
މިއަހަރު އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފައެވެ.
އެކޮމިޝަނުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ނިންމަވައިފ" ކަމަށެވެ. ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓައިފައިވަނީ ވޯޓުލުމުގެ މީހުންގެ ޢަދަދު 100 ހަމަވާ ރިސޯޓުތަކުގައެވެ. އެހެންނަމަވެސް އެކަމާ އޭރު މީހުންގެ ހިތްހަމަނުޖެހުމާ ކުރިމަތިލާން އިލެކްޝަނަށް ޖެހުނެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ އޭގެ ތަޖުރިބާއަށް ބެލުމަށްފަހު މިފަހަރު ވާނީ ވޯޓުލެވޭ މީހުންގެ ޢަދަދު 50 ހަމަވާ ކަމަށްވާނަމަ އެރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ނިންމަވައިފައި ކަމަށެވެ. އެގޮތަށް ނިންމެވީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ވެސް ކުރެއްވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯޓުފޮށިތައް ބަހައްޓަވަން ނިންމެވި ރިސޯޓުތައް އަދި ހާމައެއް ނުކުރައްވައެވެ. މިފަހަރުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅިވެފައެވެ.