(21 ޑިސެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކީމިޔާއީ އަދި ޠަބީޢިއްޔާތީ މުތާލިއާ އޭނާ ގެންދިޔައީ ޒައްރާއާއި މޮލެކިއުލްގެ މުޠާލިއާއާ ދިމާއަށެވެ. ދެން އޭނާ މުތާލިއާ ކުރަނީ ޒައްރާ އުފެދޭ މާއްދާތަކެވެ. އެއީ އިލެކްޓްރޯންސް އާއި ޕްރޮޓޯންސް އެވެ. މި މުތާލިއާއިން އޭނާއަށް އެނގުނު ގޮތުގައި ކާއިނާތަކީ ކަރަންޓުގެ ރާޅުބާނިތަކެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ. މި މުތާލިއާތައް ފުޅާ ކުރަމުން ގޮސް އޭނާ ސައިންސްގެ ދުނިޔޭގައި ގާއިމުކޮށްފައިވާ ނިއުކްލިއަރ ސައިންސްގެ އައު ހޯދުންތަކާ ހަމައަށް ހިނގައްޖެއެވެ. މިހައި ތަނުން އޭނާ މައުލޫމާތުގެ ބޮޑު ދަފުތަރެއް އެކުލަވާލައިފިއެވެ. މި ހުރިހައި މަސައްކަތަކަށް ފަހުވެސް އޭނާއަކަށް އިންސާނާގެ ހަގީގަތާ ބެހޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވިއެވެ. އޭނާގެ ލޮލަށް ފެނުމާއެކުވެސް ނުފެންނަ ދުނިޔެއަކަށް ގެއްލިގެން ދިއުން ނޫން ކަމެއް އެނާއަކަށް ނުކުރެވުނެވެ. ޑޮކްޓަރ ސީ. އެމް. ޖޯޑް ބުނުއްވާ ގޮތުގައި މާއްދާއަކީ އަތުގައި ނުޖެހޭ އަދި ހަގީގަތެއް ނެތް އެއްޗެކެވެ. އެއީ ފާސިލާއާއި ވަގުތާއި ހިމެނޭ ގޮތުން މަޑުމަޑުން ބަދަލުވަމުންދާ ވިއުގައެކެވެ. މި ވުއުގައިގައި ހިމެނެނީ ކަރަންޓުގެ ރާޅުބާނިތަކެކެވެ. ނުވަތަ އިމްކާންގެ ރާޅުބާނިތަކެކެވެ. މިއީ ބަލައިލުމާއެކު ގެއްލިގެންދާ ރާޅުބާނިތަކެކެވެ. ނުވަތަ އަތްލެވޭ ނުވަތަ އިހުސާސްކުރެވޭ ގޮތަށް ހުންނަ މާއްދާއަކަށް ވުމުގެ ބަދަލުގައި، އެއީ ދެކޭމީހާގެ ޝުޢޫރެކެވެ. ނުވަތަ އޭނާ ހީކުރާ ހީކުރުމުމެކެވެ.
ފުރާނައަކީ ކޮން އެއްޗެއްކަން ދެނެގަންނާން އިންސާނާ ކުރާ މަސައްކަތުގެ މި އިބުރަތްތެރި ނަތީޖާއިން އެނގޭ ގޮތުގައި ފުރާނައިގެ ހަގީގަތް ދެނެގަތުމަކީ އިންނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ބަލިމީހާއަކަށް އަމިއްލައަކަށް ބޭހެއް ނުކުރެވޭނެއެވެ. އޭނާއަށް ޖެހޭނީ ބޭސް ކުރުވަން ޑަކްޓަރެއްގެ ގާތަށް ދާށެވެ. ހަމަ މި ބީދައިން ފުރާނަޔާ ގުޅުން ހުރި ކަންތައްތައް ދެނެގަތުމަށްޓަކައި އިންސާނާއަށް މަޖުބޫރު ވެފައި ވަނީ ﷲގެ މަގަށް އެނބުރިގަންނާށެވެ. ފުރާނައަކީ ކޮބައިކަމާއި، ޚުދު ތިމާގެ އަމިއްލަ ނަފުސުގެ ހަގީގަތަކީ ކޮބައިގަން އިންސާނާއަށް ނޭނގުމުން، ދޭހަ ވެގެންދާ ހަގީގަތަކީ އޭނާ މިހާރު އެހެރަ ސިފައިގައި އޭނާ ހެއްދެވި ﷲ ގެ ބޭނުން އޭނާއަށް ޖެހިފައިވާ ކަމެވެ. ﷲ ވަނީ އިންސާނާ އުފެއްދެވުމަށް ފަހު، އޭނާއަށް އޮކްސިޖަން ބޭނުންވާނޭ ގޮތް މެދުވެރި