
މިހާރު ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރަފުވެރިކަމާއެކު ބަތަލެއްގެ ގޮތުގައި ޖަލުން މިނިވަންވެ ވަޑައިގެން ބަތަލެއްގެ ގޮތުގައި އާއިލާއާއެކު ދިރިއުޅުއްވާ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.
އެނާ މިހެން ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް އައްޑޫ ސިޓީ ފޭދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެޓީވިއަށް މައުލޫމާތު ދެއްވަމުންނެވެ.
ވައްޑެ ވިދާޅުވީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބި ދަރިކަލުން ނަދީމް ވަނީ އަނިޔާވެރި ކަމާއެކު ޖަލުގައި ބަންދުކޮށްފައި ކަމަށެވެ. ރައީސް މައުމޫނާ މެދު އެގޮތަށް އަމަލު ކޮށްފައި އެހެން މީހުންނަށް ރައީސް ޔާމީން އަނިޔާ ނުކުރައްވާނެ ކަމަށް ގަބޫލުކުރައް ދިވެއްސެއް މިހާރުނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވެރިކަމަށް ކުރިމަތި ލައްވައިފާނެތީ ޖަލުގައި (މިހާރު ބޭސްފަރުވާއަށް ޖަރުމަނުގައި) ހުންނެވިޔަސް އެމަނިކުފާނާ މެދުވެސް އަމަލުކުރައްވަމުން ގެންދަވަނީ އަނިޔާވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުވަނީ އެއްލަކަ ފަސް ހާސް ވޯޓު ހޯއްދަވައިފައިކަން ރައީސް ޔާމީން ހަނދުމަފުޅު ނައްތަވާލައްވައިގެން ނުވާނެ ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ އެއްލައްކަ އަށްޑިހަ ހާހަށްވުރެ މަތިން އިބޫ ވެރިކަން ކާމިޔާބު ކުރައްވާނެ. އެތަން ރައީސް ޔާމީނަށް ފެންނާނެ. ރައްޔިތުންގެ ނިންމުންތައް ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ގަބޫލު ކުރައްވަންޖެހޭނެ،" ވައްޑެ ވިދާޅުވިއެވެ.