވެ.
ދީން ގަބޫލު ނުކުރާ މީހުން މިފަދަ ކަންތައްތައް ހޯދައިގަތުމަށް ފަހު ބުނަމުން ދަނީ އެއީ ކަލާނގެ ކުޅަދުންވަންތަކަން ނޫން ކަމަށާއި، ގުދުރަތުގެ ގާނޫނު ކަމުގައެވެ. އެކަމަކު އެއީ ފިޠުރަތުގެ އުސޫލުކަމަށް ބުނުމަކީވެސް ނުހަނު ފަސޭހަ ކަމެކެވެ. ﷲ އެކަލާނގެ އިރާދަފުޅު ގާއިމު ކުރައްވަނީ މިފަދަ އުސޫލުތައް މެދުވެރި ކުރައްވައި ކަމަށް ބުނެވިދާނެއެވެ. ފަހުން ސައިންސްވެރިންނަށް އެމީހުންގެ މަހުދޫދު ޢިލްމުގެ އެހީގައި ބައެއް ކަހަލަ ހަގީގަތްތައް އެނގުނީއެވެ. މިސާލަކަށް ދީނީ މީހުން ބުނަމުން ގެންދަނީ ކަނޑުގެ ޠޫފާން އުފައްދަވަނީ ﷲ ކަމުގައެވެ. ސައިންސުވެރިން އެމީހުންގެ ޢިލްމުގެ އެހީގައި ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ޠީފާން އުފެދި ދިޔަވަރު ބޮޑުވުމާއި އޮއިވަރަށް އަންނަ ބަދަލަކީ ހަނދުގައި ހުންނަ ދަމާ ބާރެއްގެ ސަބަބުން އަންނަ ބަދަލެކެވެ. އެހެންވީމާ ރަށެއްގެ ބިންގަޑުގެ ނިސްބަތާއި ކަނޑުގެ ނިސްބަތް ހުންނަ މިންވަރަކުން ޠޫފާން އުފެދުމަށް ބަދަލު އާދެއެވެ. ކަލަކު ވޮޑިގެންވާ ކަމަށާއި، އެކަލާނގެއަކީ ކުޅަދުންވަންތަ ކަލަކު ކަމުގައި ގަބޫލު ކުޅައުމަށްޓަކައި މި ހަގީގަތްތަކާ ދުރަށް ދިއުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ނޫނެވެ. ދީނީ ޢަޤީދާއަށް ބުރުލެއް ނާރުވައި މި ކަންތައްތައް ގަބޫލު ކުރެވިދާނެއެވެ. ދިޔަވަރު ބޮޑުވުމާއި ޠޫފާން އުފެދުމަކީ އެތަނެއްގެ ޖޯގުރަފީއާއި، ބިމުގައި (ކޮންމެ ބިމެއް ކަމުގައި ވިޔަސް) ހުންނަ ދަމާ ބާރެއްގެ ސަބަބުން ހިނގާ ކަންކަން ކަމީ ވަރަށް ބޮޑު ހަގީގަތެކެވެ. ޖޯގުރަފީއާއި. ދަމާބާރަކީ ފަހެ ކޮން އެއްޗެއްތޯއެވެ؟ އެއީވެސް ކަލާނގެ އުފެއްދެވުންތަކެވެ. ކަލާނގެ ގުދުރަތްތެރިކަން ދައްކަވަނީ މިފަދަ ކަންތައްތަކާއި ވަސީލަތުގެ ތެރެއިންނެވެ. ޖޯން ވިލްސަން ބުނުއްވައިފައި ވެއެވެ. "މީގެ ސަބަބުން އަހަރެންގެ ޢަޤީދާ ހަލާކެއް ނުވެއެވެ. މި ހުރިހައި ކަމެއް މިހެން ހުރި ކަމުގައި ވިޔަސް އޮއިވަރަށް އަންނަ ބަދަލުގެ ޒިންމާދާރަކީ ކަލާނގެއެވެ." (މާނައަކީ ސަބަބު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް އެ ހުރިހައި ކަމެއް ހިންގަވަނީ ހަމަ ކުޅަދުންވަންތަ ކަލާނގެއެވެ.)"1"
