ފިތުނަވެރި ސިޔާސީ ކަންތަކުގެ ތެރެއަށް އިލްމުވެރިންވަދެ ހަލާކު ވެގެން ނުވާނެ: ޑރ. ޝަހީމް

ފިތުނަވެރި ސިޔާސީ ކަންތައްތަކުގެ ތެރެއަށް ރާއްޖޭގެ އިލްމުވެރިން ވަދެ ހަލާކުވެ ނުދިޔުމަށް ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ "މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ބައެއް އިލްމުވެރިން އިދިކޮޅު އިއްތިހާދުގެ ތެރޭގައި އެމީހުންނަށް ނަސްރުދޭން މަސައްކަތް ކުރަމުންދާ މަންޒަރު. ދިވެހިރާއްޖޭގައި ދީނާއި ދައުލަތް ވަކިވެފައިވާ ސެކިޔުލަރ ދައުލަތަކަށް ދިވެހިދައުލަތް ހެދުމަށް މަސައްކަތް ކުރަމުންދާ ބަޔަކަށް އަދި މަސައްކަތް ކުރަމުންދިޔަ ބަޔަކަށް ދިވެހިރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ބަޔަކު މީހުން އެހީތެރިވާން މިޖެހުނީ ކީއްވެގެންތޯ؟ މިއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ އިލްމުވެރިންގެ އެ ފިކުރު ދޫކުރައްވައި ރައީސް އަބްދުﷲ ޔާމީން އަރިހުގައި ސާބިތުކަމާއެކީގައި އެބޭފުޅުން ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިސްލާމްދީނާ އަދާވާތްތެރި ބާރުތަކުން ބޭނުންވަނީ އިލްމުވެރިން ހަލާކުވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ރާއްޖޭގެ ހުރިހާ އިލްމުވެރިންވެސް ރައީސް ޔާމީންގެ އަރިހުގައި ސާބިތުވެ ތިއްބެވުން. ފިތުނަވެރި ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެ އެބޭފުޅުން ހަލާކުވެ ނުދިޔުން. އެހެނީ އިސްލާމްދީނާ އަދަވާތްތެރި ބާރުތަކުން ބޭނުންވަނީ އިލްމުވެރިންގެ ދުވަސް ދުއްވާލަން. އިލްމުވެރިންނަށް ގެއްލުންދޭން. އެއީ ރާވައިގެން ކުރާކަމެއް. އެކަމުގެ އަވާގައި އިލްމުވެރިން ޖެހި އިލްމުވެރިން ހަލާކުވެގެން ނުދިޔުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް މިސަރުކާރަކުން ޖާގައެއް ނުދޭނެ،" ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.