ކުރައްވައި، އެ އޮކްސިޖަން އޭނާއަށް ލިބޭނޭ ގޮތްވެސް ހަމަޖައްސަވައިފައެވެ. ހަމަ އެހެންމެ ﷲ ވަނީ އިންސާނާ އުފެއްދެވުމަށް ފަހު ޚުދު ތިމާގެ ވުޖޫދާ ބެހޭ ގޮތުން އެކި ކަހަލަ މައުލޫމާތު ހޯދާން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޭނާގެ ކިބައިގައި ލައްވައި، މި ޝައުގުވެރިކަމަށް ލިބޭ ވަސީލަތެއްގެ ގޮތުގައި ނަބިއްޔުންނާއި ރަސޫލުން ފޮނުއްވައިފައެވެ. އޭނާ ނުދަންނަ އަދި ދެނެނުގަނެވޭނޭ ހަގީގަތްތައް ހާމަކޮށް ދެއްވާ ބޭކަލުންގެ ގޮތުގައެވެ.
މިޒަމާނުގެ ދީން
ތަޢާރަފު
ޖޫލިއަން ހަކްސްލޭ ބުނުއްވާ ގޮތުގައި ފުރިހަމަ ތަޝްކީކަކީ (complete skepticism) އެ މައްޗަށް އަމަލު ކުރެވޭނޭ ފަދަ އެއްޗެއް ނޫނެވެ. ކޮންމެވެސް ކަހަލަ ދީނެއްގެ ނުވަތަ ޢަޤީދާއެއްގެ މަތީގައި ހުރުމަކީ އިންސާނާއަށް ލާޒިމު ކަމެކެވެ.
އެހެންނަމަވެސް އޭނާ ދެކޭ ގޮތުގައި ޒަމާނީ ދީނަކީ ކަލަކާވެސް އަދި ވަޙީއަކާވެސް ނުލައި ގާއިމު ވެފައި އޮންނަ ދީނެކެވެ. މިއީ ލުޣަވީ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް މި ވާހަކައަށް ބަރޯސާވާ ވަރުގަދަ ފަލްސަފާއެއް އެބައޮތެވެ. މި ފަލްސަފާ ވަނީ މި ޒަމާނުގެ ގިނަ ބައެއްގެރ ސިކުނޑިއަށް ވެރިވެގެންފައެވެ. އޭގެ ތެރޭގައި ދީނީ މީސްމީހުންނާއި، ދީނީ ނޫން މީހުންވެސް ހިމެނެއެވެ. މިބައި މީހުންގެ މެދުގައި އަމިއްލަ ޚިޔާލު ތަފާތުވުން ތަކެއް ހުރި ނަމަވެސް އެންމެން ކަހަލަ ގޮތަކަށް ގަބޫލު ކުރާ ގޮތުގައި ވަޙީގެ ޒަރީޢާއިން ހިދާޔަތު ލިބިގަތުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ސައިންސުގެ އެހެން ދާއިރާތަކުގެ މީހުންނެކޭ އެއްފަދައިން މިބައިމީހުންވެސް ބޭނުން ވަނީ އިންސާނީ އީޖާދުތަކުގެ ޒަރީޢާއިން ތެދުމަގު ލިބިގަންނާށެވެ. ލޯރޑް މޯރލޭ ލިޔުއްވައިފައި ވެއެވެ. [ސައިންސުން ދެވަނައަށް ކުރާން އޮތް އެންމެ ބޮޑު މަސައްކަތަކީ އިންސާނީ ދަރިފަސްކޮޅަށް ދީނެއް އުފައްދައި ދިނުމެވެ.][1]
މި [އިންސާނިއްޔަތުގެ] އަހުލުވެރިންގެ ތެރެއިން މީހަކު ދީނުގެ ނަން ގަތް ކަމުގައި ވިޔަސް އެ ނަންގަންނަނީއަކީ ދީނީ މަފުހޫމެއްގައެއް ނޫނެވެ. އޭނާގެ އަމިއްލަ އެހެން މަފުހޫމެއްގައެވެ. އޭނާ ދެކޭ ގޮތުގައި ދީނުގެ މަތިވެރި ހަގީގަތަކީ ވަޙީގެ ޒަރީޢާއިން އައިސްގެން އުޅޭ އެއްޗެއް ނޫނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެއީ ބުއްދީގެ ޢިލްމީ ޖަވްހަރެކެވެ. މި ޖަވްހަރުގެ ސަބަބުން ހުރިހައި ބާރެއް ﷲ ގެ ފަރާތުން އިންސާނާއަށް ނަގުލުވީއެވެ. އޭނާ މިޔަށް ކިޔާފައިވާ ނަމަކީ އިންސާނިއްޔަތެވެ.
