ގެއްްލުނު ލޯބި (16)

(16)

( 06 އެޕްރީލް 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޒުބާ އައިސް ގެޔަށް ވަތްތަން ފާއިޤާއަށް ފެނުނެވެ. ޒުބާއާއެކީ ސައިމްއެއް ނެތެވެ. ޒުބާއައީ ގޭގެ ޗޯކީދާރާ އެކީގައެވެ. ފާއިޤާ ގެޔަށް އައިސް އިބްރާހީމްގާތު އެވާޙަކަ ބުނުމުން ، ސައިމްއަށް ފޯނު ކުރިއެވެ. ސައިމްގެ ފޯނު ރިންގ ވެއެވެ. އެކަމަކު ފޯނެއް ނުނަގައެވެ.

ބައްޕަގެ ޙާލު ގޯސްވީ ، އޭނާ ފިލައިގެން ގެއިން ނުކުމެގެން ދިޔައިމަ ކަމާ އަދި  ، އައިސީޔޫއަށް ލާފައި އޮއްވާ ، ބައްޕަގެ ޙާލު ގޯސްވެގެން ، މިހާރު ގޭގެ އެންމެންވެސް ގޮސްވީ ހޮސްލިޓަލުގައިކަން ޒުބާއަށް އެނގުނެވެ. ބައްޕަޔަށް އެޙާލަތު މެދުވެރިވީ އޭނާގެ ސަބަބުންނެވެ. އެކަމާ ކުރާނެކަމެއް މިހާރަކު ނެތެވެ. ވީކަމެއްވީއެވެ. ދެރަވިޔަސް ކުރާނެކަމެއް ނެތެވެ.

ދާނިޔަލް އައިސް ގެޔަށް ވަތްތަނުން ޒުބާ ފެނުނެވެ. މިނިކާ ވަގެއްހެން ޒުބާއާ ދިމާލަށް ދާނިޔަލް ފުންމައިގަތެވެ. އެކަމަކު ، ޗޯކީދާރުގެ އަންހެނުން އެދެމަށްވަދެ ، ހުރަސް އެޅުމާއެކު ، ލިބުނު ފަޅިސިކުންތުގެ ވަގުތުކޮޅުގައި ޒުބާވެސް ފުންމައިގެންފައި ދުއްވައިގަތެވެ. ދާނިޔަލްގެ އަތުގައި ނުޖެހި މަތީބުރިޔަށް އަރައި ދާނިޔަލްގެ ކިބައިން ސަލާމަތް ވުމަށްޓަކައެވެ. ދާނިޔަލްގެ ކިބައިން ޒުބާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ދާނިޔަލްގެ އަތުގައި ޒުބާ ޖެހުނުނަމަ ، ސައިމްއަށް ކޮށްލިވަރު ޒުބާއަށްވެސް ކޮށްލީހެވެ.

ސަމީރު ކުޑަކޮށް ރަނގަޅުވުމުން ގެޔަށް ފޮނުވިއެވެ. ޒުބާއާ ބައްދަލުކުރާކަށް ސަމީރު ބޭނުމެއް ނޫނެވެ. ދާނިޔަލްވެސް ހުރީ ޒުބާދެކެ އިންތިހާއަށް ރުޅި  އައިއްސައެވެ. ދާނިޔަލްއަށް ވެގެންވާނަމަ ، ޒުބާ އެގޭގައި ހުއްޓަކަ ނުދޭނެއެވެ. އެގޭގައި ޒުބާ ހުއްޓާ ދާނިޔަލްގެ އަތުގައި ޖެހުނަސް ، ޒުބާ ގައިގާ ތަޅާއިގަންނާނެއެވެ. އެހެންވެ ، އެކަން އެނގޭތީ ، ޒުބާ ހުރީ ކޮތަރިޔަށްވަދެ ، ތަޅުލައިގެން ކޮޓަރި ތެރޭގައެވެ. އެއްގޮތަކަށްވެސް ބޭރަކަށް ނުނިކުމެއެވެ.

