މައްކާ ކައިރީގައި ސައޫދީ އަންހެނެއްގެ ކާރުގައި ރޯކޮށްލައިފި

މާތްވެގެންވާ މައްކާގެ ކައިރީގައި އޮންނަ އަލްޖަމޫމު އަވަށުގައި ސައޫދީ އަންހެނަކު ދުއްވި ކާރެއްގައި ރޯކޮށް އަންދާލައިފިއެވެ. ސައޫދީ ފުލުހުން މިހާރު ވަނީ އެކަން ކުރުމުގައި ބައިވެރިވި ދެ މީހުން ހައްޔަރުކޮށްފައެވެ. އެކަކު ޕެޓްރޯލް ގަތްއިރު، އަނެކަކު އެއީ ކާރުގައި ރޯކުރިމީހާއެވެ.

ކޭޝިޔަރެއްގެ ވަޒީފާ އަދާކުރާ 31 އަހަރުގެ ސަލްމާ އައްޝަރީފު ބުނީ އޭނާގެ ކާރުގައި ގަސްތުގައި ރޯކޮށްލީ "އަންހެނުން ކާރު ދުއްވުމާ ދެކޮޅު ބަޔަކު" ކަމުގައެވެ.

"މައްސަލަ މިދަނީ ތަހުގީގުކުރަމުން" މައްކާގެ ފުލުުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ސައޫދީ އަރަބިއްޔާގައި އަންހެނުން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތުން ނިމުމަކަށް އައިސް، އަންހެނުން ކާރު ދުއްވަން ފަށާފައި ވަނީ ފާއިތުވި ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ކުރިން އެކަން މަނާކޮށްފައި އޮތީ، އަންހުނުން އަމިއްލައަށް އުޅަނދު ދުއްވުމަކީ ދެ ޖިންސު މަސްހުނިވެ، ބަދުއަޚްލާޤީ އަމަލުތަކަށް މަގުފަހިވާނެ ކަމަކަށް ވާތީ ކަމަށް ބުނެއެވެ.

ސަލްމާ ބުނީ، އޭނާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން ސަލާމަތްވުމުގެ ބޭނުމުގައި ކާރުދުއްވަން ފެށުމާއެކު އޭނާގެ އަވަށްޓެރި ފިރިހެނުންގެ ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ކަމުގައެވެ.

"އަހަންނަށް ލިބޭ 4000 ރިޔާލު (15000 ދިވެހި ރުފިޔާ) ގެ މުސާރަ ހޭދަކުރަން ޖެހެނީ، އަހަރެން ވަޒީފާއަށް ގެންދާށާއި، މުސްކުޅި މަންމައާއި ބައްޕަ ތަންތަނަށް ގެންދަން ކާރު ދުއްވާ ޑްރައިވަރަށް" އުކާޒު ނޫހަށް މައުލޫމާތު ދެމުން ސަލްމާ ބުންޏެވެ. "އެހެންނަަމަވެސް، އަހަރެން ކާރު ދުއްވަން ފެށި ފުރަތަމަ ދުވަހުން ފެށިގެން ފިރިހެނުން އަހަންނާ ދިމާއަށް ހުތުރު އެއްޗެތި ކިޔަން ފެށި."

ސައޫދީ ފަތުވާ މަޖިލީހުން އަންހެނުން ކާރުދުއްވުމަކީ އިސްލާމީ އުސޫލުތަކާ އެއްގޮތް ކަމެއް ކަމަށް ބުނުމާއެކު، ސައޫދީ ސަރުކާރުން އެޅި ފިޔަވަޅަކީ ރަނގަޅަށް ފިޔަވަޅެއްކަން ސައޫދީ ސަރުކާރުން ޔަގީންކޮށްދިނެވެ. އެހެންނަމަވެސް، ހަރުކަށި އުސޫލުގެ ބައެއް މީހުންގެ ފަރާތުން އެކަމާ ދެކޮޅަށް އަޑުއުފުލާފައި ވެއެވެ.

ދާޚިލީ ވުޒާރާއިން ބުނިގޮތުގައި 1 ލައްކަ 20 ހާހަށްވުރެ ގިނަ އަންހެނުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން އެދި ހުށަހަޅާފައި ވެއެވެ. އެހެންނަމަވެސް، މިހާތަނަށް ލައިސަންސް ދޫކުރީ ކިތައް އަންހެނުންނަށް ކަން ސާފު ނުވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.