ޕާކިސްތާނުގައި ޖުލައި މަހު 25 ވަނަ ދުވަހުު އާއްމު އިންތިޚާބު ބާއްވަނީ

ޕާކިސްތާނުގެ ގައުމީ ގާނޫނު ހަދާ މަޖިލީހަށާއި، 4 ޕުރޮވިންސުގެ ގާނޫނުހަދާ މަޖިލިސްތަކަށް މެންބަރުން ހޮވުމަށް 2018 ވަނަ އަހަރު ބާއްވަންޖެހޭ އާއްމު އިންތިޚާބު އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހުން ބާއްވާނެކަމަށް އެގައުމުގެ ރައީސު މަމްނޫން ހުސައިން އިއުލާންކުރައްވައިފިއެވެ. މިއިންތިޚާބު ބާއްވައި ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން އާ ސަރުކާރަކަަށް ބަދަލުވެއްޖެނަމަ، އެކަން ވެގެން ދާނީ ޕާކިސްތާނުގެ 70 އަަހަރު ދިގު ތާރީޚުގައި ޑިމޮކްރެޓިކް އުސޫލުން ވަރިކަން ބަދަލުވީ ދެވަނަ ފަހަރު ކަމުގައެވެ.
"އިންތިޚާބު ބާއްވާ ދުވަހަކީ 25 ޖުލައި 2018 ކަމަށް ރައީސު ވަނީ ފާސްކުރައްވާފައި". އެދުވަހު އިންތިޚާބު ބާއްވަން ބޮޑުވަޒީރު ޝާހިދު ޚާޤާން އައްބާސީ ފޮނުއްވި ދެންނެވުމުގައި ރައީސު ސޮއިކުރެއްވިކަން ހާމަކުރަމުން ރައީސު އޮފީހުގެ ތަރުޖަމާނު ބުނެފައި ވެއެވެ.
އެ ނިންމެވުމުގައިވާ ގޮތުން ގައުމީ ގާނޫނުހަދާ މަޖިލީހާއި، ޕުރޮވިންސުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ އިންތިޚާބު ބާއްވާނީ އެކުއެކީގައެވެ.
ޕާކިސްތާނުގެ ޤާނޫނު އަސާސީގެ 224 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނުހަދާ މަޖިލިސްތަކުގެ ދައުރު ހަމަވާތާ 60 ދުވަހުގެ ތެރޭގައި އާއްމު އިންތިޚާބު ބާއްވަން ޖެހެއެވެ. ދައުރު ހަމަވުމުން އިންތިޚާބު ބާއްވައި ވެރިކަން އައު ސަރުކާރަކަށް ބަދަލުކުރުމުގެ މަސައްކަތްކުރާނީ ވަގުތީ ސަރުކާރަކުންނެވެ.
2013 ވަނަ އަހަރު ވެރިކަމަށް އައި ޕާކިސްތާން މުސްލިމް ލީގް (ނަވާޒް) ގެ ސަރުކާރުގެ ދައުރު މިހާރުވަނީ ފަހު ހަފުތާގައެވެ. ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ގުޅިގެން ވަގުތީ ބޮޑުވަޒީރެއް އައްޔަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވޯޓުލާ މީހުންގެ ލިސްޓަށް ބަލާއިރު މިއަހަރު އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 105.96 މިލިއަން މީހުން އެބަތިއްބެވެ. މިއީ 2013 ވަނަ އަހަރުގެ އާއްމު އިންތިޚާބަށްވުރެ %23 އިތުރު އަދަދެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.