ދާނިޔަލްއާއި ގޭގެ ގިނަބަޔަކު ގޭރަށްގޮސް އުޅުނު ވަގުތެއް ހޯދާފައި ބައްޕަމެން ކޮޓަރިޔަށް ޒުބާ ވަނެވެ. އޭރު އެތަނުގައި އެއްވެސް މީހަކު ނެތެވެ. ޒުބާ ރޮއިރޮއިފާ ބައްޕަގެ ކިބައިން މަޢާފަށް އެދުނެވެ. އޭނާއަށް އެހާ ބޮޑު އަނިޔާއެއް ޒުބާ އެދިނީ ،  އޭނާއަށް ކޮންކަމެއް ނުކޮށްދެވިގެންތޯ ސަމީރު ، ޒުބާއާ ސުއާލު ކުރިއެވެ. ބައްޕަގާޓުގައި ޒުބާ އިންދާ ސަމީނާއަށް އެތަނަށް އާދެވުނެވެ. އަދި ޒުބާ ރޮއިރޮއި އޮއްވައި ، ޒުބާގެ އަތުގައި ހިފައި ގަފަކަމުން ދަމާފައި އެ ކޮޓަރިން ބޭރަށް ލިއެވެ.

ޒުބާއާއި ސައިމްގެ ކައިވެނި ކުރިކަމަށް ،  ކަރީމް އޮތީ ދާނިޔަލްގާތު ބުނެފައެވެ. އޭރުވެސް އެކަމާމެދު ދާނިޔަލްގެ ހިތުގައި ޝައްކު އުފެދުނެވެ. އެންމެފަހުން ، އެސަރަޙައްދުގެ ފުލުހުންގެ މަރުކަޒަކަށް ގުޅައި ، އެކަން ކަށަވަރު ކުރުމަށް ބޭނުންވެގެން ، ފުލުހުންވަނީ އެކަމުގައި ދާނިޔަލްއަށް އެހީތެރިވެދީފައެވެ. ފުލުހުން ހޯދި މަޢުލޫމާތުން އެނގުނުގޮތުގައި އެދެމީހުންގެ ކައިވެނި ކުރެވުނުކަމަކަށް ކައިވެނި ރަޖިސްޓަރީ ކޮށްދޭ އެހިސާބުގެ އެއްވެސް އޮފީހަކުން އެނގޭކަށް ނެތެވެ. ކަރީމް އެހަދަނީ ދޮގެއްކަމުގައި ފުލުހުން ދާނިޔަލްގާތު ބުންޏެވެ.

ގޭގެ އެންމެ އިސްމީހަކަށް ހުންނަނީ ، ސަމީރުގެ ބޮޑުބޭބެއެވެ. އެއީ ދާނިޔަލްގެ ބައްޕައެވެ. ދާނިޔަލްގެނެސް ޒުބާގެ މައްސަލައިގައި އެންމެ ފަހު ގޮތް އޭނާ ނިންމިއެވެ. އޭނާ ބޭނުންވީ ، އެ ދެތިން ދުވަހުގެ ތެރޭގައި ޒުބާއާއި ސައިމްއާ ދެމީހުން އުޅުނީ ކޮންތާކުތޯ ބެލުމަށެވެ. އަދި  އެމީހުންގެ ކައިވެނި ކުރެވުނުކަން ޔަޤީން ކުރުމަށެވެ. އެމީހުންގެ ކައިވެނި ނުކުރެވޭނަމަ ، ސައިމް އެގެޔަށް ގެނެސް ، ކައިވެނީގެ ކަންކަން ފުރހަމަ ކުރުމަށް އޭނާ ، ދާނިޔަލްއަށް އަމުރު ކުރިއެވެ. އޭނާޢަކީ ، އެކަހަލަ ކަންކަމުގައި ގޭގެ އެންމެ ފަހުބަސް އިއްވާ މީހާއެވެ. އެންމެންވެސް އޭނާގެ ބަހަށް ކިޔަމަން ވާނެއެވެ.

