ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަ ކުރުމުގެ ހަފުލާއެއް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި މިއަދު ބާއްވައިފިއެވެ. މި ހަފުލާގައި ވަނީ ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު މީހުންނާއި ދިވެހިންވެސް ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި އިންސާނިއްޔަތާއި އަޚުވަންތަކަމކުގެ މައްޗަށް ވާހަކަފުޅުދެއްކެވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑޮކްޓަރ އިންރާހީމް ޒަކަރިއްޔާ މޫސާއެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ދުނިޔެ ދުށް އެންމެ މަތިވެރި ޝަޚްސިއްޔަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އިތުރު އެކަލޭގެފާނުގެ އިރުޝާދުފުޅުތަކަކީ ހަމައެކަނި މުސްލިމުންނަށް ފައިދާ ކުރުވަނިވި އިރުޝާދުފުޅުތަކެއް ނޫނެވެ. އެ އިރުޝާދުފުޅުތަކުގައި ހިފައިފިނަމަ ކޮންމެ މުޖުތަމައެއްވެސް ސުލްހަވެދާނެއެވެ. އޭނާގެ ވާހަކަފުޅުގައި ވަނީ އިތުރު އެކަލޭގެފާނުގެ ސީރަތުން ލިބިދޭ އެތައް ފިލާވަޅެއްގެ މައްޗަށް އަލިއަޅުވައި ލައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މުޖުތަމައެއް ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ މާތް ނަބިއްޔާގެ ސުންނަތުގައި ހިފައިގެން ކުރިއަށް ދިޔައީމައެވެ.
ބައްދަލުވުމުގައި އެކްޓިންގ ހައި ކޮމިޝަނަރު ޒުލްޤަރްނައިނިން އަޙްމަދުވެސް ވާހަކަފުޅުދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުއްމަތަށް ނިސްބަތްވުމަކީ އަޅުގަނޑުމެންނަށް ލައްވައިފައިވާ ރަޙްމަތެކެވެ. މުޖުތަމަޢު ހަރުދަނާވެ ކުރިއަރައިދާނީ އިތުރު އެކަލޭގެފާނު ދެއްކެވި ނަމޫނާގެ މައްޗަށް ކަންތައްތައް ބައްޓަން ކުރީމައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން މުސްލިމުން އެބައިވަންތަވެ އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން ކީރިތި ރަސޫލާގެ ނަމޫނާގެ މަތީގައި ދެމި ތިބުމަށް ގޮވައިލެއްވި ގޮވައިލެއްވުން ހަނދާންކޮށް ދެއްވިއެވެ.