
ސައޫދީ އަރަބިއްޔާގައި އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބުމަށް ފަހު އެހެން ދާއިރާތަކުންވެސް އަންހެނުންނަށް ފުރުސަތުތައް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުންެނެވެ. މިގޮތުން އެގައުމުގައި ޕައިލެޓުކަން ދަސްކޮށްދޭ ސްކޫލަކުން އަންހެނުންނަށް ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަށް ތައްޔާރުވަމުން އެބަދެއެވެ.
އިރުމަތީ ރަށެއް ކަމުގައިވާ ދައްމާމުގައި ހުންނަ އޮކްސްފޯޑް އޭވިއޭޝަން އެކެޑަމީގައި ސެޕްޓެންބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ޕައިލެޓުން ތަމްރީނުކުރާ ކޯހުގައި ބައިވެރިވުމަށް އެދުުމުގެ ފުރުސަތު އަންހެނުންނަށް ވަނީ ހުޅުވާލާފައެވެ.
"މީހުން ކުރިން ދިޔައީ (ޕައިލެޓުކަން ދަސްކުރުމަށް) ބޭރަށް. އެގޮތަށް ދަތުރުކުރުމަކީ ފިރިހެނުންނަށް ވުރެ އަންހެނުންނަށް މާ އުދަނގޫ ކަމެއް" ޕައިލެޓްކަން ދަސްުކުރުމަށް އެދޭ ފޯމެއް ހުށަހެޅުމަށްފަހު، ސިވިލް ޕައިލެޓެއްގެ ގޮތުގައި މަސަކަތްކުރަން އެެދޭ އަންހެނަކު ކަމުގައިވާ ދަލާލް ޔަޝްއަރު ބުންޏެވެ.
"އަންހެނުންނަށް މަސައްކަތްކުރުމުގެ ދާއިރާ ހަނިކުރެވިފައިވާ ދުނިޔެއެއްގައެއް ނޫން އަހަރުމެން މިހާރު މިއުޅެނީ. މިހާރު ހުރިހާ ދާއިރާއެއްވެސް ވަނީ ހުޅުވާލެވިފައި. ޝައުގުވެރިކަމާއި، ކުޅަދާނަކަން ހުރިއްޔާ ކުރިއަށް ދާންވީ" އޭނާ ބުންޏެވެ.
އޮކްސްފޯޑް އޭވިއޭޝަން އެކެޑަމީއަކީ ޕައިލެޓު ޓްރޭނިންގ ސްކޫލެއްގެ އިތުރަށް އެއާކްރާފްޓް މެއިންޓަނެންސް ސްކޫލަކާއި، އިންޓަނޭޝަނަލް ފްލައިޓް ސިމިއުލޭޓާ ސެންޓަރެއް ހިމެނޭ 330 މިލިއަން ޔޫއެސް ޑޮަލަރުގެ މަޝްރޫއެެެކެވެ.
އެކެޑަމީގެ އެކްޒެކެޓިވް ޑިރެކްޓަރ އުސްމާން އަލްމުޠައިރީ ވިދާޅުވިގޮތުގައި އެތަނުގައި ދަރިވަރުންނަށް ކިޔެވުމާއި އަމަލީ ތަމްރީނު ހިމެނޭ ތިންއަހަރުގެ ކޯސް ހިންގާނެއެވެ.
އަންހެނުންނަށް ކުރިއަށް ދިއުމަށް އެޅިފައިި އޮތް ހުރަހެއް ކަމުގައި ބެލެވިފައި އޮތް، އެއްގަމު އުޅަނދު ދުއްވުން މަނާކުރުން ސައުދީ އަރަބިއްޔާގައި ނިމުމަކަށް އައީ މިއަަހަރުގެ ކުރީ ކޮޅުގައެވެ. މިކަން ހަގީގަތަކަށް ވެގެން އައީ އެގައުގެ ބާރުގަދަ ޒުވާން ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާން ފަށްޓަވާފައިވާ އިސްލާހީ މަސައްކަތުގެ ބައެއްގެ ގޮތުގައެެވެ.