
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިނގުމާ ބެހޭގޮތުން އެޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އާ މިއަދު މަޝްވަރާ ކުރައްވައިފި ކަމަށް އީސީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވީ އެޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ އެވެ.
"އިއްޔެވެސް ފުލުހުންވަނީ އެއްވެސް އަސާސެއްނެތި ޖަޒީރާ ރައީސްގެ ޕޯސްޓަރަކަށް ހުރަސް އަޅައިފައި. އެ ވާހަކަ އިލެކްޝަނާ ހިއްސާ ކުރިން. އިލެކްޝަނުން ވިދާޅުވި އެކަން ހައްލު ކޮށްދެއްވާނެ ކަމަށް. އެކަމު މިއަދާ ހަމައަށްވެސް ހައްލެއްނެތް ލިބިފައެއް،" މަޝްވަރާއާ ބެހޭ ގޮތުން ޝިފާޒު ވިދާޅުވިއެވެ.
އެޕާޓީން މިއަދުވަނީ ރިޔާސީ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ވެސް ދޫކޮށްފައެވެ. "އެބައްދަލުވުން ބޮއިކަޓެއް ނުކުރަން. ވޯކްއައުޓް ކުރީ. އެއީ ވެސް އިއްޔެ އެދިމާވި މައްސަލައަށް އަދާ ހަމައަށް އައިއިރު ހައްލެއް ހޯދިފައި ނެތުމުން. އެހެން ދިމާވާ މައްސަލަތަކަށް ހައްލު ނުލިބޭ ކަމަށްވާނަމަ ތިބުމުގެ މާނައެއް އޮތްކަށް ނުދެކެން،" ޝިފާޒު ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެޕާޓީން މިހާރުވަނީ "ޖަޒީރާ ރައީސް" ގެ ނަމުގައި ރަސްމީކޮށް ކެންޕޭން ފަށައިފައެވެ.
އެމްޑީޕީން ރަސްމީކޮށް ކެންޕޭން ފެށިޔަސް ރައީސް ނަޝީދަކީ ޖަލުހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅަކަށްވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.