އެމްޑީޕީ ސަރުކާރުގައި ޅ. ހިންނަވަރުގައި ހިންގަން ހަމަޖެހިފައިވާ އެއްވެސް މަޝްރޫއެއް މިސަރުކާރުން ތަންފީޒު ކުރައްވާފައި ނުވިޔަސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވުމުން އެ މަޝްރޫއުތައް އަލުން ތަންފީޒުކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ އުފަން ރަށް ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވާނީ އެރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރައްވަން ނިންމައިފައި ކަމަށެވެ. އެހެންނަމަވެސް އެކަން ތަންފީޒު ނުވެވަނިކޮށް ވެރިކަން ބަދަލު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި އެކަން އަލުން ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.
އިބޫ ވިދާޅުވީ އެރަށުގައި އެމްޑީޕީންވަނީ ބިންހިއްކައިދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ފަށައިފައި ކަމަށެވެ. އެހެންނަމަވެސް އެމައްސަލައަށް ވެސް އަދި ހައްލު ލިބިފައި ނުވުމުން އެމަނިކުފާނުގެ ވެރިކަމުގައި އެރަށުގައި 100 ހައުސިން ޔުނިޓު އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ ވެސް އެމްޑީޕީގެ ވެރިކަމުގައި ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށާއި އެކަންވެސް ޕްލޭންކޮށްފައިވަނިކޮށް ސަރުކާރު ބަދަލުވީ ކަމަށް ވިދާޅުވިއެވެ. މި ސަރުކާރުންވެސް އެކަން ކުރެއްވުމަށް ބަޖެޓުގައި ފައިސާ ހިމެނުއްވިޔަސް ދައުރު ނިމިގެންދާއިރު ވެސް އެކަން ނުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން އެރަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އެރަށަކީ ކުޅިވަރަށް ލޯބިކުރާ ކުޅިވަރު ކުޅޭ މީހުން އުފައްދާ ރަށަކަށްވާތީ ތަރައްގީވެފައިވާ ފުޓުބޯޅަ ދަނޑެއް އެރަށަށް ބޭނުންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މިސަރުކާރުން ފޯރުކޮށްދެއްވާ ވަސީލަތްތަކާއި ޚިދުމަތްތަކުގައި އެއްވެސް އިންސާފެއްނެތް ކަމަށެވެ. އެހެން ކަމުން އެބޭފުޅުންގެ ވެރިކަމުގައި ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ހޯއްދަވައި ދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އެދުންތަކުގެ އަޑު އަބަދުވެސް އައްސަވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އިސްލާހު ގައުމަށް ގެންނެވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރައްވައި އެކަން ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.