ޑޮކްޓަރ އެލެކްސިސް ކަރެލްއަކީ ފަރަންސޭސީ ސަރުޖަނެކެވެ. ފިޒިއޯލޮޖިސްޓެކެވެ. އޭނާ އުފަންވެލެއްވީ 1873 ވަނަ އަހަރުއެވެ. ނިޔައުވީ 1944 ވަނަ އަހަރުއެވެ. އޭނާއަށް ވަނީ 1912 ވަނަ އަހަރު ނޮބެލް އިނާމު ލިބިލައްވައިފައެވެ. އޭނާ ލިޔުއްވި ފޮތް [މޭން، ދި އަންނޯވން] ފުރަތަމަ ޝާއިއު ކޮށްފައި ވަނީ 1935 ވަނަ އަހަރުއެވެ. އޭނާ ވަނީ ބުނެވިދިޔަ ނަޒަރިއްޔާ ސާފުކޮށްދޭން މި ފޮތުގައި މަސައްކަތް ކުރައްވައިފައެވެ. މި ފޮތުގައިވާ ވާހަކަތަކަކީ މި ދެންނެވުނު ފަންތީގެ އެންމެން ގަބޫލުކުރާ އުސޫލުތައް ފުރިހަމައަށް ބަޔާންކޮށްފައިވާ ފޮތެއް ނޫނެވެ. އެކަމަކު މިއީ ސައިންސްވެރިއެއްގެ ގަލަމުން މި މަވްޟޫއުގެ މައްޗަށް ޖާމިއު ގޮތެއްގައި ލިޔެވުނު ފުރަތަމަ ފޮތެވެ. ސައިންސްވެރިން މި މައިދާނުގައި ހޯދައިފައިވާ ހޯދުންތަކުގެ މައްޗަށް ވަރަށް ތަފުސީލުކޮށް މި ފޮޕތުގައި ވަނީ ބަލައިލައިފައެވެ.
ސައިންސާއި ފަންނިއްޔާތުގެ ސަރާސަރު ކުރިއެރުމާއެކުވެސް އިންސާނާ ވަނީ އޭނާގެ މައްސަލަތަކުގެ ތެރޭގައި ތާށިވެ، މެހިފައެވެ. އޭނާގެ އަމިއްލަ ނަފުސުވެސް އަދި އޭނާ ދިރިއުޅޭ މާހައުލުވެސް ފުރިހަމަ ކުރުމުގައި ނުކުޅެދިފައެވެ. މަތީގައި ބަޔާން ކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން އޭނާއަށް އެނގިފައިވާ އެއްވެސް ކަމެއް ފުރިހަމަ ވެފައެއް ނެތެވެ. ހޮތްހަމަ ޖެހޭ ވަރަކަށް އެއްވެސް ކަމެއް ދެނެގަނެވިފައެއް ނެތެވެ.
[1] ސަޔަންސް އެންޑް ކްރިސްޓިއަން ބިލީފް، ސީ. އޭ ކޯލްސަން (1995) ސަފުހާ 8
ދީނއި ސައިންސް ޖެހުމަށްފަހު އެއީ ކޮން ސުރުޚީއެއްކަން ޖަހަލަދެއްވުން އެދެން، ކޮންމެ ބައެއްގައި ވަކި ހެޑިންނެއް އިނުމުން ހޯދަލަން ހަސޭހަވެއެވެ.