
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަދަލު ގެންނަވަން އުޅުއްވަނީ "ނުބައި މަގުސަދެއް" ގައި ކަމަށް ޖުމްހޫރީ ޕާޓީން ތުހުމަތު ކުރައްވައިފިއެވެ.
އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އެއީ ރައީސް ޔާމީން ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ހިނގަވާ "ޖަރީމާއެއް" ކަމަށެވެ. ސަމީރު ވިދާޅުވީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އީސީން މަސައްކަތް އެކުރައްވަނީ ރިޔާސީ އިންތިޚާބުގެ ކުރިން "ހިލުންގަނޑެއް ހިލުވަން" ކަމަށެވެ.
އިންތިޚާބަށް އޮތީ ފަސްމަސް ކަމަށް އީސީން ވިދާޅުވަމުން އަނެއްކޮޅުން ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނެވުމަށް މަސައްކަތް ކުރައްވަން ފެއްޓެވުމަކީ ސުވާލު އުފޭދޭ ކަމެއް ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
"ގާނޫނަށް އިސްލާހު ގެންނެވުން އެކަންޏެއްވެސް ނޫން. ކުރީގެ އިލެކްޝަންސް ކޮމިޝަނަރ އެހެންތަނަކަށް ބަދަލު ކުރެއްވުމަށްފަހު ފެނަކައިގެ އެމްޑީއަކަށް ކުރިން ހުންނެވި ބޭފުޅާ އިސީގެ ކޮމިޝަނަރަކަށް ގެނެސްފައި އެހުރީ. މިހުންނަނަނީ ރިޔާސީ އިންތިޚާބު މިހާ ކައިރިވެފައި އޮއްވައި ކުރަން ހެޔޮވާވަރުގެ ކަންތައްތަކެއްނޫން. އަނެއްކޮޅުން އީސީގެ މިހާރުގެ ކޮމިޝަނަރަކީ ގާނޫނީ ހައިސިއްޔަތެއް އޮތްބޭފުޅެއް ކަމަށްވެސް ގަބޫލެއްނުކުރަން. އޭނާ އެމަގާމަށް ވަޑައިގެން ހުންނެވީ މަޖިލީހުގެ ޑިޔު ޕްރޮސެސެގެ ތެރެއިނެއް ނޫން،" ސަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަކީ އީސީއާ ބެހޭ ކަމެއްނޫން ކަމަށެވެ. "ގާނޫނަށް އެއްވެސް އިސްލާހެއް ގެންނަން އީސީ ބޭނުން ވެއްޖެ ކަމަށްވާނަމަ އެބޭފުޅުން ފުރަތަމަ ވަޑައިގަންނަވަން ޖެހެނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް. އެ ކޮމިޓީއާ ބައްދަލު ކުރައްވައި އެބޭފުޅުންގެ ޚިޔާލާ އެއްގޮތަށް އިސްލާހު ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ،" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަނީ ޕާޓީތަކުގެ އެތެރޭގެ މައުލޫމާތާއި ރައީސް ޔާމީން ބޭނުންފުޅުވާ ޕާޓީތަކާބެހޭ އެހެނިހެން މައުލޫމާތުވެސް ރައީސް ޔާމީނަށް ފޯރުކޮށްދެއްވުމަށް ކަމަށެވެ.
އެނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ ވާހަކަތައް އަޑު އައްސަވަން ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވާއިރު، އެޕާޓީތަކަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތެއް ނުހިންގޭ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމް އިން ކަމެއް ކުރަންވީމާ ފުލުހުންނާއި ސިފައިންގެ އެހީގައި އެކަމެއް ބާއްވާ ކަމަށެވެ. އެކަންކަން އިލެކްޝަންސް ކޮމިޝަނަށްވެސް ފެންނާނެ ކަމަށާއި އެކަމަކު އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވައިފައި ނުވާކަމަށެވެ.
"ޕާޓީތަކާ ވާހަކަ ދެއްކެވުމުގެ ކުރިން ޕާޓީތައް ޕާޓީގެ ގޮތުގައި ހިންގުމުގެ ފުރުސަތު ދޭން އެބަޖެހޭ. މިނިވަން ކަމާއެކު އެއްވުންތަކާއި ބައްދަލުވުންތައް ބޭއްވެންޖެހޭ. އެހެންނަމަވެސް ޕީޕީއެމްގެ ފަރާތުން މެޑަމް ފާތުމަތު އިބްރާހީމް ބާއްވާ ހަރަކާތްތައް އެކަނި މިބޭއްވެނީ. އެއީ ބަލައިގަނެވޭނެ ކަމެއްނޫން. ސިޔާސީ ހުރިހާ ޕާޓީތަކަށްވެސް ހަމަހަމަ ފުރުސަތު އޮންނަންވާނެ،" ސަމީރު ވިދާޅުވިއެވެ.