ދިއްދޫގައި "ޝިޕް ވިޒިޓް" އިވެންޓް ކުރިއަށް ގެންގޮސްފިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިއްދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހެނދުނު ދިއްދޫ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ނޫރައްދީންގައި ބޭއްވި މި ޒިޔާރަތަކީ، ސިފައިންނާއި ރަށުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ނަޞްރުގެ ދުވަހުގެ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ޤައުމީ ފަޚުރާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާނާއި ޒިކުރާ އާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޒިޔާރަތުގައި ބައިވެރިވި ދިއްދޫގެ ރައްޔިތުންނަށް ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލާފައެވެ. އަދި ކަނޑުމަތީގެ ހާދިސާތަކުގައި އެ އުޅަނދުގައި ބޭނުންކުރާ ބައެއް އާލާތްތައް ބަލައިލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ވަނީ ދީފައެވެ. މި ޒިޔާރަތުގައި ދިއްދޫ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީންގައި މަސައްކަތްކުރައްވާ ސިފައިންނެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން ދިއްދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ އިރު، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގެ ފޮޓޯއާއި އެ ދުވަހުގެ ފަސްމަންޒަރު ދައްކުވައިދޭ ޚާއްޞަ ފޮޓޯ މަޢުރަޒެއް އިއްޔެއާއި މިއަދު ދިއްދޫގައި ދަނީ ކުރިއަށްގެންދަމުންނެވެ. މީގެ އިތުރުން، ސިފައިންގެ ހުނަރުތައް ދައްކުވައިދޭ މިލިޓަރީ ޑިސްޕްލޭއެއް މިއަދު ހަވީރު ދިއްދޫގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
