ޕާކިސްތާނުގެ އުތުރުގައި 12 ސްކޫލެއް އަންދާލައިފި

ގިިލްގިތު-ބަލްތިސްތާނުގައި އަންދާލި ސްކޫލްތައް

ޕާކިސްތާނުގެ އުތުރު ފަރުބަދަމަތީ ސަރަހައްދެއް ކަމުގަވާ ގިލްގިތު-ބަލްތިސްތާނުގައި 12 ސްކޫލެއް އަންދާލައިފިއެވެ. އެ ސަރަހައްދުގެ ޑިއާމާ ޑިސްޓްރިކްޓްގެ ޗިލާސް އަވަށުގައި ރޯކޮށްލާފައިވާ ސްކޫލްތަކުގެ ތެރެއިން 6 ސްކޫލަކީ އަންހެންކުދިންގެ ސްކޫލެވެ. އަނެއް 6 ސްކޫލުގައި ރޯކޮށްފައިވަނީ އަންހެން ކުދިން ކިޔަވާ ބައިގައެވެ.

އެ ސަރަހައްދުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އެސްޕީ) ރޯއި އަޖްމަލް ވިދާޅުވިގޮތުގައި ހުރިހާ ސްކޫލެއް އަންދާލާފައި ވަނީ އެއް ރެއެއްގައެވެ. އަދި ބައެއް ސްކޫލްތަކުގައި ހުރި ފޮތްތައް ބޭރަށް ނެރެ ފުންޏަކަށް ޖަހާފައި ރޯކޮށްލާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެއަވަށުގެ ފުލުސް އޮފިސަރެއް ކަމުގައިވާ މުޙައްމަދު ބަޝީރު ބުނިގޮތުގައި ސްކޫލްތަކުގައި ރޯކޮށްލާފައިވަނީ ހުކުރު ދުވަހުގޭ ފަތިސްވުމުގެ އިރުކޮޅެއް ކުރިންނެވެ. އަދި އެއީ ސްކޫލްތައް ބަންދު ވަގުތަކަށް ވާތީ އެއްވެސް މީހަށް ގެއްލުން ވެފައި ނުވެއެވެ.

އެއްވެސް ފަރާތަކުން މިކަމުގެ ޒިންމާ އުފުލާފައި ނުވާއިރު، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓިމެއް އެ ސަރަހައްދަށް މިހާރު ވަނީ ފޮނުވިފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެންކުރައްވާނެ ކަމަށް ބެލޭވެ، އިމްރާން ޚާން ވަނީ ސްކޫލްތަކުގައި ރޯކުރުން ކުށްވެރިކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ އޭނާ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ސިޔާސަތަކީ ހުރިހާ ސަރަހައްދެގައި ހަމަހަމަ ގޮތުގައި ތައުލީމު ދިނުމެވެ.

ޑިއާމާ ޑިސްޓްރިކްޓް ކޮމިޝަނާ އޮފް ޕޮލިސް ސައްޔިދު އަބްދުލްވާހިދު ޝާހު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ޠާލިބާން ހަނގުރާމަވެރިން ހަރަކާތްތެރި ނުވެއެވެ. އެހެންނަމަވެސް، އަންހުންނަށް ތައުލީމުދޭން ނުޖެހޭ ކަމަށް ގަބޫލުކުރާ ހަރުކަށި ޚިޔާލުގެ މީހުން އެ ސަހަރައްދުގައި އުޅެއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި 12 ސްކޫލުގައި ރޯކޮށްލުމުގެ އިތުރަށް، ދެ ސްކޫލެއްގައި ގޮވާތަކެތި ބަހައްޓައިގެން ގޮއްވާލަން މަސައްކަތް ކޮށްފައި ވެއެވެ.

ޑިއާމާ ޑިސްޓްރިކްޓްގެ ސްކޫލްތަކަށް ދާ 16800 ދަރިވަރުންގެ ތެރެއިން އަންހެން ކުދިންގެ ނިސްބަތަކީ އެންމެ 20 އިންސައްތައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.