
މިމަހު 23 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމަވާ ނިންމެވުމަކާ ފުލުހުންނާ ވެސް ނުބެހެވޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މަޖިލީސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒު ފަހުމީ (އިންތި) މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިންތި ވިދާޅުވީ ފުލުހުން ވެސް އިންތިޚާބާ ބެހޭ ޕްރެސް ކޮންފަރެންސް ބޭއްވުމުގެ ބަދަލުގައި އެބޭފުޅުން ވެސް ކުރައްވަންވީ ކަމަކީ 23 ސެޕްޓެމްބަރުގައި ނުކުންނަވައި ވޯޓު ދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިމަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށްފަހު ދިވެހިދައުލަތުގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލީހު (އިބޫ) ކަމަށެވެ. އެހެންވެ އެމަނިކުފާނަށް މިހާރުވެސް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.