ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން މަހުގެ 6 ގަ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީ، އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމާއެކު، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން، އެ ދާއިރާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މާދަމާ ހެނދުނު 10:00 އިން ފެށިގެން އެޕްރިލް މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު candidacy@elections.gov.mv މެދުވެރިކޮށް އީމެއިލުން ބަލައިގަންނާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ) އަށް ހާޒިރުވެގެން ވެސް ފޯމު ހުށަހެޅޭނެއެވެ. ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.

ކުރިމަތިލާ ކެންޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުޠުތައް:މަޖިލިސް މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމުގެ އިތުރުން ސުންނަތް ޖަމާޢަތުގެ މީހަކަށް ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ، ބުއްދި ހަމައަށް ހުރި މީހަކަށް ވާންޖެހެއެވެ. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އޭނާއަށް ކުރިމަތިލެވޭނީ ރައްޔިތަކަށްވީތާ 5 އަހަރު ފުރުމަށްފަހު، ރާއްޖޭގައި ދިރިއުޅެމުންދާ ނަމަ އެވެ.

އިންތިޚާބުގައި ބައިވެރިނުވެވޭނެ ހާލަތްތައް:ސާބިތު ދަރަންޏެއް އޮވެ ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހުންނާއި، 12 މަހަށްވުރެ ދިގު ޖިނާއީ ޙުކުމެއް ތަންފީޛު ކުރަމުންދާ މީހުންނަށް މި އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިފަދަ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އަދަބު މަޢާފްކުރެވުނުތާ 3 އަހަރު ނުވާ ފަރާތްތަކަށާއި، ފަނޑިޔާރުންނަށް ވެސް ކުރިމަތިލުމުގެ ފުރުޞަތެއް ނެތެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، ކޮންމެ ކެންޑިޑޭޓަކު ވެސް ކުރިމަތިލުމުގެ ކުރިން ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެ ކަމަށެވެ.

މި ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.