
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް އެމަނިކުފާނަކީ ތަނަވަސް ބޭފުޅެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނުގެ އެކައުންޓުގައި އެއްމިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ނުހައްގުން އެއްވެސް ފައިސާއެއްގައި ޖެހޭކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުގެން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެއްމިލިއަންޑޮލަރު ނެގިކަމުގެ ތުހުމަތު އަޅުވައި ކޯޓުގައި އެއްމަސަލަ ކުރިއަށްގެން ގޮސް ޙުކުމް ކުރައްވަން ތައްޔާރުވެވަޑައިގެންފަވަނި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްވަނީ ސަސްޕެންޑް ކޮށްފައެވެ. އެހިސާބުން މިހާރުވަނީ އެ ޙުކުމް އިއްވުން ފަސްކުރައްވައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ޢަދުލުވެރި ޝަރީޢަތެއް ކޮށްފި ކަމަށްވާނަމަ މަނީލޯންޑަރިންގެ މައްސަލާގައި އެމަނިކުފާނުގެ ގައިކޮޅުގައި ހިފޭނެގޮތެއް ނޯންނެ ކަމަށެވެ. ކްރިމިނަލް ކޯޓުން މިހާރުވަނީ އެމަނިކުފާނުގެ މައްސަލަ ބެއްލެވުމަށް 5 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗެއް ކަނޑައަޅައިފައެވެ. އެގޮތަށް ހަމަޖެއްސެވީ ރައީސް ޔާމީންގެ ފަރާތުން އެކަމަށް އެދިވަޑައިގެންނެވުމުން ކަމަށް މަޢުލޫމާތުވަނީ ލިބިފައެވެ.
"މަވެސް ޕީޕީއެމް" މި ނަމުގައި ނޮވެމްބަރ 13 ވަނަ ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި އެޕާޓީއަށްވަނީ ބައެއް މީހުން ސޮއިވެސް ކޮށްފައެވެ. އޭގެތެރޭގައި ޑީއާރުޕީގެ ކުރީގެ ލިޑަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި އެޕާޓީގެ އެޕާޓީގެ އެސްޖީ ނަހުލާ ޢަލީވެސް ހިމެނެއެވެ.
އެމަނިކުފާނުގެ މައްޗަށް ހިންގާ ޝަރީއަތާމެދު އެއްވެސް ކަންބޮޑުވުމެއް އެމަނިކުފާނުގެ ނެތްކަމަށާއި އެހެންވީމާ އެއްވެސް ރައްޔިތަކުން ވެސް ކަންބޮޑުނުވަކަމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ދައުރުގައި ދައުލަތުގެ އެންމެ ލާރިފޮއްޗެއްގައި ވެސް ޖެހިވަޑައިގެންފައިނުވާނެކަމަށެވެ. އެމަނިކުފާނުގެ އާއިލާ ގިލަންވެރިކަމެއްގައި ޖައްސުވައި އެމަނިކުފާނު ދަންތުރައެއްގައި ޖެހޭނެފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.