ދާނިޔަލް އެއައީ ، ސައިމްގެ ގައިގައި ތަޅައިގަނެ ، މަރުވަންދެން އަނިޔާކޮށްފައި ކަމަށް ބުންޏެވެ. ސައިމްގެ ފުރާނަ ހުރިކަމެއްވެސް ނޭނގޭކަމަށް ދާނިޔަލް ބުންޏެވެ. ދާނިޔަލް އެހެން ބުނިއަޑު ޒުބާއަށް އިވުނެވެ. ޒުބާ ހުރީ މަތީބުރީގައި ފިލައި ، އެމީހުން ދައްކާ ވާހަކަ އަޑު އަހާށެވެ. އެ ވަގުތު ޗޯކީދާރުވެސް ދުވަމުން ގޭތެރެޔަށް ވަދެ ، ފުލުހުން އެގެޔަށް އައިވާހަކަޔާއި ދާނިޔަލް ކޮބައިތޯ ސުޢާލު ކުރާވާހަކަ ބުންޏެވެ. އޭރު ފުލުހުންވަދެ ސުއާލުކޮށް ދާނިޔަލް ހައްޔަރުކޮށްގެން ޖީޕަށް އަރުވައިގެން ގެންގޮއްސިއެވެ.

ސައިމްއަށް އަނިޔާކުރީ ދާނިޔަލްކަން އެނގޭނެ ހެއްކެއް ފުލުހުންގެ އަތަކު ނެތެވެ. އެހެންކަމުން ، އެކަމުގެ ހެކި ދެއްކުމަށް ދާނިޔަލް އެދެމުން ގެންދިޔައެވެ.

ސައިމްވެސް މަގުމަތީ އޮއްވާ ބަޔަކުމީހުން އައިސް ނަގައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ، އޭނާ ހޭއެރީމަ އިބްރާހީމް މެންނަށް ގުޅީމަ ، އިބްރާހީމްގެ ދެމަފިރިންވެސް ހޮސްޕިޓަލަށް އައެވެ. ސައިމްއަށް ކޮށްފައިވާ އަނިޔާ ފެނިފައި ފާއިޤާ ހޭނުނެތުނީ ކިރިޔާއެވެ. ވަގުތުން ފުލުހުންނަށް މައްސަލަ ހުށަހަޅައި ، އެކަންކުރީ ދާނިޔަލްކަމުގައި ފުލުހުންނަށް އެންގިއެވެ.

ގޭގައި މީހުން ނޫޅޭ ފުރުޞަތެއް ލިބުމުން ސައިމްއަށް ، ޒުބާ ފޯނު ކުރިއެވެ. ޒުބާ ފޯނުކުރިއިރު ، ސައިމްއަށް އޮތީ ނިދިފައެވެ. ފޯނުނެގީ ފާއިޤާއެވެ. ސައިމްއަށް ފޯނުނުކުރުމަށް ފާއިޤާ އެދުނެވެ. ޒުބާ ހަމައެކަނި ބަލައިލަން ބޭނުންވީ ، ސައިމް ސަލާމަތުން ހުރިތޯއެވެ ؟

" އަހަރެންގެ ދަރިފުޅުގެ ވަކިވަކި ކުރެވިފައިވާ ކަށިތައް އެއްކޮށް ގުޅައި ، މިހެންދަނީ ގުނަވަންތައް ހަމަކުރެވޭތޯ ބަލމުންނެވެ. ސައިމްގެ ހިތުގައި ޒުބާއާމެދު މިހާރު އޮތީ ހަމައެކަނި ނަފްރަތެވެ. ސައިމްއަށް ލިބުނު އަނިޔާތަކުގެ ތަކުލީފުގައި ގޭނިގެންގޮސް ޒުބާގެ މައްޗަށް ، ސައިމްގެ ހިތުގައި އޮތް ލޯބި މިހާރަކު ނެތެވެ. " ދެން ސައިމްއަށް ފޯނު ނުކުރާށޭ ބުނެ ފާއިޤާ ، ފޯނު ކަނޑައިލިއެވެ.

