
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް އިންޑިއާއަށް ކުރެއްވި ކެމްޕޭން ދަތުރަށްފަހު ފުރައިވަޑައިގެންފިއެވެ.
ފައިސަލްގެ މިދަތުރަކީ އިންޑިއާގައި ތިބި ދިވެހިންނާ ބައްދަލު ކުރައްވައި އިބޫއަށް ތާއިދު ހޯއްދެވުމަށް ކުރެއްވި ދަތުރެކެވެ. އޭނާ ވަނީ ބައެއް ހޮސްޕިޓަލްތަކަށް ވަޑައިގެން އެތަނުން ފަރުފާ ހޯދަމުންދާ މީހުންނާއި އެމީހުންގެ އާއިލާތަކާ ބައްދަލު ކުރައްވައި ހާލުއަހުވާލު އޮޅުން ފިލުވައިފައެވެ. އަދި އެމީހުންގެ މައްސަލަތައް އަޑު އައްސަވައިފައެވެ.
ރިޔާސީ ކެމްޕޭނުގައި އިބޫ މިހާރު އުޅުއްވަނީ ހުވަދުއަތޮޅުގައެވެ. މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކޭމްޕޭން ކުރެއްވުމަށް ޓީމްތަކުން ގެންދަނީ އަވަދިނެތި މަސައްކަތް ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް ޔާމީނާއި، އިބޫއެވެ.