ރައީސް ޔާމީންގެ އަބުރުފުޅާ ބެހުނުކަމަށް ބުނެ ދައުވާ ކުރަނީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީގެ އިބްތިޚާބީ ހައްގާއި ޒާތީހައްގަށާއި އަދި އަބުރުފުޅާ ބެހިފައިވާ ކަމަށް ބުނެ އެކަންކުރި ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ލީގަލްޓީމުން މިރޭ ނޫސްވެރިންނާ ބައްދަކުރައްވައި ވާހަކާ ދައްކަވަމުން އާމިނަތު ނަސީނާ ވިދާޅުވީ ދައުވާކުރައްވަން ނިންމަވާފައިވަނީ އެމްޑީޕީއާއި ރާއްޖެޓީވީއާ ދެކޮޅަށް ކަމަށެވެ.

އެމްޑީޕީއާ ދެކޮޅަށް ދައުވާކުރައްވަން ނިންމެވީ ތެލުގެ ވަގުވިޔަފާރިކުރާ ކުންފުންޏަކާ ރައީސް ޔާމީނާ ގުޅުން އޮންނަކަމަށް ބުނެ އެމްޑީގެ އިސްބެފުޅުން ވާހަކަ ދެއްކެވުމުންނެވެ. އަދި އެމައްސަލަ ބަލައިދިނުމަށްއެދި އެމްޑީޕީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފައެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ ރައީސް ޔާމީނާ އެކަމާ އެއްވެސް ގުޅުމެއްނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ރާއްޖެޓީވީއާ ދެކޮޅަށް ދައުވާކުރައްވަން ނިންމެވީ ތެލުގެ ވަގުވިޔަފާރިއާ ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށް ބުނެ އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސް ލައިވްކުރުމުންނެވެ.

އެންޓިކޮރަޕްޝަންކޮމިޝަނަށް އެމްޑީޕީން ހުށަހެޅި ރިޕޯޓުގައި ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަނެފައިވާތީ އަބުރާބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީގެ މައްޗަށް ދައުވާ ކުރުމާއި އަބުރު ރައްކާތެރި ކުރުމުގެ ނަވާރަވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށް ވެސް ރައީސް ރައީސް ވަނީ ނިންމަވައިފައެވެ.

އެރިޕޯޓުގެ މައުލޫމާތު އާންމު ކުރުމަށް އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަނެފައިވާތީ އަބުރާބެހުމުގެ ބަދަލު ހޯއްދެވުމަށް މަދަނީ ދައުވާ ކުރައްވަން ވެސް ރައީސް ވަނީ ނިންމަވައިފައި ކަމަށް ލީގަލް ޓީމުން ވިދާޅުވިއެވެ.

އެ ރިޕޯޓާ ގުޅިގެން ރައީސް ޔާމީންގެ އިންތިޚާބީ ހައްގަކަށް އަރައިގެންފައިވާތީ އިންތިޚާބު ތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެމްޑީޕީގެ މައްޗަށް އަދި އެމްޑީޕީގެ ޕްރެސްކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހެޅުމަށް ރައީސް ޔާމީން ވަނީ ނިންމަވައިފައެވެ. އަދި އިންތިޚާބުތަކާބެހޭ އާންމު ގާނުނުގެ ދަށުން ރާއްޖެ ޓީވީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.