މެގަން މާކެލްގެ ފުރަތަމަ ޕްރޮޖެކްޓް: މުސްލިމް އަންހެނުންނާ އެކު ކައްކާ ފޮތެއް

ޕްރިންސެ ހެރީގެ އަނބިކަނބަލުން މެގަން މާކެލްގެ ފުރަތަމަ ސޯލޯ ޕްރޮޖެކްޓަކީ މުސްލިމް އަންހެނުންނާ އެކު ޝާއިޢުކުރި ކައްކާ ފޮތެކެވެ. މި ފޮތަކީ އިނގިރޭސިވިލާތުގެ ލަންޑަންގެ ގްރެންފެލް ޓަވަރގައި 2017ވަނަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހު ހިނގި އަފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ނެރުނު ފޮތެކެވެ. މި ހާދިސާގައި 72 މީހުން މަރުވިއެވެ. އަދި ވަގުތީހިޔާތަކުގައި އެތައް ބަޔަކު ދިރިއުޅެމުން އެބަދެއެވެ.

ޑަޗެސް އޮފް ސަސެކްސް، މެގަން ލޯންޗް ކުރެއްވި ފޮތުގެ ނަމަކީ "ޓުގެދަރ: އަވަރ ކޮމިއުނިޓީ ކުކްބުކް" އެވެ. މި ފޮތަކީ އެކި ސަގާފަތްތަކުގެ ކާނާގެ ރެސިޕީތައް އެއްކޮށް އެކުލަވައިލާ ތައްޔާރުކޮށްފައިވަ ފޮތެކެވެ. ފޮތުގެ އިސްބަސް ލިޔުއްވާފައިވަނީ ވެސް މެގަން މާކެލް އެވެ.

ގްރެންފެލް ޓަވަރުގެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކުން އެމީހުންގެ އާއިލާއަށް ކެއުން ތައްޔަރު ކުރަމުން ދިިޔައީ ލަންޑަންގައި ހުންނަ އަލްމަނާރް މުސްލިމް ކަލްޗަރަލް ހެރިޓެޖްގައި ހުންނަ ބަދިގެ އެއްގައެވެ. މެގަން ވަނީ މި މިސްކިތަށް އެކި ފަހަރު މަތީން ޒިޔާރަތް ކުރައްވައި މި އާއިލާތަކާއި ބައްދަލުކުރައްވައި އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާފައި ކަމަށް ކެންސިންޓަން ޕެލެސް އެިން ނެރެފައިވާ ބަޔާނެއްގައި ބުނެއެވެ. އެބަދިގެ އާއި އެކަމަނާއާ ވަގުތުން ގާތްގުޅުމެއް އުފެދުނު ކަމަށް މެގަން އާ ހަވާލާދެއްވައި އެބަޔާނުގައި ވެއެވެ.

'އެ ބަދިގެ އަކީ އަންހެންވެރީން އެކުގައި ރޮއެ، ހީ، އުދާސްތައް ބޭރުކޮށް އަދި ކައްކާން ޚާއްޞަ ތަނެއް" މެގަން އާ ހަވާލާދެއްވައި އެބަޔާނުގައި ލިޔެފައިވެއެވެ.

އާއިލާތަކުން މި ބަދިގޭގައި ކައްކަމުން ދިޔައީ ހަފްތާއަކު 2 ދުވަހުއެވެ. ނަމަވެސް މިބަދިގެ އާއްމުކޮށް ހުޅުވާފައި ހުންނަ ތަނަކަށް ހަދައި ބަދިގެއިން ލިބޭ އާމްދަނީ ބޭނުންކޮށްގެން ހަފްތާ އަކު 7 ދުވަހު  ޚިދުމަތް ދެވޭ ތަނަކަށް ހައްދަވަން މެގަން ބެނުންފުޅުވެލައްވައެވެ.

އެންމެ ފުރަތަމަ މި ބަދިގެ ބޭނުންކުރެވުނީ ހާލުގައި ޖެހުނު މީހުންނަށް ކެއުން ފޯރުކޮށްދިނުމަށެވެ. ނަމަވެސް ފަހުން ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޯށްދޭ ތަނަކަށް ބަދަލުވިއެވެ.

މިބަދިގޭގައި މަސައްކަތް ކުރާ އަންހެންވެރީން އެތަނަށް ދީފައިވާ ނަމަކީ "ޙުއްބު ކޮމިއުނިޓީ ކިޗެން'' އެވެ. އަރަބިން "ޙުއްބު" ގެ މާނައަކީ ލޯތްބެވެ.

ރޯޔަލް ފައުންޑޭޝަންގެ އެހީގައި ނެރުނު "ޓުގެދަރ: އަވަރ ކޮމިއނިޓި ކުކްބުކް" ގައި ޔޫރަޕާއި، މެދުއިރުމަތި، އުތުރު އެފްރިކާ އަދި އީސްޓަރން މެޑިޓެރޭނިއަން ގެ 50 އަށްވުރެ ގިނަ ރެސިޕީ ހިމެނެއެވެ. އެމީހުން ފާހަގަކުރާ ގޮތުގައި ކެއްކުމަކީ ވިލިތައް ބަދަހި ކުރަން ލިބޭ ބޮޑު ބާރެކެވެ.

ޝާހީ އާއިލާ އާއި ގުޅުމުގެ ކުރީންވެސް މެގަން ކެއްކުމަށް ވަރަށް ބޮޑަށް ލޯބިކުރައްވައެވެ. އެކަމަނާ ކުރީން ހިންގެވި ލައިފްސްޓައިލް ބްލޮގްގައި ވަރަށް ގިނައި ރެސިޕީ ޝެއަރ ކުރެއްވިއެވެ. މި ބްލޮގް މިހާރުވަނީ އުވާލާފައެވެ.

މެގަންގެ ގާތް އެކުވެރީން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ސެރީނާ ވިލިއަމްސް ވަނީ ފޮތް ނެރުއްވުމާ ގުޅިގެން އެކަމަނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.