ދީނާއި ސައިންސް (17)

(14 ޑިސެމްބަރު  2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިއީ އިންސާނާގެ ފުރަތަމަ ބަލިކަށިކަން ކަމުގައި ގަބޫލު ކުރާން ވަނީ މަޖުބޫރު ވެފައެވެ. ދެވަނައަށް ފާހަގަ ކުރެވޭ މުހިއްމު ކަމަކީ އިންސާނާއަށް ބަލާއިރު އަޅުގަނޑުމެންގެ ތަބީއިއްޔާތީ ހުރިހައި މުޠާލިޢާއެއް އޮތީ ހަމައެކަނި މައްޔިތުންނާ ހަމައިގައެވެ. މާނައަކީ އަޅުގަނޑުމެންނަށް ބެލެނީ މީހަކު މަރުވީމާ އެ އޮންނަ މުޅަ މަސްގަނޑުގެ ކަންތައްތައް އެކަންޏެވެ. ދިރިހުރި އިންސާނަކު ފުރިހަމައަށް މުޠާލިޢާ ކުރުމުގެ ގާބިލުކަމެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތެވެ. ޕްރޮޓޯޕްލާޒަމްގައި އެކުލެވޭ ބައިތަކާއި، އެ ބައިތައް އެކުލެވޭ މިންވަރު ސައިންސުން ވަނީ ހޯދައިފައެވެ. އެކަމަކު ޕްރޮޓޯޕްލާޒަމަކަށް ދިރުން ލިބެނީ އެ ބައިތައް ކިހައި މިންވަރަކަށް ކިހިނެއް އެކުލެވުނީމާ ކަމެއް އަދިއެއް ނުހޯދެއެވެ. އެ ބައިތަކުގެ މިންވަރަށް އުނިކަން އައުމާއެކު ދިރުން ނެތިގެން ހިނގައިދެއެވެ. ޢިލްމުވެރިންނަށް މި ކަމުގައި ކުރިމަތިވާ އުނދަގުލަކީ ކޮބައިތޯއެވެ؟ ބެލެވިފައިވާ ގޮތުގައި ދިރުން އުފެދެނީ އިހު މި ދެންނެވި ތަރުތީބުގެ ސަބަބުންނެވެ. ޕްރޮޓޯޕްލާޒަމްގައި ހިމެނޭ ބައިތައް ވަކި ޚާއްސަ މިންވަރަށް، ވަކި ޚާއްސަ ތަރުތީބަކުން އެކުލެވުނީމައެވެ. ޕްރޮޓޯޕްލާޒަމް އަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ސައިންސްވެރިންނަށް މި ޖެހެނީ އެ ފަޅިކޮށްލާށެވެ. ނުވަތަ ކުދިކުދި ކޮށްލާށެވެ. އެހެން ހެދުމާއެކު އޭގައި ހިމެނޭ ދިރުން ނެތިގެން ހިނގައިދެއެވެ. ނަތީޖާ އަކީ ޕްރޮޓޯޕްލާޒަމްގެ ކީމިޔާއީ ތަޖުރިބާއެއް ކޮންމެ ފަހަރަކުމެ، އެ ތަޖުރިބާއެއް ކުރަން ޖެހެނީ މަރުވެފައިވާ އެއްޗެއްގެ މައްޗަށް ކަމުގައި ވުމެވެ. ކީމިޔާއީ ތަޖުރިބާއެއް ކުރަމުން ދާ ވަގުތު އޭގައި ފުރާނައެއް ހުންނަ ގޮތް ވުމަކީ އަދި މިހައި ތަނަކަށް ވެފައި އޮތް ކަމެއް ނޫނެވެ. ކުރުކޮށް ދަންނަވާ ނަމަ ފަޅި ނުކޮށް ތަހުލީލެއް ނުކުރެވެއެވެ. ފަޅިކޮށްފިނަމަ މަރު ވެދެއެވެ. މިއީ މިކަން އޮންނާނޭވެސް ގޮތެވެ. މި މައްސަލައިގައި ސައިންސް އަބަދުވެސް އަނދިރިކަމެއްގެ ތެރޭގައެވެ. އަޅުގަނޑުމެންގެ މައްސަލަތައް މިހައިތަނުން ނިމެނީއެއް ނޫނެވެ. މައްސަލަތައް ހުރީ އެއަށްވުރެ މާ ފުނަށް މޫލައިފައެވެ.