ސައިމްއަށް އަނިޔާކުރިކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ނުހޯދުމުގެ ސަބަބުން ދާނިޔަލް ދޫކޮށްލިއެވެ. ދާނިޔަލްއަށް ގެޔަށް އާދެވުނުއިރު ، ޒުބާހުރީ ފޯނުކުރާށެވެ. ދާނިޔަލް އެއައިގޮތަށް ފަހަތުން އައިސް ޒުބާގެ ފޯނު އަތުލައިގަނެ އަތުގެ ކޮޅަށް ހޫރައިލިއެވެ. ދާނިޔަލްއަށް ޒުބާއަށް ގޮތެއް ހަދައި ނުލެވިގެން އުޅެނިކޮށް އެތަނަށް ޒުބާގެ މަންމަ ސަމީނާއަށް އާދެވުނެވެ. އަދި ، ދާނިޔަލްވެސް އެތަނުން ދިޔައެވެ.

ހެނދުނުއްސުރެ މްނެދުރު ވީއިރުވެސް ، ޒުބާ ހުރީ އެއްޗެއް ނުކައެވެ. ކުރީ ރޭވެސް އޭނާ ފެންފޮދެއްވެސް ނުބޮއެވެ. ބަނޑުހައި ވެގެންގޮސް ހާންތިވާން ކައިރިވީމަ ، މަޑުމަޑުން ބަދިގެ ތެރެޔަށްގޮސް ޕާން ފޮއްޗެއް ނަގައިގެން ކާން އިންދާ ރޮޝްނާ އެތަނަށް އައިސް އެއްޗެތި ކިޔައިގަތެވެ. ރޮޝްނާ އެއްޗެތި ކިޔައިގަތީމަ ، ޒުބާގެ ހިތަށްވީ ތަދުން ، ކާޏްއިން ޕާންފޮތި ބާއްވާފައި ބަދިގެއިން ނުކުމެގެން ދިޔައެވެ.

ކޮޓަރިޔަށް ދިޔަތަނުން ޒުބާގެ ބަޑިފަޅައިގެން ދިޔައެވެ. އަޑުގެ ނެތްތަނަށް ޒުބާއަށް ރޮއިގަނެވުނެވެ. ގެންފައިހުރި ބިރާއި ލިބިފައި އޮތް ދެރަޔާ އަދި ވެފައި އިން ބަނޑުހައިގެ ސަބަބުން ، ޒުބާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. މިއަދު ، އޭނާއަށް އަޅައިލާނެ އެއްވެސް މީހަކު ނެތެވެ. މަންމަވެސް ހުރީ ފޫހިވެފައެވެ. ހުރީ ހަމައެކަނި އެންމެ ދައްތައެކެވެ. އެ ދައްތަވެސް އެހުންނަނީ އޭނާދެކެ ރުޅިއައިއް  ސައެވެ. ގޭގެ އެއްވެސް މީހެއްގެ އަޅާއިލުމެއް ޒުބާއަކަށް މިހާރަކު ނުލިބެއެވެ. އަނެއްކޮޅުން ، ސައިމް އެއޮތީ ހޮސްޕިޓަލުގައެވެ. ސައިމްގެ މަންމަމެންނެއްވެސް ޒުބާއަކަށް ހެވެއް ނޭދޭނެއެވެ. ސައިމް ދޫކޮށްލާފައި ޒުބާ ނުކުމެގެން އައިމަ ، ސައިމް އެހުންނަނީ ޒުބާދެކެ ފޫހިވެފައެވެ. އެމީހުންގެ ކައިވެނީގެ ޞައްޙަކަންވެސް މިހާރު އެއޮތީ ގެއްލިފައެވެ. އެ ކައިވެންޏަކީ އެއްވެސް ތާކު ރަޖިސްޓަރީ ކުރެވިފައިވާ ކައިވެންޏެއްނޫނެވެ. ކައިވެނީގެ ސެޓްފިކެޓޭ ކިޔާފަ ކަރީމުދިން ކަރުދާސްގަނޑުވެސް ، ޒުބާވަނީ އިރާލާ ކުދިކުދި ކޮށްލާފައެވެ. ކުދިކުދި ކޮށްފައި ޒުބާ ހޫރާލި ، ކައިވެނީގެ ސެޓްފިކެޓޭ އެބުނާ ކަރުދާސްތައް ، ސައިމްވަނީ ހޮވައިގެން އެއްކޮށްފައެވެ. އެ ހުރިހާ ކަރުދާސްކޮޅުތަކެއް އެއްކޮށްލައިގެން ކިޔަން އެނގޭވަރު ކުރެވޭނެކަމެއް ވެސް ނޭނގެއެވެ. އެކަން އެހެން ވެއްޖެނަމަ ، ޒުބާއާއި ޒައިމް ކައިވެނިކުރިކަން އެނގޭނެ އެއްވެސް ހެއްކެއް ނުއޮންނާނެއެވެ. ކަރީމް އެކުރިކަމެއް ކުރީ ބަޔަކަށް ލާރިކޮޅެއްދީގެން ކަމަށްވެސް ވެދާނެއެވެ. ސައިމްގެ އަތުގައިހުރި ލާރިކޮޅު އަތުލާފައި ، ކަރީމް އެވާނީ އެމީހުންނަށް މަކަރު ހަދައި ލަނޑެއްދިނީ ކަމަށެވެ. ކަރީމަކީ އެޒާތު މީހެކެވެ.