ހަަމަ އެހެންމެ ބައޮލޮޖީގެ ދާއިރާއިންވެސް (ދީން ގަބޫލު ނުކުރާ މީހުން ދެކޭ ގޮތުގައި) އިވޮލިއުޝަންގެ ސަބަބުން ލިބޭ މައުލޫމާތުގެ އަލީގައި ބުނާ ނަމަ، ދިރޭ ތަކެތި ހެއްދެވުމުގައި ލޮލަށް ނުފެންނަ ބާރެއްގެ އަތެއްވާ ކަމަށް ގަބޫލު ކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ ދިރޭ ތަކެތީގެ އުފެދުމާއި، ހެދި ބޮޑުވުން ދެނެގަންނާކަށް ކޮންމެހެން ޝުޢޫރީ ކަލަކަށް އީމާން ވުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ. ޒަމާނީ ހޯދުންތަކުން "ސާބިތުވެފައިވާ" ގޮތުގައި ދިތޭތަކެތި ހެދި ބޮޑުވަމުން އަންނަނީ މާއްދީ ހައެއްކަ ބާރެއްގެ ސަބަބުންނެވެ. ޚާއްސަ ގޮތެއްގައި ތިން ކަމެއް މި ހެދިބޮޑުވުމުގައި ހިމެނެއެވެ. އެއީ އުފެދުމާއި، އުފެދުނު ތަކެތީގެ ޒަރީޢާއިން އިތުރު ތަކެތި އުފެދުމާއި، އުފެދޭ ތަކެތީގައި އެކި ކަހަލަ ތަފާތުތައް އަށަގަނެ ދެމެހެއްޓެނިވި ގޮތަކަށް ދާއިމު ވުމާއި، މި ތިން ކަމެވެ. އުފެދުމުގެ އުސޫލުގެ ތެރެއިން ދިރޭ ތަކެތި މެދުނުކެނޑި އުފަންވަމުން ދަނީއެވެ. އެއަށް ފަހު ބައެއް ކަހަލަ ޖިސްމާނީ ބަދަލުތަކާއި ހިއްސީ ބަދަލުތައް އަންނާން ފަށަނީއެވެ. މި ގޮތަށް އެތައް ޒަމާނެއް ވާންދެން ބަދަލުވަމުން ދަނީއެވެ. އެންމެ ފަހުން މުޅީން އައު ވައްތަރެއްގެ ދިރޭ އެއްޗެއް އުފެދެނީއެވެ. އެހެންވީމާ ދީން ގަބޫލު ނުކުރާ މީހުން ދެކޭ ގޮތުގައި ޑަރވިންގެ ނަޒަރިއްޔާގައި އެވާ ގޮތަށް ދިރޭ ތަކެތި އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލު ވަމުން ފުރޮޅެމުން ގޮސް އުފެދޭ ގޮތް ދެނެގަނެވުނީމާ، ދިރޭ ތަކެތި އުފެއްދެވުމުގައި ﷲ ގެ ކުޅަދުންވަންތަކާއި، އިރާދަފުޅު އެކުލެވޭ ކަމަށް ގަބޫލުކުރާ ކުރުމަށް ކަނޑައެޅިގެން އިންކާރު ކުރެވޭނޭ ޖާގައާއި ހެކި ލިބުނީއެވެ.
