ރައީސުލްޖުމްހޫރިއްޔާ ކަމަށް އިތުރުބޭފުޅަކު ކުރިމަތި ލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ކަމަށް އިތުރު ބޭފުޅަކު ކުރިމަތި ލައްވައި އެބޭފުޅާގެ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. އިލެކްޝަނަށް މިއަދު ފޯމު ހުށަހެޅުއްވީ، ދަފްތަރު 6562  ހުސައިން ނަސީރެވެ.

އިލެކްޝަންސް ކޮމިޝަނަށް އޭނާ ހުށަހެޅުއްވި ފޯމު އެކޮމިޝަނުންވަނީ ބަލައިގެންފައެވެ. އޭނާއަކީ މިހާތަނަށް ރާއްޖެއިން ބޭރުގައި އުޅުއްވި ބޭފުޅެއް ކަމަށް އެނގިފައިވެއެވެ. ނަސީރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޝައިޚް ނަސްރުﷲ މުސްތަފާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ނަސީރުގެ އިތުރަށް އިލެކްޝަނަށް ފޯމު ހުށަހަޅުއްވައިފައިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނާއި، އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރާއި، ސުޖާއު ހުސައިން ފޯމު ހުށަހަޅުއްވައިފައެއް ނުވެއެވެ. މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ފޯމު ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ. އުމަރު ވިދާޅުވީ ވަގުތު ޖެހުމުން ފޯމު ހުށަހަޅުއްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.