ސައިމް ދޫކޮށްލާފައި ޒުބާއައީ ، އެއީ އެވަގުތަށް އެންމެ ރަނގަޅުގޮތްކަމަށް ޒުބާއަށް ފެނިގެންނެވެ. ޙާލަތަށް ބަލާއިރު ، ސައިމްއަކަށް ޒުބާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަމެއް ނުދެވުނެވެ. ކައިވެނީގެ ރޭވެސް އުޅެން ޖެހުނީ ފުރާޅެއްނެތް ނިވަލެއްގެ ތެރޭގައި ހާސްކަންމަތީ ، ގުންޑާއިންނާ ތަޅާ ފޮޅުމުގައެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ ، ސައިމްއާއެކީ ޒުބާ ގެންގުޅުނު ކުރީގެ ގުޅުމަށް އިޢާދަ ވުމެވެ. އެއީ ، ރައްޓެހި ރަހުމަތްތެރިކަމުގެ ގުޅުމެވެ. ކައިވެންޏެއްގެ ގުޅުމަކީ ، ސަލާމަތާއި ރައްކާތެރިކަމާއެކީގައި ނޫނީ ދެމިއޮންނާނެ ގުޅުމެއް ނޫނެވެ.

ދާނިޔަލް ބޭބެއާއި ރޮޝްނާގެ ފަރާތުން އޭނާއަށް ބޭނުންވާ ލޯތްބާއި އަޅައިލުން ލިބެއެވެ. މަންމައާއި ބައްޕަ ، ޒުބާއަށް ފުއްދައިނުދެނީ ކޮންކަމެއް ހެއްޔެވެ ؟ އެ ހިނގައިދިޔަ ކަންކަމަށްފަހު ، އެއެންމެންގެ ލޯބި ، ޒުބާއަށް އަލުން އަނބުރާ ހޯދިދާނެ ހެއްޔެވެ ؟ އެއީ ނުވާނެކަމެއްވެސް ނޫނެވެ. ނުވުމަށްވުރެ ، ވުމާގާތުގައިވާ ކަމެކެވެ. އެކަމަކު ، ވަގުތު ނަގާނެއެވެ.

އެހުރިހާކަމެއްވެސް މެދުވެރި އެވީ ޒުބާއާ ހުރެއެވެ. އޭނާ އެންމެ ލޯބިވާ އެތައްބަޔެއްގެ ލޯބި ، އެންމެ ލޯތްބަކަށްޓަކައި އޭނާއެވަނީ ގެއްލުވައިލާފައެވެ. ކުށްވެރިޔަކީ އޭނާއެވެ. އެކަމުގެ އަދަބު އޭނާއަށް ޙައްޤުކަމަށް ޒުބާވެސް ޤަބޫލު ކުރެއެވެ. އޭނާއަކީ ، މިހާރު ދުނިޔެއިން ބޭކާރުވެފައިވާ މީހެކެވެ. އޭނާ ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް މިއަދަކު ނެތެވެ.

