
ޕްރިންސް ހެރީ އާއި މެގަން މާކެލް ސައުތު އެފްރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަރިކަލުން އާރޗީ، އާޗްބިޝޮޕް ޑޭޒްޒްމޮންޑް ޓޫޓޫ އަށް ތައާރަފްކޮށް އަރުވައިފިއެވެ.
މިއީ ހެރީ އާއި މެގަން ސައުތު އެފްރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޙަރަކާތެއްގައި ދަރިކަލުން ބައިވެރިކުރެއްވި ފުރަތަމަ ހަަރަކާތެކެވެ. މި ބައްދަލުވުމުގެ ފޮޓޯ ތަކާއި ވީޑިއޯތައް "ސަސެކްސް" ރޯޔަލް އިންސްޓެގްރާމްގައި ޝެއަރ ކޮށްފައިވެއެވެ.
މި ބައްދަލުވުމަކީ މަދުން ނޫނ ލިބިވަޑައިނުގަންވާނޭ ޝަރަފެއް ކަމަށް ޓޫޓޫ ވަނީ ސިފަކުރައްވާފައެވެ. ޑޭޒްމޮންޑް ޓޫޓޫ އަކީ ނޯބަލް ސުލްހައިގެ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަން ފެއްޓެވިފަހުން އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން ނޫޅުއްވައެވެ.
ނަަމަވެސް އުމުރުފުޅުން 87 އަހަރުގެ ޓޫޓޫ ޝާހީ އާއިލާ އާއެކު ތާރީޚީ ބިނާއެއް ކަމުގައިވާ ގްރެނަރީ ބިލްޑިންގ ގައި ބައިގަޑިއެއްހައި އިރު ހޭދަކުރެއްވިއެވެ.
ސައުތު އެފްރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިވަގުތު ހެރީ އާއި މެގަން ތިއްބެވީ ކޭޕް ޓައުންގައެވެ. ދިހަ ދުވަހުގެ މި ދަތުރުފުޅަކީ ދަރިކަލުން ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް އާއިލާ އިން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އަންގާރަ ދުވަހު ހެރީ އާއި މެގަން ސައުތު އެފްރިކާގެ އެންމެ ދުވަސްވީ މިސްކިތަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކި ޖަމިއްޔާތަކާއި ބައްދަލުކުރައްވައި އެ ޖަމިއްޔާތަކުން ކުރާ މަސައްކަތް ބައްލަވައިލެއްވިއެވެ.