
ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް ހައި ކޯޓުން ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރައްވައިފިއެވެ.
ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ ފެބްރުއަރީ މަހުގެ 18ވަަަނަ ދުވަހު އެވެ. ހައި ކޯޓުން އެމަނިކުފާނު މިނިވަން ކުރުމަށް އަމުރުކުރެއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެއްްވުމުންނެވެ. މިއަދުގެ އަޑު އެހުން ބޭއްވި އިރު ރައީސް ޔާމީންގެ މައްސަލަ ބެލުމަށް ކުރިން އެކުލަވައިލި ބެންޗު ވަނީ ބަދަލުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ އަމިއްލަ ފުޅު އެކައުންޓަށް ޖަމާ ކުރައްވައިފައިވާ ފައިސާ ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރުވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައުވާ އެކައުންޓަށް ޖަމާ ކޮށްފައެވެ. އެހެންނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ސީދާ އެމަނިކުފާނުގެ ފައިސާ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާކަމެއް ދައުލަތުގެ އެއްވެސް މުޢައްސަސާއަކުން މިހާތަނަށް ކަނޑައަޅައިފައިނުވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މަނީލޯންޑަރ ކުރެއްވުމުގެ އިތުރަށް އެ މައްސަލަ ފުލުހުން ތަޙުޤީގު ކުރެއްވި މަރުޙަލާގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ތަޙުޤީގީ އިދާރާއަކަށް ދޮގުމަޢުލޫމާތު ދެއްވައިފައިވާތީ އެކަމަށް ވެސް ދަޢުވާކޮށްދެއްވުމަށް އެދި ފުލުހުންވަނީ ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް ހުށަހަޅައިފައެވެ.