ވަރަށް އުނދަގުލުން ، ފިލަފިލައިގެން ސައިމް އޮތް ހޮސްޕިޓަލަށް ޒުބާ ދިޔައެވެ. ސައިމް ބާއްވާފައި އޮތް ކޮޓަރި ޒުބާ ހޯދީ ، ސައިމްގެ މަންމަގެ ފަހަތުން ގޮހެވެ. ޒުބާއާ ވާހަކަ ދައްކަން ސައިމް އިޤުތިރާޒު ކުރިއެވެ. އޭނާއާ ދިމާލަށް ޒުބާ ކިޔާފައިވާ އެއްޗިއްސާ އަދި އެމީހުންގެ ކައިވެނީގެ ސެޓްފިކެޓް ޒުބާ އިރައިލިކަން ސައިމް ހަނދާން އެބަހުއްޓެވެ. ދާނިޔަލ އޭނާއަށް ކުރި އަނިޔާގެ މަތިން ، ދުވަހަކުވެސް ސައިމް ހަނދާނެއް ނުނެތޭނެއެވެ. ދާނިޔަލް ކުރި އަނިޔާއިން ، އޭނާ މަރުގެ ތުންފަތްމަތީ އޮއްވާ ، ސަލާމަތްވީ ، ބަޔަކުމީހުން އޭނާ ހޮސްޕިޓަލަށް ގެނެސްދިނުމުންނެވެ. ހޮސްޕިޓަލަށް ނުގެނެވި ކުޑަތަންކޮޅެއް ލަސްވިނަމަވެސް ، ސައިމްގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެއެވެ.

ޒުބާއާ ސައިމް ވާހަކަ ނުދައްކާ ބިއްދޮށް ފަރާތަށް މޫނުލައިގެން އޮތެވެ. ޒުބާ އެތައް ވާހަކައެއް ދެއްކިއެވެ. ޒުބާ އެއައީ ، ސައިމްގެ ކިބައިން މަޢާފަށް އެދޭށެވެ. ސައިމްއާ ދިމާލަށް ޒުބާއަށް އެއްޗެތި ކިޔުނީ އުޅެންޖެހުނު ޙާލާމެދު ކަންބޮޑުވެގެންނެވެ. ސައިމް ދޫކޮށްލާފައި ޒުބާއައީ ، ޒުބާއަށް ސައިމްއާ ދިމާލަށް ކިޔުނު އެއްޗެތީގެ ސަބަބުން ސައިމްގެ ގާތަށް އައި ރުޅީގައި ، ޒުބާ ކޮށްޕާލައި އެތަނުންދާން ބުނުމުގެ ސަބަބުންނެވެ. ކުރާނީ ކީއްކަމެއް ޒުބާއަށްވެސް ނޭނގުނީއެވެ. ދާނިޔަލް ގޮސް ، ސައިމްއަށް އަމިޔާ ކުރުމަކީ ، ޒުބާކުރާނެ ކަމެއްނޫނެވެ. ޒުބާވެސް އެހުރީ އެކްސިޑެންޓަކުން ސަލާމަތް ވެފައެވެ. އަދި ދާނިޔަލް އަނިޔާކުރަން އުޅެގަތް ވަގުތު އެހެންމީހަކު އެދެމެދަށް ވަދެގެން ޒުބާ ސަލާމަތް ކުރީއެވެ. އެހެން ނޫންނަމަ ، ޒުބާއަށްވެސް ދާނިޔަލް އަނިޔާ ކުރީހެވެ.

ސައިމްއާ ޒުބާ ވާހަކަ ދައްކަން ހުޢްޓާ ، ސައިމްގެ މަންމަ އައެވެ. އޭރުވެސް ސައިމް އޮތީ ، އަނެއްފަރާތަށް އެނބުރި ދެލޯ މަރައިގެންނެވެ. ފާއިޤާ އައިސް ، ޒުބާގެ އަތުގައި ހިފައި ދަމާފައި ގެންގޮސް އެކޮޓަރިން ބޭރަށް ޒުބާ ހޫރާލިއެވެ. ޒުބާ އޭރުވެސް ގިސްލަގިސްލާފައި ރޮނީއެވެ.