މިސާލަކަށް ކޮންމެވެސް މީހަކު އިންސާނާގެ ޙަޤީޤަތް ހާމަކޮށް އޭނާގެ ދިރިއުޅުމުގެ ގާނޫނުތައް ހާމަކޮށްދިނީ ކަމުގައި ބަލަމާތޯއެވެ؟ މި ޙަޤީޤަތްތައް ހާމަ ކުރުމަށްޓަކައި އޭނާގެ މުޠާލިޢާގެ މަސައްކަތް ފަށްޓާނީ އިންސާނީ އާބާދީންނެވެ. ވަރަށް ދިގު މުއްދަތެއްގައި އެކި ތަފާތު މުޖުތަމަޢުތައް ދިރާސާ ކުރުމުން އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި މުޖުތަމަޢަކީ ގިނަ ބައެއްގެ ޖަމާޢަތަކަށް ވުމާއެކު ވަކި ފަރުދުން އެނގިގެން މެނުވީ މުޅި މުޖުތަމަޢު ދެނެގަނެވޭނޭ ގޮތެއް ނޯންނާނެއެވެ. ވުމާއެކު އޭނާ މުޅި މުޢާޝިރާ ދޫކޮށްލުމަށް ފަހު ސީދާ އިންސާނުންގެ ދިރާސާގެ މަސައްކަތް ފަށަނީއެވެ. އެންމެ ފުރަތަމަ އޭނާ އަމާޒު ހިފަނީ ނަފްސިއްޔާތުގެ ދާއިރާއަށެވެ. މި ދާއިރާއިން އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި އެ ދާއިރާގައި އޮތީ އެންމެ ފިކުރެއް ނޫނެވެ. ދާއިރާ ވަނީ ވަރަށް ގިނަ ގޮތްޕަށް ބެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގެ ތަހުގީގާއި ނަތީޖާ އަނެއް ގޮތްޕާ މުޅީން ތަފާތެވެ. ނަފްސިއްޔާތުގެ އެއް ގޮފިން ބުނާ ގޮތުގައި އިންސާނާގެ ހުރިހައި ޢަމަލެއްގެ މައިގަނޑަކީ އޭނާގެ އިހުސާސެވެ. އަނެއް ގޮތްޕަކުން ބުނާ ގޮތުގައި އިންސާނާ ޝުޢޫރީ ނުވަތަ ނާޝުޢޫރީ ގޮތުން ނަމަވެސް ގަބޫލު ކުރާ ކަންތައްތަކަށް އޭނާ ޙަރަކާތްތެރިވަނީ ރައްދު ޢަމަލެއްގެ ގޮތުގައެވެ. ކަމެއްވީމާ އެކަމަކަށް ކުރެވޭ ރައްދު ޢަމަލެއްގެ ގޮތުގައެވެ. އަނެއް ގޮތްޕަކުން ބުނާ ގޮތުގައި އިންސާނާގެ ޢަމަލުތަކުގެ ސަބަބަކީ ޖިންސީ އެދުމެވެ. އެއް މުތާލިއާއަކުން ބުނާ ގޮތުގައި އިންސާނާ ހަރަކާތްތެރިކަމާއެކު ދިރިއުޅެނީ އޭނާގެ ނަމޫނާ މީހަކު ހޯދުމުގެ މަސައްކަތުގައެވެ. އޭނާ ދިރި ހުންނަނީ މި އެނގުމެއް ނެތް ޖަޒުބާތުގެ ނުވަތަ އެދުމުގެ ސަބަބުންނެވެ. ބައެއް ގޮފިން ބުނާ ގޮތުގައި އިންސާނާގެ ޙަޤީޤަތަކީ އޭނާގެ ޝުޢުރެވެ. މި ނަޒަރިއްޔާގެ މީހުން އިންސާނާ ތަހުގީގު ކުރަނީ ޝުޢޫރުގެ މައްޗަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ސިކުނޑިއާއި