ގާނޫނާ އެއްގޮތަށް ވޯޓާސް ލިސްޓަށް އިސްލާހު ހުށަހަޅައި ދެއްވާ: އީސީ

ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް (ވޯޓާސް ލިސްޓް) އަށް ހުށަހަޅާ އިސްލާހުތައް އިތުރުވާން ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެންމެ އިސްލާހެއް ހުށަހެޅުމަށްފަހު މަޑުޖެހުނު ކަމަށެވެ. އެހެންނަމަވެސް މިހާރު އެއަށް އިސްލާހު ހުށަހަޅަން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ނޫސްތަކުގައްޔާއި، ޕްރެސް ކޮންފަރެންސްތަކުގައި އިސްލާހު ހުށަހެޅުމުގެ ބަދަލުގައި އެކަން ކުރަން އޮންނަ އުސޫލުން ކުރުމަށް ވެސް ޝަރީފް އެދިވަޑައިގެންނެވިއެވެ. "އިސްލާހު ހުށަހަޅަން ހުޅުވާލުމުން ބައެއް ފަރާތްތަކުން ނޫހުގައާއި، ޕްރެސް ކޮންފަރެންސްތަކުގައި އިސްލާހު ހުށަހަޅާތަން އަޅުގަނޑުމެންނަށް ފެންނަނީ. ބުނަނީ ވޯޓަސް ލިސްޓުގައި މިހެން މިހެން އެބަހުއްޓޭ. އެކަމަކު އެ ހުރިހާ ކަމެއް އިސްލާހު ކުރަން މިހުށަހަޅަނީ. އަޅުގަނޑުމެން އެދިފައި އޮންނާނީ ގާނޫނީ ގޮތުން އިސްލާހު ހުށަހަޅަން އޮންނަ ގޮތަށް ހުށަހަޅުއްވައި ދެއްވާށޭ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުން އެގޮތަށް އެދިފައި އޮއްވައި އެގޮތަށް ހުށަހެޅުމުގެ ބަދަލުގައި އެހެން ތަންތާގައި އެވާހަކަ ދައްކަނީ އިސްލާހު ކުރަން ބޭނުންނުވާތީ ކަމަށް ބެލެވޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ އިތުރަށް ވޯޓާސް ލިސްޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށް ވެސް އޮނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.