ހެއްވާ: ހަނދާން ނެތުން

ރިޔާޒަކީ މާލޭގެ މަޝްހޫރު އޮފީހެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ. އެ ދުވަސްވަރު އަޅުގަނޑުވެސް މަސައްކަތް ކުރަނީ އެ އޮފީހުގައެވެ. ރިޔާޒުގެ ގެ ހުންނަނީ މިހާރުގެ ރިޔާސީ ގަނޑުވަރު، ތީމުގެއާ ވަރަށް ކައިރީގައި އޮންނަ ގޯޅިއެއްގައެވެ. އޭނާ މަސައްކަތް ކުރާ އޮފީސް ހުންނަނީ އޮލިމްޕަސް ކައިރީގައި އޮންނަ ގޯޅިއެއްގައެވެ. މާލޭގައި އުޅުއްވާ ބޭފުޅުންނަކަށް ރިޔާސީ ގަނޑުވަރާއި އޮލިމްޕަހާ ދެމެދު ހުންނަ ދުރުމިން އޮޅިވަޑައެއް ނުގަންނަވާނެއެވެ. އެހެން ނަމަވެސް މާލެ ނޫން ރަށް ރަށުގެ ބޭފުޅުންނަށް އޮޅިވަޑައިގެންފާނެތީ ދަންނަވައިލާނަމެވެ. އެ ދެމެދުގައި ގާތްގަނޑަކަށް ކިލޯމީޓަރެއްހައި ދުރުމިން ހުންނާނެއެވެ.

ރިޔާޒަކީ ވަރަށް މަޑު މައިތިރި މިޒާޖެއްގެ ޒުވާނެކެވެ. އޭނާ އޮފީހަށް ދިއުމަށް ފަހު އެންމެ ބޮޑު އިސް ކަމެއްދޭ ކަމަކަށް އޮންނަނީ އޭނާގެ މަސައްކަތެވެ. މަސައްކަތް ނިންމައިފައި ނޫނީ އެހެން ކަމަކާ ދިމާއަކަށް ނޭނބުރޭނެ އެވެ.

ވަރަށް ގިނަ ފަހަރަށް ލިބޭ ހުސް ވަގުތު ތަކުގައި ކޮންމެވެސް ކަހަލަ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރުމަކީ ރިޔާޒްގެ އާދައެކެވެ. އޭނާ އެހެން ހުއްޓާ ދެކޭ ބައެއް މީހުން އޭނާ އަކީ ބުއްދި ހަލާކު ވެފައި ހުންނަ މީހެއް ކަމަށް ނުވަތަ ސިކުނޑި ރަނގަޅު ނޫން މީހެއް ކަމަށް ވެސް ބުނެ އެވެ. ދިވެހިން ޢާއްމު ކޮށް ބުނެ އުޅޭ ފަދައިން އޭނާ އަކީ ކިޔެވި ކިޔެވީނުން ގޮސް "ބޯ ގޮވައިފައި" ހުރި މީހެއް ކަމަށް ބުނާ އަޑު ވަރަށް ގިނައިން އިވެއެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންނަށް ރިޔާޒު ވަރަށް ކައިރީން ފެނި، އޭނާގެ ގޮތާއި ބާވަތް އެނގޭތީ އެއީ އެ ކަހަލަ މީހެއް ނޫންކަން ވަރަށް ރަނގަޅަށް އެނގެ އެވެ. އޭނާ އަކީ އާދަޔާ ޚިލާފަށް ވިސްނުން ތޫނު ޒުވާނެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ރިޔާޒު ޢާއްމުކޮށް އުޅެނީ ބައިސްކަލެއްގައެވެ. އެއް ދުވަހަކު އޭނާ އޮފީހަށް ދާން ބައިސްކަލުގައި ގެއިން ނުކުތް އިރު އެ ގޯޅިން އޯކިޑް މަގަށް ނުކުންނާން އޮތް ދިމާގައި މަގުމަތި ކޮނެގެން ކޮންމެވެސް ބަޔަކު މަސައްކަތް ކުރަނީއެވެ. އެހެންވީމާ އޭނާ އަށް ޖެހުނީ ބައިސްކަލު ދަމާފައި ގޮސް އޯކިޑް މަގަށް ނުކުންނާށެވެ. އެއީ ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތެވެ. އިރު މެދު ޖެހުނު ވަގުތެވެ. އެ ދުވަހަކީ އާދަޔާ ޚިލާފަށް ހޫނު ދުވަހެއްވެސް މެއެވެ. އޭނާ ގެއިން ނުކުތީ އޮފީހުގައި ތިބި އޭނާގެ ރައްޓެހިންގެ ގާތު ސައިބޯން އެބަ ދަމޭ ބުނެފައެވެ. އެއީ އޭނާއަށް ކޮންމެވެސް ކަހަލަ ޚާއްޞަ އުފަލެއް ލިބުނު ދުވަހަކަށް ވާތީ އޭނާ ރައްޓެހިންނަށް ސައި ދޭން ކަނޑައެޅީއެވެ.   

އޭނާ ގެއިން ނުކުންނަ ވާހަކަ ބުނީމާ އެންމެން ތިބީ ދޮރާށި ދޮށަށް ނުކުމެ އެވެ. ރިޔާޒް އައީ މި ނުކުންނަނީއޭ ބުނިތާ ސާޅީސް ފަސް މިނިޓް ފަހުންނެވެ. އައީ ބައިސްކަލު ދަމަމުންނެވެ. އެހެންވީމާ ލަސް ވީއެވެ. އޭނާ ފެނުނީމާ އެކަކު އަހައިލިއެވެ.

"ބައިސްކަލުގެ ހަން ފަޅައިގެން ދިޔައީ ހެއްޔެވެ؟"

އެ ވަގުތު އޭނާ ސިހިފައި ބުނެލިއެވެ. "އަސްތާއެވެ! އަހަރެން ހަނދާން ނެތުނީއެވެ. އޯކިޑް މަގުގައި މަސައްކަތެއް ކުރާތީ ބައިސްކަލު ދުއްވައިފައި ނާދެވިގެން ދަމަމުން އެ މަގަށް ނުކުތީއެވެ. މި ހިސާބަށް މި އާދެވުނީ ބައިސްކަލަށް އަރާން ހަނދާން ނެތިގެން ދަމާފައެވެ!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.