ހުޅުމާލެ ސެންޓްރަލް ޕާކްގެ ލެއިޜަރ ސެކްޓަރ ހުޅުއްވައިދެއްވައިފި

78706_b1444cdf-9_

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުޅުމާލެ ސެންޓްރަލް ޕާކްގެ ލެއިޜަރ ސެކްޓަރ މިރޭ ހުޅުއްވައިދެއްވައިފިއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސެންޓްރަލް ޕާކްގެ ލެއިޜަރ ސެކްޓަރ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކު ބައްލަވައިލެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލޭ ޔޫތު ސިޓީ ތަރައްޤީ ކުރެއްވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުފުޅުކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކަކީ ޔޫތު ސިޓީގެ މުހިންމު ބައެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި، މި ވޭތުވެ ދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް ޢުމްރާނީ ތަރައްޤީގެ އެކި ދާއިރާތަކުން ނަތީޖާ ފެންނަމުންދާ ކަމުގައި ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙަންމަދު ސައިމަންގެ ވާހަކަފުޅުގައި، ހުޅުމާލެއަކީ ކޮލިޓީ، ދުޅަހެޔޮ ދިރިއުޅުމަކަށް އަމާޒުކުރެވިގެން ތަރައްޤީ ކުރެވެމުންދާ ސިޓީއެއްކަން ސެންޓްރަލް ޕާކްގެ ސަބަބުންވެސް ހާމަވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިރޭ ހުޅުވުނު ޕާކްގެ ލެއިޜަރ ސެކްޓަރގެ އިތުރުން، ކުރިއަށް އޮތްތާނގައި ޕާކްގެ އެހެން ސެކްޓަރތައް ތަރައްޤީވަމުންދާނެ ގޮތުގެ މައްޗަށް ސައިމަންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގެ ލެއިޜަރ ސެކްޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.