އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާޅިޙް ގއ. ކޮލަމާފުށްޓަށް ކުރައްވާން އޮތް ދަތުރު ކުޑަކޮށް މަޑުޖައްސަވާލެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިވަޑައިގެންފިއެވެ.
ފުލުހުންގެ މުއައްސަސާއިން ދާދި ދެންމެ އަކު ބޭއްވި ނޫސް ކޮންފަރެންސެއްގައި ފުލހުންގެ ތަރުޖަމާނު އަހްމަދް ޝިފާން ވިދާޅުވި ގޮތުގައި ދަތުރު މަޑުޖައްސަވާލެއްވުމަށް އިލްތިމާސް ކުރެއްވީ ސެކިއުރިޓީ އެސެސްމެންޓް ހެދުމަށްފަހު ކެންޕޭނަށް އެކަށީގެންވާ މާހައުލެއް ނެތުމުންނެވެ. ދަތުރު މަޑުޖައްސަވާލެއްވުމަށް އިލްތިމާސް ކުރެއްވީ ކެންޕޭނަށް ހުރަސް އެޅުމުގެ ގޮތުން ނޫން ކަމަށާއި ފުލހުންގެ ޒިއްމާ އަކީ ސެކިއުރިޓީ ކޮންސާނެއް އޮތިއްޔާ އެކަން ކެންޑިޑޭޓުންނާ ހިއްސާ ކުރުން ކަމަށެވެ. މިކަމާ ގުޅިގެން މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދެމުން ށިފާން ވިދާޅުވީ އެއީ ފަހަރެއްގައިވެސް ކެންޑިޑޭޓުންނަށް ސެކިއުރިޓި ނުދެވިގެން ނުވަތަ ނުދޭންވެގެން ކުރާކަމެއް ނޫންކަމަށެވެ.
ސެކިއުރިޓީ ކަންކަމުގައި ރަށާއި އަތޮޅު ކައުންސިލް އަދި ސިޔާސީ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އިންތިޚާބާ ގުޅިގެން ނުވަތަ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި ވޯޓު އިންތިޒާމްކުރާ ފަރާތްތަކާއި ވޯޓުލާ މީހުންނަށް އަމާން ކަމާއެކު މަސައްކަތް އޭނާ އިލްތިމާސް ކުރެއްވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޝިފާންވަނީ ފުލުހުންނާ ދިމާއަށް ސިޔާސީ ނަޒަރަކުން ނުބެލުމަށް އެދިވަޑައިގެންފައެވެ. އަދި ފުލުހުންނާ ދިމާއަށް ބަލާ ލޯ ތަފާތުކޮށް ފުލުހުންނަކީ ހުރިހާ އެންމެންގެ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށް ގަބޫލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ފުލުހުން ބަލަންޖެހޭ އެއްވެސް ކަމެއް ނުބަލައި، އަޅާނުލާ ދޫކޮށްލާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މީޑިއާ އިން މިއަދު ފާހަގަކުރި ހާލަތްތަކަކީ އެއްވެސް ވަރަކަށް އަޅާނުލާ ދޫކޮށްލާފައިވާ ހާލަތްތަކެއް ނޫން ކަމަށް ޝިފާން ވިދާޅުވިއެވެ.