ބުއްދިއަކީ ހެއްދެވި އެއްޗެއް ނޫނެވެ. ހަށިގަނޑުގެ އެކި ގުވަންތަކަށް އަމުރު ހިންގާ ވަކި އެއް ބާރެއް ނެތެވެ. ސަމާލުކަން ބޮޑަށް ދޭ ގުނަވަނެއް ބޮޑަށް ތަރައްގީ ވެއެވެ. މިސާލަކަށް ބައެއް މީހުންނަށް މޮޅަށް ނަށާން އެނގިފައި އަނެއް ބަޔަކަށް އަމާޒަށް ތީރު ޖެހުމުގެ ކުޅަދާނަކަން ލިބޭ ގޮތަކީ މިއީއެވެ. ނަފްސިއްޔާތުގެ ޢިލްމުގެ އެކި ބައިގެ މެދުގައި ހުރި ތަފާތުތަކުގެ ބޮޑު ކަމާ ހުރެ. ނަފްސިއްޔާތޭ ކިޔާ ޢިލްމެއް އޮތް ކަމާ މެދުވެސް ބައެއް މީހުން މިހާރު ޝައްކު ކުރެއެވެ.

ނަފްސިއްޔާތުގެ ޢިލްމުގެ މި ދެންނެވުނު މަސްހުނިގަނޑު ފެނި ތަޖުރިބާ ކުރާ އިންސާނާ ދެން އެނބުރެނީ ޢިލްމުގެ އެހެން ދާއިރާއަކާ ދިމާއަށެވެ. އެއީ ޙަޔާތިއްޔާތު (ބައިއޯލޮޖީ) ގެ ދާއިރާއެވެ. މި ދާއިރާއަށް ބެލީމާ އޭނާއަށް ފެންނަ ގޮތުގައި އިންސާނާއަކީ ހަޖަމުގެ ނިޒާމާއި، ނޭވާ ލުމުގެ ނިޒާމާއި، ލޭ ހިނގައި ދައުރުވުން ފަދަ އެތައް ކަމެއްގެ މަޖުމޫޢާއެކެވެ. މި ހުރިހައި ނިޒާމެއް ހަރަކާތްތެރި ވަނީ ކުދިކުދި ކީމިޔާއީ ލޮޅުންތަކެއްގެ ނުވަތަ ބަދަލުތަކެއްގެ ސަބަބުންނެވެ. މި ލޮޅުންތަކާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް ބަލައިލީމާ ފެންނަ ގޮތުގައި ހަށިގަނޑުގެ ކޮންމެ ހަރަކާތަކީ ކީމިޔާއީ ތަހުލީލެއްގެ (metabolism) ނަތީޖާއެވެ.

އެންމެ ފަހުން އޭނާ ވިސްނައި ފިކުރު ކުރުމަށް ފަހު ނިންމީ މި ދަންނަވާ ގޮތަށެވެ. ހަށިގަނޑުގެ ކޮންމެ ހަރަކާތަކީ ކީމިޔާއީ ޢަމަލާއި ރައްދު ޢަމަލުގެ ނަތީޖާ ކަމަށް ވުމާއެކު، އެންމެ ފުރަތަމަ ކީމިޔާއީ ބަދަލުތައް އަންނަ އުސޫލުތައް ދެނެގަތުޔމަކީ އެންމެ ރަނގަޅު ގޮތެވެ. އެ އުސޫލުތައް ދެނެގަތުމަކާއި ނުލައި އިންސާނާޔާ ބެހޭ ޙަޤީޤީ ފުރިހަމަ މަޢުލޫމާތެއް ހޯދައެއް ނުގަނެވޭނެއެވެ. ވުމާއެކު އޭނާ މަސައްކަތް ފަށައިގަތީ ކީމިޔާއީ ދާއިރާއާއި ޓަބީޢިއްޔާތީ ދާއިރާގެ މުޠާލިޢާ ކުރާށެވެ. މި މަސައްކަތުގައި އެތައް އަހަރެއް ހޭދަ ކޮށްފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.