އެއްވޯޓު ފޮށްޓަށް ވޯޓުލާ މީހުންގެ އަދަދު މަދުކުރާނަން: އީސީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އެއް ފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދު ނުވަތަ ރަޖިސްޓްރީކުރާ އަދަދު މަދުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެގޮތަށް ނިންމެވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތަޖުރިބާއަށް ބެއްލެވުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުން ރަނގަޅު ކުރަންޖެހޭ ބައެއްކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ރިޔާސީ އިންތިޚާބުން ވަނީ ފާހަގަ ކުރެވިފައި. އަޅުގަނޑުމެން އެއިން ފިލާވަޅު ނަގައިގެން އިރާދަ ކުރެއްވިއްޔާ އެކަންތައްތައް އިސްލާހު ކުރާނަން. މިއިންތިޚާބުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ވޯޓު ލުމުގެ ޕްރޮސެސް ތަންކޮޅެއް ސްލޯވެގެން ދިޔުން. އެހެންވީމާ މަޖިލީސް އިންތިޚާބުގައި އަޅުގަނޑުމެން (ކަންތައްތައް ރާވާއިރުގައި) އެ ޕްރޮސެސް ފާސްޓްވާނެ ނިޒާމެއްގެ ތެރެއަށް ބަދަލުކޮށްލާނަން،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެން ފާހަގަކޮށްލެވުނު ކަމަކީ މާގިނަ ފޮށިތައް އެއްސަރަހައްދެއްގައި ހުރުމުގެ ސަބަބުން އެތަނަށް މީހުން މާގިނައިން ޖަމާވެ ވޯޓުލާން އައި މީހުންނަށް ތަންކޮޅެއް ދަތިވެގެންދިޔުން ކަމަށެވެ.

"މި އަންނަ މަޖިލިސް އިންތިޚާބަށް ކަންކަން ރާވާއިރުގައި ވީހާ ވެސް ބޮޑަށް (ޚާއްސަކޮށް މާލޭ ސަރަހައްދުގައި) ފޯޓު ފޮށިތައް ވަރަށް ދުރުދުރުގައި ބަހައްޓަން ވިސްނާފައި އޮންނާނީ. މިފަހަރުގެ ވޯޓުލި ފޮށިތަކަށް ވޯޓުލާ މީހުންގެ އަދަދު ތަންކޮޅެއް ގިނަވުމުގެ ސަބަބުން ވެސް ލަސްވެގެންދިޔަ ވޯޓުލާން. އެހެންވީމާ މިއަންނަ ފަހަރު އެއް ފޮށްޓަށްލާ މީހުންގެ އަދަދު (ރަޖިސްޓްރީ ކުރާ މީހުންގެ އަދަދު) މަދުކުރާނަން،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.