ސަމީނާގެ ދައްތަ ސިތާރާއަށް އެގެޔަށް އާދެވުނުއިރު ، ޒުބާވަނީ ނަފްސާނީ ބައްޔެއްގެ ތެރެޔަށް ވަދެފައެވެ. ރަނގަޅަށް ނިދެނީކީ ނޫނެވެ. ހަމަޔަށް ނިދެނީކީ ނޫނެވެ. ޒުބާ އާ ވާހަކަ ދައްކާލާ އެއްވެސް މީހަކު އެގެޔަކު ނޫޅެއެވެ. ގޭގައި އުޅޭ އެންމެން އެކީގައި ކާއިރު ، ޒުބާ ހުރީ ކައިގެންތޯ ބަލައިލާނެ މީހަކުވެސް އެގެޔަކު ނޫޅެއެވެ. އެންމެ ދެރަވެގެން ، ޒުބާގެ އެއްބަނޑު އެއްބަފާ ދައްތަ ރޮޝްނާވެސް ، ޒުބާއަކާ އަޅައެއް ނުލައެވެ. ރޮޝްނާގެ ފިރިމީހާ ދާނިޔަލްގެ ކަންތައް އަދި މާބޮޑެވެ. ޒުބާ އައިއްސިއްޔާ ކާމޭޒުދޮށުގައި އިންނާކަށްވެސް ދާނިޔަލް ބޭނުމެއް ނުވެއެވެ. އެންމެ ފަހުން ، ޒުބާ އެގޭގައި ދިރިއުޅެންޏާ ، އެގެއިން ނުކުމެގެންދާން ވެސް ދާނިޔަލް ނިންމިއެވެ.

ޒުބާއާބެހޭގޮތުން ، އެގޭގައި ޢަމަލު ކުރެވެމުންދަނީ ، ރަނގަޅަށް ނޫންކަން ، ޒުބާގެ މަންމައާއި ބައްޕަޔަށް ވިސްނައިދިނުމަށް ސިތާރާ މަސައްކަތް ކުރިއެވެ. އެއީ ޒުބާގެ ޢަމަލުތައް ހުރިގޮތުން ކުރިމަތިވެފައި އޮތް ޙާލަތެއްކަން ، ސަމީނާ އޭނާގެ ދައްތަޔަށް ސާފުކޮށްދިނެވެ. ޒުބާއާ އެއްފުރައިގެ އަންހެން ދަރިޔަކު ، ސިތާރާގެވެސް ހުރެއެވެ. ޒުބާއަށް އެގޭގައި ހަމަޖެހިލައިގެން އުޅެވޭނެ ވަގުތެއް އެހާ ކައިރި މުސްތަޤްބަލެއްގައި ނުލިބޭނެކަން ސިތާރާއަށް އެނގުނެވެ. އެހެންކަމުން ، އޭނާއަށް ޒުބާ ދިނުމަށް ސަމީނާއާއި ސަމީރުގާތު ސިތާރާ އެދުނެވެ.

އެގެއިން އޭނާ ބޭރުކޮށްލެވޭގޮތަށް ގެއިން ނުކުމެގެން ދާކަށް ޒުބާ ބޭނުމެއްނޫނެވެ. އެހެންނަމަވެސް ، ސަމީނާވެސް އަދި ސަމީރުވެސް ބޭނުންވީ ، ޒުބާ އެގެއިން ނުކުމެގެން ދާށެވެ. އެމީހުންނަށް ޓަކައެވެ. އެމީހުނނާ ދިމާލަށް މީހުން ކިޔާ އެއްޗިއްސާ ކުރާ ބަދު ދުޢާއިން ސަލާމަތް ވުމަށްޓަކައެވެ.

ޒުބާ އެގެއިން ނުކުމެގެންދިޔައިރު އޭނާއަށް ހިތްހެޔޮކޮށްލުމަށްޓަކައި އެއްވެސްމީހަކު ކޮޓަރިޔަކުން ނުކުކުތެވެ. އެކި ކޮޓަރީގައި ވަކިވަކިން ޓަކިޖަހައި ، ރޮމުން  އެކިމީހުންނަށް ޒުބާ ގޮވިއެވެ. ޒުބާގެ އަޑުއިވުނު ނަމަވެސް އެއްވެސް މީހަކު ކޮޓަރިޔަކުން ނުނުކުތެވެ. އެންމެފަހުން ، މަންމަ ފަރާތު ބޮޑުދައިތަ ސިތާރާޔާއެކީ ، ޒުބާ ނުކުމެގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.