އެކަމަކު މީގެ ކުރީންްވެސް ދެންނެވިފައި ވާނޭ ފަދައިން ޑަރވިންގެ ނަޒަރިއްޔާގައި ބުނެފައިވާ ފަދަ ގޮތަކަށް ދިރޭ ތަކެތި އުފެދުނު ކަމަށް އަދި އަދަށް ދާންދެންވެސް ސާބިތެއް ނުވެއެވެ. އެކަމަކުވެސް މި ނަޒަރިއްޔާ ގަބޫލު ކުރެވޭ ކަމަށް ބެލި ނަމަވެސް އެކަމަކުން ދީނީ ޢަޤީދާއަކަށް އެއްވެސް ޚަލަލެއް ނާދެެވެ. އެހެނީ އޭރުންވެސް އެ ހުރިހައި މަރުހަލާއެއް ތަރުތީބުން ހިންގަވަނީ ﷲ ކަމުގައި ގަބޫލު ކުރާން އެބަ ޖެހެއެވެ. އެއީ ކުއްލިއަކަށް ވައިގެ ތެރެއިން އަމިއްލައަށް އުފެދުނު މާއްދީ ބާރެއްގެ މަސައްކަތެއް ނޫނެވެ. އެއީ ﷲ އެ ތަކެތި އުފައްދަވާން އިރާދަ ކުރެއްވި ގޮތް ކަމުގައި ބެލުން ނޫން ގޮތެއް އެބައޮތްތޯއެވެ؟ ހަގީގަތުގައި އެ ކިޔާ މެސެނީ ބަދަލުވުން އެއީ ތަޚްލީޤީ ބަދަލުވުމެއް ކަމުގައި ކަނޑައެޅުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިހެން ކިތަންމެ ބާރަށް ބުނި ކަމުގައި ވިޔަސް، މި ވާހަކަޔާ ދެކޮޅަށް ދައްކާބޭ އެއްވެސް ހުއްޖަތެއް، ދަލީލެއް ސައިންސުގެ އެހީގައި ވިޔަސް، ދީން ގަބޫލު ނުކުރާ މީހުންނަކަށް ލިބިފައެއް ނެތެވެ.
ހަމައެކަނި މިޔެއް ނޫނެވެ. ހަގީގަތުގައި ވިހި ވަނަ ގަރުނުގެ ސައިންސް ވަނީބައެއްގެ ބޮލަށް ވަންނާނޭ ފަދަ ގޮތަކަށް ކަމެއް ސާބިތު ކުުރުމުގެ ބާރުން މަހުރޫމު ވެފައެވެ. މިއަދު އައިންސްޓައިން ވަނީ ނިވްޓަންގެ މަގާމު އަތުލައިފައެވެ. ޕްލެންކާއި ހައިޒަންބާރގް ވަނީ ލަޕްލޭސް ގެ ނަޒަރިއްޔާ މަންސޫޚު އެއްޗަކަށް ހަދައިފައެވެ. މިއަދުގެ ހާލަތަށް ބަލާއިރު ދީނާ ދެކޮޅު މީހުންނަކަށް ހަމަ ގައިމުވެސް ޢިލްމީ ހަމައަކުން މިފަދަ އެއްވެސް ދަޢުވާއެއް ކުރެވޭކަށް ނެތެވެ. ރިލޭޓިވިޓީއާއި ކުއަންޓަމް ތިއަރީގެ ސަބަބުން ސައިންސްވެރިން ވަނީ ސައިންސުގެ ދާއިރާގެ ތެރޭގައި ބަލާމީހާއާއި ބަލާއެތި ވަކި ކުރުމަކީ ކރެވޭނޭ ކަމެއް ނޫން ކަމަށް އިއުތިރާފު ވެފައެވެ. މީގެ މާނައަކީ އެއްޗަކަށް އަޅުގަނޑުމެން ބަލާއިރު ފެންނަނީ ހަމަ އެކަނި ބޭރުފުށުގެ ކަންތައްތައް އެކަންޏޭ ބުނުމެވެ. އެ އެއްޗެއްގެ ފުރިހަމަ ހަގީގަތެއް ނުފެނެއެވެ. ވިހި ވަނަ ގަރުނުގައި ސައިންސަށް އައި އިންގިލާބެއްގެ ނަތީޖާއަކީ ޚުދު ސައިންސުގެ ނަޒަރުން ބަލާއިރުވެސް ދީނުގެ އަހުމިއްޔަތުކަން ސާބިތު ވެގެން ދިއުމެވެ.
"1" ޖޯން ވިލްސަން، "ފިލޯސޮފީ އެންޑް ރިލިޖަން"، ލަންޑަން، 1861، ސަފުހާ 63
(ނުނިމޭ)